
މެއި 13، 2012 – ނައިބް ރައީސް ޑީން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ވެރިންނާ ބައްދަލުކުރައްވަނީ – ފޮޓޯ : ރައީސް އޮފީސް
މިއަހަރުގެ ރަމަޟާން މަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގާ ދީނީ ބައެއް ޕްރޮގްރާމްތަކަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އަމިއްލަފުޅަށް އެހީތެރިވެދެއްވާނެ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވެއްޖެއެވެ.
ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓްރީތަކުގެ އިސްވެރިންނަށް ތައާރަފުވުމުގެ ގޮތުން ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި އެމިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި ޑީން ވިދާޅުވީ މިއަހަރު އެމިނިސްޓްރީގެ ބަޖެޓްގައި ކަންކަންކުރާނެ ފައިސާ ނެތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، ބަޖެޓުގެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓަރ ޖިހާދު އާއިއެކު މަޝްވަރާކުރައްވާ އެމައްސަލައަށް 2013 ވަނަ އަހަރު ހައްލެއް ހޯދުން މުހިންމު ކަމަށެވެ.
އަދި މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކަށް އަންނަ އަހަރު ބަޖެޓް ކަނޑައަޅާއިރު ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ.
ޑީން އަދި ވިދާޅުވީ މިނިސްޓްރީން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ހޯއްދަވައިދެއްވެވުމަށްޓަކައި މިނިސްޓަރ ޝައިޚް ޝަހީމްގެ އަރިއަހުގައި އެމަނަކުފާނު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓްރީން ދީނީކަންކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް މިހާރުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް އެހީތެރިވެދެއްވާނެ ކަމަށް ނައިބް ރައީސް ވިދާޅުވެފައިވާއިރު، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު އެމަދަރުސާ ނިންމާ ހަތަރު ދަރިވަރަކަށް ޑީންގެ އަމިއްލަފުޅު ޚަރަދުގައި، ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުސަތުދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ މިމަހުގެ 9 ގައި ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ އެމިނިސްޓްރީއަށް ދިމާވެފައިވާ ދަތިތައް ނައިބް ރައީސާ ހިއްސާކުރައްވާފައެވެ.
















މިހާރުގެ ނާއިބްރައީސް ވަހީދުއްދީން އަކީ ދީލަތިބޭފުޅެކެވެ.އެމަނިކުފާނު އެޓޮލްސް މިނިސްޓަރ ކަމުގައި ދެއްވަދު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކުގައި ދަތިވަނީ ކޮންކަމެއްތޯ އެއްސެވުން އެވަގުތު އަޅުގަޑުމެންނަށް އެންމެބޮޑަށް ދަތިވިކަމަކީ ރަށުގެ ކަރަންޓް މައްސަލަކަން ދެންނެވުމުން ވިދާޅުވީ ތިމަން މަނިކުފާނު ތިކަން ހަމަޖައްސާ ދެއްވާނެކަމަށެވެ.ބޭނުންވަނީ ކިހާވަރެއްގެ ޖަނަރޭޓަރެއްތޯ އެއްސެވުމުން އަޅުމެން ބުނިވަރުގެ ޖަނެރޭޓަރެއް ހަދިޔާކުރެއްވިއެވެ.މިޖަނަރޭޓަރ ނުލިބުނުނަމަ މިހާރު ދެއްވަދޫގާ މިއޮތް ކަރަންޓް މިފެންރަށް ނުދެވުނީސްކަން ކަށަވަރެވެ.ވީމާ،ޑީންއަކީ ރައްޔިތުންގެ މުހިއްމުކަންތަށް ކޮށްދިނުމުގައި އަމިއްލަޖީބުން ހޭދަކުރައްވާ ލާމަސީލުބޭފުޅެކެވެ.