ރާއްޖޭގެ ޚަބަރު

ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ޤަވާއިދުތައް ބަދަލުކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ އިލްތިމާސްކުރައްވައިފި

ދިވެހި ސިފައިން އަދި ފުލުހުން - ދިއިސްލާމް ފޮޓޯ

 

ދިވެހި ސިފައިން އަދި ފުލުހުން - ދިއިސްލާމް ފޮޓޯ

ރާއްޖޭގެ ބައެއް މުއައްސަސާތަކުގައި ތުނބުޅި ބާލަން މަޖުބޫރުކޮށް ހަދާފައިވާ ޤަވާއިދުތައް ބަދަލުކުރުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ މާހައުލުގައި އެއްވެސް މުއައްސަސާއެއްގައި ތުނބުޅި ބާލަން މަޖުބޫރުކޮށްފައި ޤަވާއިދު ހެދުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެއީ 21 ވަނަ ގަރުނުގެ ތަހުޒީބާއި ސަގާފަތާވެސް ފުށޫއަރާ ކަމެއް ކަމަށެވެ. އަދި ބަޔަކު ޤަބޫލުނުކުރިޔަސް، ތުނބުޅި ބެހެއްޓުމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް މަތިވެރި ސުންނަތެއް ކަމަށެވެ.
"އެއީ ވާޖިބު މާނައިގައި ދެކުނަސް ނުވަތަ މުސްތަހައްބު ކަމެއް ކަމުގައި ދެކުނަސް، މިއިން އެއްވެސް ކަމަކަށް ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ހުރަސްއެޅުމަކީ ބާޠިލްކަމެއް ކަމުގައި ދެކެން. ދިވެހިރާއްޖެ ފަދަ ގައުމެއްގައި ސުންނަތަކަށް ހުރަސްއެޅުމަކީ ކުރެވިގެންވާނެ ކަމެއްނޫން. މިހެންކަމުން ރާއްޖޭގައި މިކަމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤަވާއިދުތައް ބަދަލުކުރުމަށް އިލްތިމާސްކުރަން. އަދި ވަކި އުސޫލެއްގެ ދަށުން މިކަމަށް ފުރުޞަތު ފަހިކުރަން އިލްތިމާސްކުރަން" މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމުގައިވާ އިންޑިއާ ފަދަ ގައުމުތަކުގައިވެސް މިފަދަ ކަންކަން މަނާނުކުރާއިރު، އަޅުގަނޑުމެންނަށް ވެގެން މިއުޅެނީ ކިހިނެއްތޯ އަދި ތަރައްޤީއަށް އޮތް ހުރަހަކީ ކޮބާތޯ މިނިސްޓަރ ވަނީ ސުވާލުކުރައްވާފައެވެ.
އަދި ޚާއްޞަކޮށް ސިފައިންނާއި ފުލުހުންގެ ތެރެއިން ތުނބުޅި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ނުދެވެނީ ކީއްވެތޯވެސް މިނިސްޓަރ ޝަހީމް ވަނީ ސުވާލުކުރައްވާފައެވެ.

