ރާއްޖޭގެ ޚަބަރު

ޖަމްޢިއްޔަތުއްސަލަފުން ދީނީ ކައުންސެލިން ދިނުމުގެ ޕްރޮގްރާމެއް ފަށަނީ

ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ދަރުސެއް އަޑުއެހުމަށް މީހުން ޖަމާވެފައި – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ދަރުސެއް އަޑުއެހުމަށް މީހުން ޖަމާވެފައި – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ދީނީ ކައުންސެލިން ދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ޖަމްޢިއްޔަތުއްސަލަފުން ނިންމައިފިއެވެ.

އެޖަމްޢިއްޔާގެ ނައިބް ރައީސް އައްޝައިޚް ޙަސަން މޫސަ ފިކުރީ ވިދާޅުވީ މުޖްތަމަޢުގައި ފިކުރުބޮޑުވެ ނުވަތަ އެނޫންވެސް ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކުގައި ކައުންސެލިން ބޭނުންވެފައިތިބޭ މިހުންނަށް ކައުންސެލިން ދިނުމަކީ މިހާރުވެސް ޖަމްޢިއްޔާއިން ކުރިއަށްގެންދާ ކަމެއްކަމަށާއި ނަމަވެސް މިހާރު ހަމަޖައްސާފައިވަނީ އެކަން އާންމުކޮށް ހުޅުވާލައިގެން ރަސްމީސިފައެއްގައި ކުރިއަށްގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް އެކަމަށް ބޭނުންޖެހިފައިތިބި މީހުންނަށް ކައުންސެލިން ދެމުންމިދަނީ. އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ ފޯނު ނަންބަރުތައް އެނގޭ އަދި ކޮންމެވެސްވަރަކަށް އަޅުގަނޑުމެން ދަންނަ ނުވަތަ އަޅުގަނޑުމެންގެ ކުއްޖަކަށް ގުޅައިގެން އެކަން ކުރިއަށްދަނީ. މިހާރު މިކަން ރަސްމީކޮށް އިޢުލާނުކުރީމަ ހަމަ ކޮންމެ މީހަކުވެސް އަޅުގަނޑުމެން ހަމަޖައްސާ ފޯނު ނަންބަރަށް ގުޅީމަ ވަގުތު ހަމަޖައްސައިދެވި، ތައްޔާރު ކުރެވިފައިވާ ތާވަލާއި އެއްގޮތުގެ މަތީން ހަމަޖެހޭ ގަޑީގައި އެމީހަކަށް އެފުރުޞަޠު ދެވޭނެ އިންޝާﷲ" ޝައިޚް ފިކުރީ ވިދާޅުވިއެވެ.

ސަލަފުން ބުނިގޮތުގައި، މިދިޔަ އާދީއްތަ ދުވަހުގެރޭ ބޭއްވި އެޖަމްޢިއްޔާގެ ހިންގާކޮމެޓީގެ ބައްދަލުވުމެއްގައި ވަނީ ދިރިއުޅުމުގެ އެކިކަންކަމުގައި ޝައިޚުންނާއި ވަކީން ބައްދަލުކުރަން އެދިލައްވާ ފަރާތްތަކަށް އެފުރުޞަޠު ހަމަޖައްސައިދިނުމުގެ އުޞޫލެއް ކަނޑެއެޅުމަށް މަޝްވަރާކޮށްފައެވެ. ނަމަވެސް ކަންސެލިން ދިނުމުގެ ޚިދުމަތް ފަށާނެ ތާރީޚް އަދި ކަނޑައެޅިފައިނުވާ ކަމަށާއި އެކަން ހަމަޖެއްސުމަށްފަހު ޖަމްޢިއްޔާގެ ވެބްސައިޓްގައި ޝާއިޢުކުރާނެ ކަމަށް ސަލަފުން ބުންޏެވެ.

ސަލަފުން ބުނީ ކޮންމެ ހަފްތާއެއްގެ ތެރޭގައި އެޖަމްޢިއްޔާއިން ގެނެސްދޭ ރޭޑިއޯ ޕްރޮގްރާމްތަކުގައިވެސް ވަގުތުން ޝައިޚުންނާ ސުވާލުކުރުމުގެ ފުރުޞަތު އެހުންތެރިންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސަންއެފްއެމްއިން ކޮންމެ ހޯމަ ދުވަހެއްގެރޭ 22:00 ން 23:00 ށް ގެނެސްދޭ "ޢިލްމީ ޚަޒާނާ" ޕްރޮގުރާމާއި ކޮންމެ އަންގާރަ ދުވަހެއްގެރޭ 22:00 ން 23:00 ށް ގެނެސްދޭ "ސުވާލަކީ ކޮބާ" ޕްރޮގުރާމާއި ކޮންމެ އާދީއްތަ ދުވަހެއްގެރޭ 22:00 ން 23:00 ށް ރޭޑިއޯ އެޓޯލްއިން ގެނެސްދޭ "ފަސްއަލޫ އަހްލައްޛިކްރި" ޕްރޮގުރާމްގައިވެސް ސުވާލުކުރުމުގެ ފުރުޞަޠު ހުޅުވާލެވޭ ކަމަށެވެ.
ނަމަވެސް ޢިލްމުވެރިންނާ ވަކިން ބައްދަލުކޮށްގެން ދީނީ އިރުޝާދު ހޯދުމަށް ވަރަށް ގިނަ އާންމު ރައްޔިތުން އެދެމުންދާތީ އިސްލާމިކް ކައުންސެލިން ޕުރޮގުރާމެއްގެ ގޮތުގައި ރަސްމީކޮށް އެމަސައްކަތް ފެށުމަށް ނިންމީ ކަމުގައި ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ަަަAlhadh lillah… tikamugaa ehbaarulun dheynan, inshaallah…. Varah ragalhukameh tee….. Tikamah beynunvaa etahbayaku ebaulhe…. Maashaallah…. Fashan lasvesvehje…..

  2. ދިވެހިންގެ ވަރަށްގިނަމީހުންނަށް އިސްލާމް ދީނުގެ ސައްޙަ މައުލޫމާތެއް ނުލިބޭ؟

  3. މައިންބަފައިންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ތިކަމަށް ވަރަށް ބޭނުން އަޅުގަނޑުގެ ޚިޔާލަކީ ގެންދަން އުދަގޫކުދިންވެސް ތިބޭނެ އެކަމަކު ދެއްވިޖެ ނަމަ ރަގަޅުވާނެ އިންޝާﷲ! ތިބޭފުޅުން ވެސް މިކަމަށް ކުޑަހިތްވަރެއް މިފަދަ ފަރާތްތަކަށް ދެއްވަޗޭ

Your email address will not be published. Required fields are marked *