ރާއްޖޭގެ ޚަބަރު

ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ޤަވާއިދުތައް ބަދަލުކޮށްދެއްވުމަށް ރައީސަށް ދަންނަވާނަން : އިސްލާމިކް އެފެއާޒް މިނިސްޓަރ

ދިވެހި ސިފައިން އަދި ފުލުހުން – ފޮޓޯ : އެމްއެންޑީއެފް އަދި ޕޮލިސް

ދިވެހި ސިފައިން އަދި ފުލުހުން – ފޮޓޯ : އެމްއެންޑީއެފް އަދި ޕޮލިސް

ސިފައިންނާއި ފުލުހުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް، ޤަވާއިދުތައް ބަދަލުކޮށްދެއްވުން އެދި އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދަށް ސިޓީއެއް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ޝަހީމް މިއަދު ވިދާޅުވީ ތުނބުޅި ބެހެއްޓޭނެ ގޮތަށް ޤަވާއިދު ބަދަލުކޮށްދިނުމަށް އެދި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުން މިނިސްޓްރީގައި އެދެމުންދާ ކަމަށާއި، އެހެންވުމާއެކު އެކަމަށް ޕޮލިސީ ލެވެލްގައި ހައްލެއް ހޯދައިދިނުމަށް، އަންނަ ހަފްތާގައި ރައީސަށް ސިޓީއެއް ހުށަހަޅުއްވާނެ ކަމަށެވެ.
އަދި އެކަމަށް ރައީސް ވަޙީދު ފުރަގަސްނުދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް މުއައްސަސާތަކުގައި ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ޤަވާއިދުތައް ބަދަލުކުރުމަށް މިނިސްޓަރ ޝަހީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިލްތިމާސްކުރައްވާފައެވެ.
ޝަހީމް އެދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގެ ވަޒީފާގެ މާހައުލުގައި އެއްވެސް މުއައްސަސާއެއްގައި ތުނބުޅި ބާލަން މަޖުބޫރުކޮށްފައި ޤަވާއިދު ހެދުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ 21 ވަނަ ގަރުނުގެ ތަހުޒީބާއި ސަގާފަތާވެސް ފުށޫއަރާ ކަމެއް ކަމަށެވެ. އަދި ބަޔަކު ޤަބޫލުނުކުރިޔަސް، ތުނބުޅި ބެހެއްޓުމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް މަތިވެރި ސުންނަތެއް ކަމަށެވެ.
“އެއީ ވާޖިބު މާނައިގައި ދެކުނަސް ނުވަތަ މުސްތަހައްބު ކަމެއް ކަމުގައި ދެކުނަސް، މިއިން އެއްވެސް ކަމަކަށް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ހުރަސްއެޅުމަކީ ބާޠިލްކަމެއް ކަމުގައި ދެކެން. ދިވެހިރާއްޖެ ފަދަ ގައުމެއްގައި ސުންނަތަކަށް ހުރަސްއެޅުމަކީ ކުރެވިގެންވާނެ ކަމެއްނޫން. މިހެންކަމުން ރާއްޖޭގައި މިކަމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤަވާއިދުތައް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަދި ވަކި އުސޫލެއްގެ ދަށުން މިކަމަށް ފުރުޞަތު ފަހިކުރަން އިލްތިމާސްކުރަން” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމުގައިވާ އިންޑިއާ ފަދަ ގައުމުތަކުގައިވެސް މިފަދަ ކަންކަން މަނާނުކުރާއިރު، އަޅުގަނޑުމެންނަށް ވެގެން މިއުޅެނީ ކިހިނެއްތޯ އަދި ތަރައްޤީއަށް އޮތް ހުރަހަކީ ކޮބާތޯ މިނިސްޓަރ ވަނީ ސުވާލުކުރައްވާފައެވެ.
އަދި ޚާއްޞަކޮށް ސިފައިންނާއި ފުލުހުންގެ ތެރެއިން ތުނބުޅި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ނުދެވެނީ ކީއްވެތޯވެސް މިނިސްޓަރ ޝަހީމް ވަނީ ސުވާލުކުރައްވާފައެވެ.
“އިންޑިއާ، ގަތަރު، ކުވެއިތު އަދި އެމިރޭޓްސްގަވެސް އަދި ހުޅަނގުގެ އެތައް ގައުމެއްގައި މިފުރުޞަތު އޮންނައިރު ދިވެހިރާއްޖޭގައި މިކަން ނޯންނަންވީ ކީއްވެތޯ؟ މިކަމުގައި އިސްލާމީ ދުނިޔޭގައި އެތައް އެތައް ދަންނަބޭކަލުން ދެއްވާފައިވާ ފަޠުވާތައް މުރާޖިއާކުރުމަށް އިލްތިމާސްކުރަން” މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މާފުށީ ޖަލުގައި މަސައްކަތްކުރާ ޑީޕީއާރްއެސްގެ ޕްރިޒަން އޮފިސަރުންނަށް މިދިޔަ އަހަރު ކުރީކޮޅު ތުނބުޅި ބާލަން އެންގި މައްސަލައިގައި ކޯޓުއަމުރެއް ނެރުދިނުމަށް އެދި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ޕްރިޒަން އޮފިސަރުންތަކެއް މައްސަލަ ހުށަހަޅާފައިވެއެވެ.
އެމައްސަލައިގައި އެކޯޓުން މާޗް 2، 2011 ގައި ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމަކީ ވާޖިބެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާއިރު، އިސްލާމްދީނުގައި މިހާ މަތީ ދަރަޖައެއް ދެއްވާފައިވާ ކަމެއް ނުކުރުމަށް ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއްގައި ވަޒީފާ އަދާކުރާ މުސްލިމުންނަށް ނޭންގޭނެ ކަމަށެވެ.