"އިންޑިއާ، ގަތަރު، ކުވެއިތު އަދި އެމިރޭޓްސްގަވެސް އަދި ހުޅަނގުގެ އެތައް ގައުމެއްގައި މިފުރުޞަތު އޮންނައިރު ދިވެހިރާއްޖޭގައި މިކަން ނޯންނަންވީ ކީއްވެތޯ؟ މިކަމުގައި އިސްލާމީ ދުނިޔޭގައި އެތައް އެތައް ދަންނަބޭކަލުން ދެއްވާފައިވާ ފަޠުވާތައް މުރާޖިއާކުރުމަށް އިލްތިމާސްކުރަން" މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ ޑީޕީއާރްއެސްގެ ޕްރިޒަން އޮފިސަރުންނަށް މިދިޔަ އަހަރު ކުރީކޮޅު ތުނބުޅި ބާލަން އެންގި މައްސަލައިގައި ކޯޓުއަމުރެއް ނެރުދިނުމަށް އެދި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ޕްރިޒަން އޮފިސަރުންތަކެއް މައްސަލަ ހުށަހަޅާފައިވެއެވެ.
އެމައްސަލައިގައި އެކޯޓުން މާޗް 2، 2011 ގައި ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމަކީ ވާޖިބެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާއިރު، އިސްލާމްދީނުގައި މިހާ މަތީ ދަރަޖައެއް ދެއްވާފައިވާ ކަމެއް ނުކުރުމަށް ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއްގައި ވަޒީފާ އަދާކުރާ މުސްލިމުންނަށް ނޭންގޭނެ ކަމަށެވެ.
ނަމަވެސް ނޮވެމްބަރު 30، 2011 ގައި ބަންޑާރަ ނައިބްގެ އޮފީހުން ހައިކޯޓުގައި އެޙުކުމް އިސްތިއުނާފުކުރުމާ ގުޅިގެން، މާޗް 11، 2012 ގައި ހައިކޯޓުން އެޙުކުމް ވަނީ ބާޠިލްކޮށްފައެވެ.
ޕްރިޒަން އޮފިސަރުންނަށް ތުނބުޅި ބޭލުމަށް އަންގާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެމައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގައި އެޗްއާރުސީއެމްއިން ބުނެފައިވަނީ ޑީޕީއާރްއެސްގެ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބޭލުމަށް ނޭންގޭނެ ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި އިސްލާމްދީނާ ހިލާފް އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ ރަސޫލުﷲ ޞައްލަﷲ އަލައިވަސައްލަމްގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން ތުނބުޅި ބޭލުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޭންގޭނެ ކަމަށާއި އެފަދަ ކަންކަމަށް ފުރުސަތު އޮންނަންވާނެ ކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

އޭޕްރީލް 16، 2012 ގައި ގެޒެޓްކޮށްފައިވާ “ޕްރިޒަން އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ޔުނިފޯމް އެޅުމުގެ ގަވާއިދު”ގައި ވަނީ ޕްރިޒަން އޮފިސަރުންނަށް ތުނބުޅި ބެހެއްޓޭނެ ކަމުގައި ބަޔާންކޮށްފައެވެ.
ފުލުހުންގެ މުއައްސަސާއާއި އެމްއެންޑީއެފް ފަދަ މުއައްސަސާތަކުގައި ތުނބުޅި ބޭލުމަށް މަޖުބޫރުކޮށް ޤަވާއިދު ހަދާފައިވާތީ އެތަންތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ދަނީ އެކަމާ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި އެކަމަށް ޙައްލެއް ލިބޭތޯ އެމުވައްޒަފުން އެކިމަސައްކަތްތައް ކުރަމުންދާމުގެ މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، ވަކި އުސޫލެއްގެ ދަށުން މަތިމަސް ބެހެއްޓުމުގެ ހުއްދަ ދީފައިވާއިރު، ފުލުހުންނާއި ސިފައިންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ.

މިދިޔަ އަންގާރަ ދުވަހު އިސްކަންދަރު ބިލްޑިންގެ މަލްޓިޕާރޕަސް ހޯލުގައި ފުލުހުންނަށް އަމާޒުކޮށްގެން، ސުންނަތް އޮޅުންފިލުވައިދިނުމަށް ކަމަށްބުނެ، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއި ޑރ. އަފްރާޝީމް ޢަލީ ދެއްވި ތަޤްރީރުގައި ސުންނަތުގެ ކަންތައްތަކަށް މަލާމާތްކުރާފަދަ މޭރުމަކުން ވާހަކަދައްކާފައިވާތީ ފުލުހުންގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"ދިއިސްލާމް"އާ ވާހަކަދެއްކި ބައެއް ފުލުހުން ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާއާއި އަފްރާޝީމްފަދަ، ޞައްޙަ ސުންނަތުން ސާބިތުވާ ކަންތައްތަކާ ދެކޮޅަށް ފާޅުގައި ވާހަކަދައްކަމުންދާ އަދި މުޖުތަމަޢުގައި އިތުބާރުގެއްލިފައިވާ ބޭފުޅުން ލައްވާ އެފަދަ މައުޟޫއަކަށް ތަޤްރީރުކުރުވާފައިވަނީ ފުލުހުންގެ ތެރޭގައި ތުނބުޅި ބަހައްޓަން ބޭނުންވާ ކުދިންގެ ޢަދަދު ގިނަވަމުންދާތީ އެކަން އެމުއައްސަސާގައި ތިބި ބައެއް ވެރިންނަށް ހަޖަމުނުކުރެވިގެންނެވެ.

