ކައިވެނިކުރީ ވަރަށް ލޯބިވެގެންނެވެ. ކައިވެނީގެ ކުރިންވެސް ގުޅައިގެން ވަރަށް ވާހަކަދައްކައި ހެދިއެވެ. އެކަކު އަނެކަކުދެކެ ލޯބިވާ ވާހަކައެވެ. އިނުމަށްފަހުގައި އުޅޭނެ ސަޅި ގޮތުގެވާހަކައެވެ. ދެން ހަމަ ކައިވެންޏަށްފަހުގައި ވެސް އުޅުނީ ވަރަށް ރަނގަޅަށެވެ. ވަރަށް ލޯބިންނެވެ. ދެމަފިރިން އެކަކު އަނެކަކަށްޓަކައެވެ. ދުވަހަކުވެސް ވަކި ނުވާން، ދުވަހަކުވެސް ދެރައެއް ނުދޭން، ވަޢުދުތަކާއި ޢަހުދުތައް ކުރެވިފައި ވެއެވެ. އެކަމަކު އިންސާނުން ކަމުގައި ވާތީ ކުށްވެސް ކުރެވޭނެ، ހަނދާންވެސް ނެތޭނެ، ބައެއް ކަންތައްތަކާއި ރުޅިވެސް އާދެވޭނެ، އެއީ މައްސަލައެއް ނޫން، ދެމީހުން ކުރީވެސް ވާހަކަ ދެއްކި ގޮތަށް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެއެވެ. ނަމަވެސް ބައެއް ފަހަރު މައްސަލަތައް ބޮޑުވެ، ދެމީހުންގެ މިޒާޖާއި ޚިޔާލު މާބޮޑަށް ތަފާތުވުމުން އެކުގައި އުޅުން ދަތި ހިސާބަކަށް ހިނގައިދެއެވެ. ވަރިވާން ވެސް ޖެހެއެވެ. އެއީވެސް ވެދާނެކަމެކެވެ. ދެމީހުނަށް އެކުގަ ނޫޅެވިއްޖެ ނަމަ، އިތުރު ނުބައިތަކެއް ނުހިނގަނީސް ވަރިވެ، މައްސަލަ އަބަދުގެ އަބަދަށް ހައްލު ކުރުމަށްޓަކައި ކައިވެނި ފަސްޚު ކުރުމާއި ވަރިކުރުން މާތް ﷲ ވަނީ ޝަރުޢު ކުރަށްވާފައެވެ.
ދެމަފިރިން ވަރިވާ ހިނދު، ކައިވެނީގެ ގޮށް މޮހާލައި ދެލޯބިވެރިން ވަކި ވާހިނދު ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމުކަމެއްގެ މަތިން އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ހަނދުމަކޮށްދެމެވެ. އެއީ :
މުއުމިނުންނަކީ އެއްބަނޑު އެއްބަފައި ބައެއްކަމެވެ. މުއުމިނުން އެއްބަޔަކު އަނެއްބަޔަކާ ނުވަތަ އެކަކު އަނެކަކާއި ކުރެވޭ ހުރިހާ މުޢާމަލާތެއްގައި އިސްލާމީ އަޚުވަންތަކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. މާތް ﷲ ގެ ވަޙީބަސްފުޅުގައި ވެއެވެ. {{ إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ }} الحجرات 10. “ހަމަކަށަވަރުން މުއުމިނުންނީ އަޚުންތަކެކެވެ. ފަހެ ތިޔަބައިމީހުންގެ ދެއަޚުންގެ މެދުގައި (ހަމަނުޖެހުމެއް ހިނގައިފި ނަމަ) ސުލްހަކުރާށެވެ. އެއީ ތިޔަބައިމީހުނަށް ރަޙުމް ކުރެވޭތޯއެވެ.” {{ وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ..}} التوبة 71. ” މުއުމިނު ފިރިހެނުންނާއި އަންހެނުންނަކީ އެއްބަޔަކު އަނެއްބައެއްބަޔަކާއި ގާތް، ރަޙުމަތްތެރި ބައެކެވެ. އެއީ ޢަދާވާތްތެރި ބައެއް ނޫނެވެ.