ނަމަވެސް ނޮވެމްބަރު 30، 2011 ގައި ބަންޑާރަ ނައިބްގެ އޮފީހުން ހައިކޯޓުގައި އެޙުކުމް އިސްތިއުނާފުކުރުމާ ގުޅިގެން، މާޗް 11، 2012 ގައި ހައިކޯޓުން އެޙުކުމް ވަނީ ބާޠިލްކޮށްފައެވެ.
ޕްރިޒަން އޮފިސަރުންނަށް ތުނބުޅި ބޭލުމަށް އަންގާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެމައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގައި އެޗްއާރުސީއެމްއިން ބުނެފައިވަނީ ޑީޕީއާރްއެސްގެ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބޭލުމަށް ނޭންގޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމްދީނާ ހިލާފް އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ ރަސޫލުﷲ ޞައްލަﷲ އަލައިވަސައްލަމްގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން ތުނބުޅި ބޭލުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޭންގޭނެ ކަމަށާއި އެފަދަ ކަންކަމަށް ފުރުސަތު އޮންނަންވާނެ ކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.
އޭޕްރީލް 16، 2012 ގައި ގެޒެޓްކޮށްފައިވާ “ޕްރިޒަން އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ޔުނިފޯމް އެޅުމުގެ ގަވާއިދު”ގައި ވަނީ ޕްރިޒަން އޮފިސަރުންނަށް ތުނބުޅި ބެހެއްޓޭނެ ކަމުގައި ބަޔާންކޮށްފައެވެ.
ފުލުހުންގެ މުއައްސަސާއާއި އެމްއެންޑީއެފް ފަދަ މުއައްސަސާތަކުގައި ތުނބުޅި ބޭލުމަށް މަޖުބޫރުކޮށް ޤަވާއިދު ހަދާފައިވާތީ އެތަންތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ދަނީ އެކަމާ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި އެކަމަށް ޙައްލެއް ލިބޭތޯ އެމުވައްޒަފުން އެކިމަސައްކަތްތައް ކުރަމުންދާމުގެ މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، ވަކި އުސޫލެއްގެ ދަށުން މަތިމަސް ބެހެއްޓުމުގެ ހުއްދަ ދީފައިވާއިރު، ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިސްކަންދަރު ބިލްޑިންގެ މަލްޓިޕާރޕަސް ހޯލުގައި ފުލުހުންނަށް އަމާޒުކޮށްގެން، ސުންނަތް އޮޅުންފިލުވައިދިނުމަށް ކަމަށްބުނެ، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއި ޑރ. އަފްރާޝީމް ޢަލީ ދެއްވި ތަޤްރީރުގައި ސުންނަތުގެ ކަންތައްތަކަށް މަލާމާތްކުރާފަދަ މޭރުމަކުން ވާހަކަދައްކާފައިވާތީ ފުލުހުންގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
“ދިއިސްލާމް”އާ ވާހަކަދެއްކި ބައެއް ފުލުހުން ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާއާއި އަފްރާޝީމްފަދަ، ޞައްޙަ ސުންނަތުން ސާބިތުވާ ކަންތައްތަކާ ދެކޮޅަށް ފާޅުގައި ވާހަކަދައްކަމުންދާ އަދި މުޖުތަމަޢުގައި އިތުބާރުގެއްލިފައިވާ ބޭފުޅުން ލައްވާ އެފަދަ މައުޟޫއަކަށް ތަޤްރީރުކުރުވާފައިވަނީ ފުލުހުންގެ ތެރޭގައި ތުނބުޅި ބަހައްޓަން ބޭނުންވާ ކުދިންގެ ޢަދަދު ގިނަވަމުންދާތީ އެކަން އެމުއައްސަސާގައި ތިބި ބައެއް ވެރިންނަށް ހަޖަމުނުކުރެވިގެންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޢަބަދުﷲ ރިޔާޟަށާއި މަދީނާ ގްރެޖުއޭޓް ޑިގު ޢަލީ ރަޝީދު( އެސިސްޓެންޓް ކޮމިޝަނަރ) އަށް މިފަހަރު ﷲ ގެ ހެޔޮ ރަޙްމަތްފުޅާއި އެކު ހަކުރު އަޑުބައިގެ ދެކޮޅު ފެންނާނެ.
    ވިސްނަވާ ! ރަސޫލުﷲ ޞ.އ.ޥ ގެ އެންމެ ޙަދީޘް އަކަށް އިންކާރު ކުރިޔަސް އެއީ ކާފަރެއް ކަމަށް ޝައިޙް އާދަމް ޝަމީމް، “އުއްމަތަށްޓަކައި ކަރުނަ” ދަރުސް ގައި ވިދާޅުވި. ދެން މި ހަދީޘް ބައްލަވާ عن ابن عمر رضي الله عنه قال : قال رسول صلى الله عليه وسلم :
    ( خالفوا المشركين ، وفروا اللحى ، واحفوا الشوارب.) ﷲރުއްސުންލެއްވިއިބްނިޢުމަރުރިވާކުރެއްވިއެވެ ” ތިޔަބައިމީހުން މުޝްރިކުންނާއި ޚިލާފްވާށެވެ. ތުނބުޅިތައް ދޫކޮށްލާށެވެ. އަދި މަތިމަސްތައް ތުނިކުރާށެވެ.” މިއޮތީ އަމުރުކުރައްވާފައެވެ. ވީމާވާޖިބުވީއެވެ.

Your email address will not be published. Required fields are marked *