ގުޅުންހުރި

32 ޚިޔާލު

  1. ަ މާޝާﷲ!!!!!!!!!!!

  2. ވަރަށް ރަނގަޅު. މިކަމަކީ ޓޫރިޒަމް ދާާާއިރާގައިވެސް ހުއްދަ އޮންނަން ޖެހޭނެކަމެއް.

  3. މާޝާﷲ!! މިނިސްޓަރ މިކަން ސަރުކާރުގެ ފަރާތުން މަޖްލީހަށް ލައިގެން އެކުދިންނަށް ތުނބުޅިބެހެއްޓުމުގެ ފުރުޞަތު ހޯދައި ދިނުމަށް ގޮވާލަން!!! ޝަހީމަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާށި!!

  4. ތިދުވަހަކަށް އިންތިޒާރުމި ކުރަނި.
    ޝަހީމް ވަޒީފާއިން ވަކިނުކޮށްފިޔާ ވެދާނެ!

  5. ތި ޤާނޫނުތައް ބަދަލު ވުމަކީ ވަރަށް ދެކޭ ހިތް ވާ ކަމެއް.

  6. ތުބުޅި ބާލާ މަތިމަސްކޮށަށް މީގެ 30 އަހަރު ކުރިން ފެށިގެން ސިފައިންނަށް ވަނީ ވަރަށް ހަރުކަށި ކަމެއްގެ ގޮތުގައި އަންގަމުން ދެއެވެ. އެއީ ސިފައިންގެ ތެރޭގައި ވެސް ވެރިންގެ ގޮތުގަައި ތިބޭ ގިނަ މީހުންނަކީ ދީނީކަންކަމަށް ދީނުގައި އޮންނަ ގޮތް ބަލާނުލާ ކަންކަން އަންގަމުން ދާ ބަޔަކަށް ވާތީ އެވެ. މިހާރު ދެން ފުލުހުންގެ ތެރޭގައި ސުންނަތަށް އުޅެން ބޭނުންވާ މަދު ކުދިންނަކީ ވަރަށް ކުރީއްސުރެ އެމަސައްކަތް ކުރަން ފަށާފައި ފުލުސް ވެރިންގެ ރުހުމެއް ލިބިފައިނުވާތީ އެކަމާއި ކަންބޮޑުވުން ފުލުހުންގެ މުއަސަސާގައި ފާޅުކުރަމުން އަންނަ ބަޔެކެވެ. ވާގޮތަކީ ފުލުހުންގެ ތެރޭގައިވެސް ގިނަ ވެރިންނަކީ ކުރީ ސިފައިގެ ދައުރުގައި އެނާތަހުޒީބީ ސަގާފަތް ދިރުވަން އުޅޭ ބައެއްކަމަށް ވާތީ އެވެރިންވެސް ބޭނުންވަނީ ސުންނަތަށް ފުރައްސާރަ ކުރަން ކަމަށް ފެނެއެވެ. އެހެން ނޫނީ ދެން ކޮންކަމެއް ބާ ހިތަށް އަރައެވެ. މިއީ ރަސޫލުﷲ ގެ ސުންނަތުން ސާބިތުވެ އެއަށް އެއްވެސް މީހަކު ސޭހެކޭ ކިޔާ ދީނީ ކިޔަވައިގެން ހުއްޓަސް ފާޑު ނުކިޔޭނެކަން އެފަތުވާ ދޭ މުޖުތަމައު ޤަބޫލް ނުކުރާ ސޭހުން ވެސް ގަބޫލް ކުރާނެއެވެ. އެހެން ނަމަވެސް ފުލުހުން ތުބުޅި ބެހެއްޓުމަށް ބޭނުން ވާތީ ފުލުހުންގެ ތެރޭގައި މިކަމަން ހިތްހަމަ ނުޖެހޭ މަދުބަޔަކު އަޑީގައި ތިބެގެން ފުލުހުން އެއްކޮށް ފައި އެތަނުގައި ތަނުގައި ތަޅުލާފައި ނުނިކުމެވޭ ނެކަމަށް ބުނެ ފުލުހުންގެ ސިކުޑިތަކަށް އެމެސެޖް ދޭން ވަރަށް މަސައްކަތް ކުރިކަން ހިތާމަޔާ އެކު ފާހަގަ ކުރަމެވެ.