ވީމާ، އެކަކު އަނެކަކަށް ބާއްވަންޖެހޭ ދީނީ ލޯތްބާއި އިޙްތިރާމު، އިޙްސާންތެރިކަމާއި އޯގާތެރިކަން ބާއްވަން ޖެހެނީ ހަމައެކަނި ތިބާ ހިތްރުހޭ މީހުންނާއި މެދަކު ނޫނެވެ. ނުވަތަ ރުހިފައި ހުންނަ ވަގުތުގައި އެކަންޏެއް ނޫނެވެ. އަދިކިޔެއް، ހިތްހަމަ ނުޖެހި، ރުޅިއައިސް ހަމަނުޖެހުން ހިނގާވަގުތުގައިވެސް ދީނީ އަޚުވަންތަކަން ހަނދާންނެތިކުރުމަކީ ޖާއިޒްކަމެއް ނޫނެވެ. އެކުގައި އުޅެވެން ނެތުމުގެ ސަބަބުން ވަކިވިއެއްކަމަކު ދެމީހުންނަކީ އެކަކު އަނެކަކުގެ ޢަދާވާތްތެރިއެއް ނޫނެވެ. އަދިކިޔެއް، އީމާންކަމާއި އިސްލާމްކަމުގެ ސަބަބުން، އިސްވެދިޔަ މާތް ﷲ ގެ ބަސްފުޅުގައި ވާފަދައިން އެއީ އެއްބަނޑުތިމާގެދެމީހުންނެވެ. އެދެމީހުންގެ ޢާއިލާ އާއި ގާތްތިމާގެ މީހުންވެސް އެއްބަޔަކު އަނެއްބަޔަކާއި މެދުގައި ހަމަ އެފަދައެވެ. ވީމާ ވަކިވުމުގެ ސަބަބުން އެކަކު އަނެކެއް ދެކެ ރުޅި އައްނަޒާތުގެ ކަމެއް ހިނގާފައި ވީ ނަަމަވެސް ތިބާގެ އަޚާ ނުވަތަ އުޚްތާއި މެދުގައި ދީނީ އަޚުވަންތަކަމާއި ޚިލާފު ކަމެއް އޮވެގެން ނުވާނެއެވެ. ކައުއިތުރު މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވެއެވެ. ((لَا تَحَاسَدُوا.. وَلَا تَبَاغَضُوا وَلَا تَدَابَرُوا .. وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يَخْذُلُهُ وَلَا يَحْقِرُهُ التَّقْوَى هَاهُنَا.. كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ)) مسلم. “ތިޔަބައިމީހުން އެކަކު އަނެކަކަށް ހަސަދަވެރި ނުވާށެވެ! އަދި އެކަކު އަނެކަކަށް ރުޅި ނާރާށެވެ! އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ! ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުންތަކެއްކަމުގައި ވާށެވެ! އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އޭނާ ނިކަމެތި ނުކުރާނެއެވެ. އޭނާއަކީ އެއްވެސް މީހެއް ނޫންކަމުގައި ނުހަދާނެއެވެ. ހުރިހައި މުސްލިމުންގެ މައްޗަށް އަނެއް މުސްލިމް އަޚާގެ ލެއާއި މުދަލާއި އަބުރު ޙަރާމްވެގެން ވެއެވެ.”
