ރާއްޖޭގެ ޚަބަރު

ރާއްޖޭގައި ޢަރަބި ބަހުން ކިޔަވައިދޭ މަދަރުސާއެއް ހުރުމަކީ މުޅި ޤައުމަށް ލިބޭ ޝަރަފެއް : ނައިބް ރައީސް

ޢަރަބިއްޔާގެ ރިހިޔޫބިލް ފަންޑު ފޮއްޓަށް ނައިބް ރައީސް ޑީން ފައިސާގެ އެހީދެއްވަނީ – ފޮޓޯ : ރައީސް އޮފީސް

ޢަރަބިއްޔާގެ ރިހިޔޫބިލް ފަންޑު ފޮއްޓަށް ނައިބް ރައީސް ޑީން ފައިސާގެ އެހީދެއްވަނީ – ފޮޓޯ : ރައީސް އޮފީސް

ރާއްޖޭގައި ޢަރަބިބަހުން ކިޔަވައިދޭ މަދަރަސާއެއް ހުރުމަކީ މުޅި ޤައުމަށް ލިބޭ ޝަރަފެއް ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދުއްދީން (ޑީން) ވިދާޅުވެއްޖެއެވެ.

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ރިހިޔޫބީލް ފާހަގަކުރުމަށްޓަކައި ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ޢަރަބިއްޔާއަށް ކުރިން އަޅާލެވިފައިނެތް ކަމުގައި ވިޔަސް މިސަރުކާރުން އެމަދަރުސާއަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމަށާއި، ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.
"މިސަރުކާރުން ނުވަތަ އަޅުގަނޑު ސަރުކާރުގައި ނެތް ކަމުގައިވިޔަސް ﷲ ގެ ރަޙްމަތްފުޅުން އިރާދަކުރެއްވިއްޔާ އަޅުގަނޑު، ދުނިޔޭގައި ހުރިހާ ހިނދަކު މި މަދަރުސާއަށް ދެރަގޮތެއް މެދުވެރިވިޔަކަ ނުދޭނަން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ޑީން ވިދާޅުވީ ޤައުމެއް ބިނާކުރެވޭނީ، އެޤައުމެއްގައި ރަނގަޅު ދަރިންތަކެއް ބިނާކޮށްގެންކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށެވެ. އެހެންނޫނީ އެއްވެސް ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމި ނޯންނާނެ ކަމަށެވެ.
އެޤައުމެއްގެ މިނިވަންކަމާއި، އެ ޤައުމެއްގެ ސަލާމަތަކީ، އަބަދުވެސް އެ ޤައުމެއްގެ މުސްތަޤްބަލުގެ ޒުވާނުންނާއި، ދަރިންގެ އަތްމަތީގައި އޮންނާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމުދެކެ ލޯބިވާ ޒިންމާދާރު ދަރިންތަކެއް އުފެއްދޭނީ، އެ ދަރިންނަށް އެކަށީގެންވާ ތަޢުލީމާއި، އެކަށީގެންވާ ތަރުބިއްޔަތު ދެވިގެން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޢަރަބިބަހުން ތަޢްލީމް ޙާސިލުކުރެވޭނީ ވަކި ބަޔަކަށް ކަމަށް ހީވާ ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. ޢަރަބި ބަހުން ތަޢުލީމް ހާސިލްކޮށްފިނަމަ ވެވޭނީ މުދިމަކަށް ނުވަތަ ޖަމާއަތްތެރިއެއް ކަމަށް ބައެއް މީހުން ކުރިން ވާހަކަދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި، އެފަދަ ވާހަކަދައްކަނީ ދެރަކޮށްލުމަށް ކަމަށެވެ. އަދި ޢަރަބިއްޔާއިން ތައްލީމް ޙާޞިލު ކުރެއްވި ބައެއް ބޭފުޅުން، މިއަދު ސަރުކާރުގެ މުހިންމު މަގާމުތަކުގައި އެބަ ތިއްބެވިކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، މިއަދު ދުނިޔޭގައި ތިއްބެވި މޮޅު ޑޮކްޓަރުންނާއި، އިންޖިނޭރުންނާއި އަދި އެނޫންވެސް އެހެން ރޮނގުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައިވެސް، ޢަރަބިބަހުން ތަޢްލީމް ޙާޞިލު ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.
ޢަރަބިއްޔާ ސުކޫލުން ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު އެމަދަރުސާ ނިންމާ ހަތަރު ދަރިވަރަކަށް ޑީންގެ އަމިއްލަފުޅު ޚަރަދުގައި، ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުސަތު ދެއްވަން ގަސްތުކުރައްވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި، ޢަރަބިއްޔާގެ ރިހި ޔޫބިލް ފަންޑު ފޮށި ނައިބު ރައީސް އިފްތިތާޙްކޮށްދެއްވައި، އެ ފޮއްޓަށް ނައިބް ރައީސް ޑީން ފައިސާގެ އެހީފުޅެއް ވެދެއްވިއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ޢަރަބިއްޔާއިން ތަޢުލީމު ޚާސިލްކުރާ ކޮންމެ ދަރިވަރަކު ފަހުރުވެރިވުން ޙައްޤުވެގެންވާކަމަށް ދެކެމެވެ. ސަބަބަކީ ރާއްޖޭގައި ހަމައެކަނި ޢަރަބިބަހުން ކިޔވައިދޭ ސްކޫލްކަމުގައިވުން އެތަނުން ކިޔަވާ ނިންމައިގެން ނުކުތް ދަރިވަރުންނަކީ ޒިންމާދާރު ރަނގަޅު ކުދިންނަށް ވެފައިވުން. މާރާމާރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެތަނުން ކިޔެވި ކުއްޖަކު ޕޮލިހުގައި ރެކޯޑް ކުރެވިފައިނުވުން. އެހެން ސްކޫލްތަކަ ހިލާފަށް 16 ނުވަތަ 22 މާއްދާ ކިޔަވާ ބަޔަކަށްވާ ކުދިންނަށްވުން އެހެން ސްކޫލްތަކުގައި ކިޔަވަނީ 8 މާއްދާ. ގްރޭޑް 1 އިން ފެށިގެން 12 އަށް ކިޔަވަދޭ ސްކޫލަކަށްވުން . އިންގްލިޝް އަދި ޢަރަބިބަސް ކިޔަވަދޭ ސްކޫލަކަށްވުން. އަދި އެންމެ ޚާއްސަކަމަކީ ދީނީ ތައުލީމާއި ދުނިޔަވީތަޢުލީމުވެސް ކިޔަވާދޭ ތަނަކަށްވުން އެހެންވީމާ ވވ ޚާއްޞައެއްނޫންތޯ ޢަރަބިއްޔާ ! އަދި ކޮބާ ހުރިހާކުދިން ޔުނީފޯމްގަ ތިބޭނީ ޢައުރަވެސް ނިވާވެފަ !އެހެންނޫންތޯ !

  2. އަސްލު ވަރަށް އުފާވެއި ސަރުކާރުގެ ނައިބުރައީސް އިޔަގޮތަށް ވިދާޅުވުމުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ޢަރަބި ތަޢުލީމް އިތުރުވެގެންދާނެއެވެ.

Your email address will not be published. Required fields are marked *