  7. ފުލުހުންގެ ވެރިއަކަށް ހުރީ ކާކުކަން ރަގަޅަށް ބަލާބަލަ . ކިހިނެއް ތިކަން ފުލުހުންގެ ތެރޭގައި ކުރެވޭނީ ތިކަމެއް މިސަރުކާރުން ވާނެއެކޭ ނުބުނާނަން އެހެން ނަމަވެސް ހެޔޮވެރިކަމެއް ކުރާ ބަޔަކަށް މިއީ އެއްވެސް ކަމެއް ނޫން

  8. މާޝާ ﷲ

  9. ސިފައިންގެ މީހެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑުމެން ވަރަށް ބޭނުންވެފަ ހުރި ކަމެއް.ސިފައިންގެގަވެސް ސުންނަތަށް ލޯބިކުރާ ،ސުންނަތަށް އުޅޭ 500 އަށް ވުރެ ގިނަ ކުދިން އުޅޭ. އަޅުގަނޑުމެންވެސް މިކަމަށް ވަރަށް މަސައްކަތްކޮށްފިން. އެހެންކަމުން މިކަމުގައި އިސްލާމިކް މިނިސްޓަރގެ އަމުރެއް ސިފައިންގެ މުއައްސަސާއަށާއި، ފުލުހުންގެ މުއައްސަސާއަށް ލިޔުމުން ކޮށްދިނުމަށްއެދެން.އަދި މިކަމަކީ މިނިސްޓަރގެ ވާޖިބެއްކަމުގައިވެސް ދެކެން.

  10. މައުމޫނާއި، ނަޝީދުގެ އެތްގޮތް ކަންތައްތައްތަށް 1- ދެމީހުންގެވެސް ތުބުޅި މަތިމަހެއް ނުހުންނާނެ، 2- ދެމީހުންގެ އަންބިން ﷲ ވާޖިބު ކުރެއްވި އައުރަ ނިވާއެއް ނުކުރާނެ، 3- ދެމީހުންގެ އަންހެން ދަރިންވެސް ﷲ ވާޖިބު ކުރެއްވި އައުރަ ނިވާއެއް ނުކުރާނެ، 4- ދެމީހުން ވެސް ދީނީ ދަންނަ ބޭކަލުންނަށް ގޯނާކުރި، އެގޮތުން މައުމޫނު ގޯނާކުރި މީހުންގެ ތެރޭގައި ޝޭހު ޖަނާބު، ފަރީދު، އިދުރީސް ނަޝީދު ގޯނާކުރި މީހުންގެ ތެރޭގައި އިލްޔާސް އިމްރާނު، ޝަޙީމް ހިމެނޭ؟