ގިނަ މީހުނަށް ވާގޮތަކީ ކިތަންމެ ގާތްކޮށް، ކިތަންމެ ލޯބިން އުޅެފައިވެސް މައްސަލައެއްޖެހި ވަރިފަށަށްއަރައިފި ނަމަ އަނެކާގެ އެއްވެސް ހެޔޮކަމެއް ހަނދާނެއް ނުހުރެއެވެ. މުޅިންވެސް ހަނދާން ކުރެވެނީ އަނެކާގެ ހުރިނަމަ ހުރި ގޯހެކެވެ. އެއީ މާތް ﷲ އަޅުގަނޑުމެނަށް އަމުރު ކުރައްވާފައިވާ ޢަދްލުވެރިކަމާއި މުޅިން ޚިލާފު ކަމެކެވެ. އަމިއްލަ ނަފްސާއި މެދުގައި ޢަދްލުވެރި ވާ ފަދައިން ތިބާގެ ދުޝްމަނުންނާއި މެދުގައިވެސް ޢަދްލުވެރިވާން ޖެހެއެވެ.މާތް ﷲ އީ ޢަދްލުވެރީންދެކެ ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ.ވީމާ،ދެމަފިރިންކަމުގައި ވެފައިވާ ދެމީހަކު އެކަކު އަނެކަކާއި މެދުގައި ޢަދްލުވެރިވުމުގެ ބޮޑުކަމާއި މެދުގައި ވިސްނެވުންހުއްޓެވެ. ކައިވެނީގެ ގުޅުމަކީ ދުނިޔެމަތީގައިވާ އެއްމެ ބޮޑު އެއްގުޅުވެ. ދެމަފިރިންކުރެ ކޮންމެ މީހެއްގެ ފަރާތުންވެސް އަނެކާއަށްޓަކައި ރަނގަޅު ކަންތައްތަކެއް ކޮށްދެވިފައިވާނެކަން ކަށަވަރެވެ. ފިރިމީހާގެ ފަރާތުން އިޙުސާންތެރިކަމެއް އަނބިމީހާގެ މައްޗަށް ވެވިފައިވާނެއެވެ. އަނބިމީހާގެ ފަރާތުން ޚިދުމަތްތަކެއް ފިރިމީހާއަށް ލިބިފައިވާނެއެވެ. ޔަޤީނުންވެސް ދުނިޔެމަތީގައިވާ އެއްމެ ބޮޑު ސިއްރަކީ އެދެމީހުންގެ ދެމެދުގައި ހިއްސާ ކުރެވިފައިވާނެ ކަމެކެވެ. ދިރިއުޅުމުގައި ދެމީހުންގެ ވިސްނުން ދިމާނުވާ ކަންތައްތަކެއްގެ ސަބަބުން ވަކިވާން ޖެހުމަކީ ދެމީހުން އެކަކު އަނެކަކަށް ވެފައިވާ ޤުރްބާނީގެ މަތިން ހަނދުމަނެތި ކުރުންޖާއިޒް ކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {{ وَلا تَنْسَوُا الْفَضْلَ بَيْنَكُمْ ..}} البقرة 237 މާނައަކީ: “އަދި ތިޔަބައިމީހުންގެ މެދުގައި (އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް) ވާ ފަޟްލުވެރިކަން (އިޙުސާންތެރިކަން) ހަނދުމަނެތިނުކުރާށެވެ.” ވަރިވާން ޖެހުނު ނަމަވެސް މާޟީގައި އެކަކު އަނެކަކަށްޓަކައި ކޮށްދެވިފައިވާ ހެޔޮކަންތައްތައް ހަނދާންނެތިކުރުމަކީ މުއުމިނުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ މާތް ﷲ އަށް ޝުކުރުވެރި ނުވުމުގެ ތެރެއިން ވާ ކަމެކެވެ. އެގޮތުން އިޙްސާންތެރިކަން ބަހައްޓަންޖެހޭ މިންވަރު އަންގަވައި ވަރިކޮށް، ފޮނުވާލެވޭ އަނބި މީހާވެސް ހުސްއަތާ އެކުގައި ފޮނުވާނުލުމަށާއި ކުޅަދާނަ މިންވަރަކުން އެއްޗިހިވެސް ދިނުމަށް މާތް ﷲ އަމުރު ކުރައްވާފައިވެއެވެ. {{وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ}} البقرة 241 “ވަރިކޮށްފައިވާ އަންހެނާއަށްވެސް ހެޔޮގޮތުގައި އެއްޗެއް ދިނުމަކީ ތަޤުވާވެރިންގެ މައްޗަށް އޮތް ހައްގެކެވެ.”