  11. ޢަބްދުﷲ ރިޔާޟާއި މަދީނާ ޔުނިވަރސިޓީން ގްރެޖުއޭޓް އޭ.ސީ.ޕީ ޢަލީ ރަޝީދު ވަޒީފާގެ އެދުމުގައި ފޯވެފައި ހުރެ ﷲގެ ހުކުމަށް މަލާމާތްކުރުމަށް ދެން މިތަނަށް އެފަދަ ބާޠިލު ވާހަކަ ދައްކަން އިތުބާރު ހުރި ޢިލްމުވެރިން ނޯ ކޮންފިޑެންސް ޓެގް ޖައްސަވާފަވާ މީހުން ނުގެންނާތި. ޢަބްދުﷲ ރިޔާޟާއި ޢަލީ ރަޝީދާއި، މިކަން ވިޔަކަ ނުދިނުމަށް މަރު ދިނަސް ﷲ އެކަލާންގެ ދީން ގަދަ ކުރައްވާނެ. ވިސްނާލަބަލަ. މި ކުޑަ ކުޑަ ޖަޒީރާ ރައްތަކަށް އިސްލާމްދީން ފާޅުކުރެއްވި ގޮތް. އިސްލާމްދީން ހޯދުމަށް ކުރި އެއްވެސް ކަމެއް ނެތި ﷲ ގެ އޯގާ ވަންތަ ކަމުން އަޅުގަނޑުމެންނަށް އެ ނަޞީބު ދެއްވީ. ސައޫދީ އަރަބިއާ އާއި ރާއްޖެ ނޫން އެހެން އެއްވެސް ގައުމެއް ދައްކަބަލަ ﷲ ގެ އެއްކައުވަންތަ ކަން ނޫން އެގެން ގޮވުމަކަށް ގޮވުން މަނާ ގައުމެއް. ގޫގްލް ކޮށްލައިފި ނަމަ ރިސަލްޓް އަކީ ” ޔޫ އާ މޭޑް”. މަދީނާ ޔުނިވަރސިޓީ ގްރެޖުއޭޓް ކުރިމަތީ ދެ ޑޮކްޓަރުން އިސްލާމް ދީން އޮޕަރޭޝަން ކޮށްލި އިރުވެސް ޝައިތާނު އިނީ ދަތްޕިލަ އިސްތިހާރު ކޮށްގެން. ފުލުހުންގެ ތިހާ މަތީ ރޭންކެއްގައި ހުރެ އިސްލާމް ދީނާއި، ގާނޫނު އަސާސީ އާއި އިންސާނީ ހައްގު ވެއްޔާ މޮޑެލީ. ތީ ތިމީހުންގެ އަޞްލު

  12. ސިފައިންނާއި ފުލުހުންގެ އަންބިން ބުރުގާ އަޅައިގެން އުޅޭއިރު، ފިރިންނަށްވެސް ތުބުޅި މަތިމަސް ބަހައްޓައިގެން އުޅެވެން ވާނެ، މިކަމެއް މަނާކުރެވިގެން ނުވާނެ އިންސާނީ ހައްޤު ނިގުޅައިގަނެވެނީ މިފަދަކަންކަން ކުރެވޭނަމަ؟

  13. އަޅުގަނޑުމަސައްކަތް ކުރާ މުއައްސަސާގައި އަޅުގަނޑުދެކެން އެންމެ ބޭނުންވާ އެއްދުވަސް އެއީ ތުބުޅި ބަހައްޓައިގެން ސިފައިންގެ ޔުނީފޯމުގަިއ މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގައުމައް މާ ވަފާތެރިވާނެ…މާ އިޚުލާސްތެރިވާނެ. މިދުވަހައް އުންމީދުކުރާތާ ގާތްގަނޑަކަށް ނުވައަހަރު ވެއްޖެ. ހުރިހާ ބޭފުޅުންވެސް މިފަހަރު ދޫނުކޮށް މަސައްކަތް ކޮއްދެއްވަންވީ…ކާމިޔާބު ވާނެ އިންޝާ ﷲ.

  14. ﷲ އިރާދަ ކުރެއްވިއްޔާ އަދި ސިފައިން ތެރޭގައި މިހުންނަ ޤަވައިދުތައް އިސްލާހުކުރާނެ، އަދިވެސް ނުވިސްނެނީ ކީކުރަނީ މިހާރު ހުރި ޗީފް އަކީވެސް މިސްކިތްވެސް ފެންނަމީހެއްނޫން ވިޔާ، އެކަމަކު ދުޢާ ކުރަން އެބޭކަލުންނަށް ހެޔޮ ވިސްނުން ލެއްވުމަށް، އަހަރެމެން މިތިބެނީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުން އެކަހެރިވެފަ، އެ މަތިވެރި އުސޫލުތަކަށް އުޅުމުގެ މަގު ބަންދުވެފަ، އަހަރެން ޤަބޫލް ކުރާގޮތުގައި ޝެއިޙް ޝަހީމް އަކީ ޙައްޤަ މަސައްކަތް ކުރައްވާ ބޭފުޅެއް، މިހާރު އަޅުގަންޑުމެންގެ މިނިސްޓާރ (ޑިފެންސް މިނިސްޓަރ) ރިޓަޔާޑް ކާނަލް މުޙައްމަދު ނާޛިމް އަކީ ހިތްހެޔޮ ވިސްނޭ ބޭފުޅެއް އެހެން ކަމުން ޝަޙީމުމެން ކަޙަލަ ބޭފުޅުން އަޅުގަނޑުމެގެ މުއައްސަސާގައި ހުރި ސުންނަތާ ފުށުއަރާ ޤަވައިދުތައް ރަނގަޅުކުރުމަށް މަސައްކަތް ކޮދެއްވުން އެދި އަޅުގަނޑުމެން އާދޭސް ކުރަން ، މާތްﷲ ދިވެހި ސިފައިންނަށް ކެއްތެރިކަން މިިންވަރު ކުރައްވާށި ” އާމީން”

  15. މިއުޅޭ މީހުން ތުބުޅިޔާ ދެކޮޅުވެގަނެގެން މިއުޅެނީ ކޮންކަމެއް ހާސިލްކުރަން؟ ބަލަގަ ސިފައިން، ފުލުހުން، ރިސޯޓްތައް އަދި މުޅިރާއްޖޭގައި ތުބުޅި ބަހައްޓާ އަދި ސުންނަތަށް ލޯބިކުރާ މީހުން ދާނީ ގިނަވަމުން ”އިންޝާ ﷲ”

  16. ފުލުސްއޮފިސަރުންނާއި އާއްމު ފުލުހުންނަށް ތުނބުލި ބެހެއްޓޭގޮތަށް ގަވައިދު އިސްލާހު ނުކުރާނަމަ ކޯޓުއަމުރަކަށް ދާނެކަމަށް ނަންހާމަކުރަން ބޭނުންނުވާ ފުލުސް އޮފިސަރަކު ބުނެ…އަދި ކޯޓުއަމުރަކަށް އެދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ބުނުއްވި…. އަވަހަށް ގަވައިދު އިސްލާހުކުރޭ…..

  17. ތިކަން ވަރަށް ސާފު! ތުނބުޅި ބެހެއްޓުން މުއައްސަސާއަކުން މަނާކޮށްގެން އެކަން މަނާ ނުކުރެވޭނެކަމަށް ޝަރީޢަތުންވަނީ ނިންމަވާފައި. އެކަން ހުށަހަޅުއްވައިގެން ކާމިޔާބު ހޯދެއްވި ބޭފުޅާއާއި އިންޓަރވިއުކޮށް އެކަން މީޑިއާ ތަކަށް އެހާފުޅާ ދާއިރާއެއްގައި ތިލަވެގެން ނުދާތީ އެކަން ކުއްވެރިކުރަން. ވީއިރު ސިފައިންނެއް / ފުލުހުންނެއް ކަމަކު އަދި އެހެން މުއައްސަސާއެއްގެ މުއައްޒަފެއް ނަމަވެސް ތުނބުޅި ބަހައްޓައިގެން އެ މުވައްޒަފަކާމެދު ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ އެތަނަކުން ނަގަންޖެހޭނެ. މިހާ ފުޅާ ދާއިރާއެއްގައި މި ބަހުޘްކުރެވެމުންދާއިރު ތުނބުޅި ނުބާލައި ހުރެގެން މުއްޒަފަކާއިމެދު ހަރުކަށި ފިޔަވަޅެއް އަޅާފައިވާނަމަ އެކަންވެސް ގެނެސްދެއްވުމަކީ ތުނބުޅީގެ ނަލަކަމަށް ޝަޢުޤުވެރިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދޭކަމެއް. އެކަމަށް އެއްބަސްވާ ގިނަ ބަޔަކު އެއްފަހަރާ ތުނބުޅި ބަހައްޓަމާ ބަހީ. ބަހައްޓަން ނުޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން.

  18. އުމަތަށް ނަސްރު ލިބިފައި ވަނީ ތުބުޅި ބަހައްޓައިގެން އުޅުނު ސިފައިންނާއި ފުލުހުން އިސްލާމީ އުއްމަތުގައި ވަޒީފާ އަދާކުރި ދުވަސްވަރު، ނިކަންބަލާބަލަ ތާރީހު އުމަރުގެފާނު ދުވަސްވަރު، އަދި އުމަރު ބިން އަބުދުލް އަޒީޒުގެ ދުވަސްވަރު އެދުވަސް ވަރު ދައުލަތުގެ ހުރިހާ މުވައްޒަފުން އެހާމެ ދީންވެރި ވަކި މީހެއްނޫން ދީންވެރިވާންވީ ހަމަ ކޮންމެ ފަރުދަކުވެސް ދީންވެރިވެވިދާނެ؟

  19. މިފަހަރު މި ސަރުކާރު ދީނަށް ލޯބިކުރާ ވަރު އެނގިގެން ދާނެ….

  20. ފުލުހުންގެ ތެރޭގައިވެސް އުޅޭ ޝޭހުން، ނަމަވެސްް މިފަދަ ޝޭހުން މިފަދަ ކަންކަން އިސްލާޙް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ.. މިއީ ހިތާމަ ހުރި ކަމެއް..

  21. އިންޝާﷲ ހުއްދަ ލިބޭނެ!!

  22. ވޭތުވެ ދިޔައީ ތިބުނާ ހެޔޮވެރިކަމުގެ ތިން އަހަރު! ކީއްވެބާ އެކަހަލަ އަޑެއް ހާހިސާބުވެސް ނީވުނީ؟ ޑިމޮކުރޮސީ ދަށަކުން ނުކުރެވޭނެ އެއްވެސް ހެޔޮވެރިކަމެ!

  23. ޝަޙީމަކީ ޙައްޤަށް ބަސްބުނާ މީހެއްކަން މިހާރު އަހަރެން ޤަބޫލްކޮށްފިން. ތިއީ މިހާތަނަށް އެއްވެސް ވަޒީރަކަށް ބުނަން ނުކެރިފަ އޮތް ބަހެއް. ވީ ސެލިއުޓް ޝަހީމް

  24. ހުއްދައެއް ހޯދާކަށެއް ނުޖެހޭ އެއީ ﷲ ދެއްވާފައިވާ ހުއްދައެއް، ޕޮލިހުން، ސިފައިން ނަމާދުކޮށް ރޯދަހިފާ ޕޮލިސް ސިފައިންގެ އަނބިން ބުރުގާ އަޅާފަދައިން ސިފައިން ފުލުހުންނަށް ތުބުޅި މަތިމަސް ބެހެއްޓޭނެ އެކަމަކަށް އެއްވެސްމީހެްއގެ ހުއްދައެއް ބޭނުމެއް ނުވާނެ ހަމައެކަނި އެކަން ސިފައިންނާއި ފުލުހުންގެ އަމަލުން ދައްކަންވީ!

  25. މީމައުމޫނުގެ 30 އަހަރު އިޔާދަވަމުން އަންނަ ސަރުކާރެއް، ދީނަކަށް އެއްވެސް ލޯބެއް ހުރުމަތެއްވެސް ކުރާ ސަރުކާރެއްނޫން، އެކަން ފެނޭ ނުންތޯ މިސަރުކާރުގެ ބަހާއި އަމަލުން!

  26. މިސަރުކާރުުން ވަރަށްއަވަހައް ސުންނަތަށް އުޅުމުގެ ފުރުސަތުހޯދާ ދެއްވާނެ އެއީ ސުންނަތަށް އުޅެންޖެ ހެނީ ވަކިމުއައްސަސާއެއްގެ ބައެއްނޫން ފުލުހުންނެކޭ ސިފައިންނެކެޭ އިމިގުރެޭސަނެކޭ ކަސްޓަމެކޭ ތަފާތުވެގެންނުވާނެ ކުރީގެސަރުކާރު ލާދީނީވެފައި މިސަރުކާރުގެ އަމަލުތަށްވެސް އެގޮތަށް ހުންނައްްޏާ އަންނި ސަރުކާރެކޭ އިއްތިހާދު ސަރުކާރެކޭ ލާދީނީގޮތުންތަފާތެއް ހުރިކަމަށް ބުނެވެޭކަށްނެތް

  27. އިންޝާ ﷲ ވަރަށް ރަގަޅުކަމެއް، އެކަމު ކޮންމެހެން ތުބުޅި ނުބެހެއްޓޭއިރު ފޮލިސް ނުވަތަ އެމް.އެން.ޑީ އެފް ގައި ތިބުން ތޯ މަޖުބޫރީ ނޫނީ މިނިކަމެތި އިންސާނާ ހައްދަވާ ހަމައެކަނި އެފަރާތަން އަޅުކަން ކުރަން އެންގިފަރާތުގެ އަމުރުފުޅަށް ކިޔަމަން ގަތުންތޯ އޮތީ،، އެދުވަހު އެކަލާންގެ ހަޒުރަތުގައި ބުނެވޭނޯތޯ އަޅުގަނޑު މަސައްކަތް ކުރާ އޮފީހުގެ ހުއްދަނެތީއޭ ސުބުހާނަﷲ ހެއްދެވިފަރާތަށް ތަޢުބާވެ ބިރުވެތިވުމަށް ގޮވާލަން.

  28. ދީނީ ގޮތުން ބަލާއިރު އަންހެނެއްގެ ހެދުން ހުންނަންޖެހޭ މިންގަޑަށް ހެދުން އެޅުމަށް ދަތިވާގޮތަށް ހަދާފަ ހުރި ގަވާއިދު ތައްވެސް ބާތިލް…. އެވެސް ބަދަލް ކުރަން ޖެހޭނެ… އަދި އުޅޭނެ އެކަހަލަ ބައިވަރު ކޫސަނި ގަވާއިދުތައް…. މައުމޫނީ މަޒުހަބުގެ ޢިލްމްވެރިން އދި އަންނި މަޒްހަބްގެ އިލްމްވެރިން ތިއްބަ އެހާ ފަސޭހައިން ތިކަހަލަ ކަންތައް ވިޔަކަ ނުދޭނެ.. އެމީހުންގެތާ އެންމެ ތާޢީދު ބޮޑީ ..ވެރިން ހޮވަނީ ވެސް އެމީހުން ގެނެސްގެން އުޅޭ ނިޒާމެއްގެ ދަށުން ދެއްތޮ؟؟

  29. ައަޅުގަނޑަކީ ޕޮލިސް އޮފިސަރެއް. ހުއްދަނުދީފިކަމަށްވާނަމަ ޖެހޭނީ މިކަމަށް ތާއީދު ކުރާ 1000 ފުލުހުންނާއި އެކު ހައްގު ހޯދަން ނިކުންނަން ޖެހޭނެކަމަށްް ދެކެން. ވަރަށް ދުވަހު ކެތްކުރެވިއްޖެ ވާހަކަ ދަންނަވާލަން. ވަރަށް ސަލާން.

  30. ތުބުޅި އެކަންޏެއްނޫން. ކޮން ޤާނޫނަކުންތޯ ސިފައިންނާއި ފުލުހުންނަން ބިދޭސީންނާއި ކައިވެނި ކުރުން މަނާކުރެވޭނީ. އެއީވެސް ޤާނޫނު އަސާސީއާއި ފުށުއަރާކަމެއް. އިސްލާމްދީނުގައި މަނާކަމެއްނޫން ކަޑައަޅައިފައިވާ އުސޫލުން ކައިވެނި ކުރެވޭ. މިވެސް ނިއުޅައިގެންފައިވާ އިންސާނީ ހައްޤެއްކަން މިހިނދު ފާހަގަކޮށްލަން. ޝުކުރިއްޔާ

  31. ފުލުހިންނާ އެކީ މަވެސް ނުކުންނާނަން.ފުލުހުން ތިކުރާހިއްވަރައް ސާބަސް

  32. ހަމަ ސީދާ އެމެރިކާގެ އުސޫލްތައް މިތާ މިއޮތީ. މަތިމަސް ބެހެއްޓޭ އެކަމު ތުބުނޅިއެއް ނުބެހެއްޓޭ. އަސްލު އެއްބަޔަކު ބޭނުންވަނީ މިތާ ދޮން މީހުން އުޅޭ ގޮތަށް އުޅެން. ދެން ތުބުނޅި ލީމަ ހީކުރަނީ ހުސް ޓެރަރިސްޓުންނޭ. ދެން ކީކޭ ބުނާނީ. ސީދާ މަގު ހާމައަށް ފެންނަން އޮންނަ އިރުވެސް އެގޮތް ދޫކޮށްލާފަ އެހެން ދިމާލަކަށް މިދެވެނީ. (ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ތި ކަމަށް ވަރަށް ތާއީދު ކުރަން. ﷲ އިރާދަކުރެއްވިއްޔާ ތިކަން ކާމިޔާބު ވާނެ. އާމީން.)

Your email address will not be published. Required fields are marked *