ދެމަފިރިއަކުއެކު އުޅުމަށްފަހުގައި ވަރިވުމަކުން ދެމީހުންގެ ހުރިހައި ކަމެއް ވައްކެއް ނުވާނެއެވެ. އަދިކިޔެއް، އެދެމީހުންނަކީ އެކަކު އަނެކެއްގެ އަމާނާތްތެރިއާއެވެ. ސިއްރުވެރިއާއެވެ. ވީމާ، ދުނިޔެ ޢުމުރަށް ދެމީހުން އެކަކު އަނެކެއްގެ އަމާނާތް ރައްކާތެރިކޮށްދޭން ޖެހޭނެއެވެ. ސިއްރުތައް ފޮރުވައިދޭން ޖެހޭނެއެވެ. އެކަކު އަނެކެއްގެ ޢައިބުތައް ފަޅާއަރުވައި، ބޭޒާރު ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ޝަރުޢީ ޟަރޫރަތަކާއި ލައިގެން، ޙާޖަތެއް ޖެހިއްޖެ ނަމަ އެމިންވަރަށް ވުރެ އިތުރަށް އަނެކާގެ ވާހަކައެއް ދެއްކުން ހުއްދަވެގެން ނުވެއެވެ. ވަރަށް ގިނަ މީހުން ވަރިވުމަށްފަހުގައި އެނަކާގެ މައްޗަށް އައިސްފައިވާ ރުޅިވެރިކަން ފިލުވާލުމަށްޓަކައި ފިރިމީހާގެ ނުވަތަ އަނބިމީހާގެ ނުބައި ވާހަކަ ދައްކާތަން ފެނެއެވެ. ދެމަފިރިން އެކަކު އަނެކަކުގެ ވާހަކަ ދެއްކުމަކީ މުސްލިމެއްގެ ޣީބަބުނުމުގެ އިތުރުން ވަކިން ބޮޑަށް ނަހީކުރެއްވިފައިވާ ކަމެކެވެ. ވަކިން ޚާއްސަކޮށްދެމަފިރިންގެ ސިއްރުތަކަކީ ﷲ ގެ ޙަޟުރަތުގައި އެއްމެބޮޑެތި އަމާނާތުގެ ތެރެއިންވާ އަމާނާތެވެ. ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އަނެކާގެ ސިއްރުތަކާއި އައިބުތައް ފޮރުވުމަކީ ވާޖިބެކެވެ.
އޭގެ ތެރޭގައި ދެމަފިރިންގެ މެދުގައި ރޭކުރުމުގައި ކަންހިގާ ގޮތުގެ ވާހަކައާއި އެކަކު އަނެކަކު ހުންނަގޮތާއި ކަންކުރާ ގޮތުގެ ވާހަކަ މީހުންގެ ގާތުގައި ދެއްކުން ހިމެނެއެވެ.ތިމަންނަގެ އަނބިމީހާ މިހެންނޭ، ތިމަންނަގެ ފިރިމީހާ އެހެންނޭ ކިޔައި މީހުންގެ ގާތުގައި ދައްކައި ސިއްރު ފަޅާއެރުވުމަކީ ދެމަފިރިންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އެއީ ނުބައިވެގެންވާ ޢަމަލެކެވެ. أسماء بنت يزيد رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ގެ އަރިހުގައި ފިރިހެނުންނާއި އަންހެނުން އިށީނދެގެން ވަނިކޮށް އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ((لعل رجلا يقول ما يفعل بأهله ولعل امرأة تخبر بما فعلت مع زوجها)) “ފިރިހެނަކު އޭނާގެ އަނބިމީހާގެ ގާތުގައި ރޭކުރާގޮތުގެ ވާހަކަ ދައްކައިފާނެއެވެ.” އަދި އަންހެނަކު އޭނާގެ ފިރިމީހާ އާއި އެކުގައި ކުރާ ކަންތަކުގެ ވާހަކަ ދައްކައިފާނެއެވެ.” ފަހެ މީސްތަކުން ޖަވާބު ނުދީ ހަނު ތިބެއްޖެއެވެ. ތިމަންނާ ދެންނެވީމެވެ. ﷲ ގަންދީ ބުނަމެވެ. ﷲގެ ރަސޫލާއެވެ. އަންހެނުންނާއި ފިރިހެނުންވެސް ތިޔަކަން ކުރެއެވެ. ހަދީޘްކުރެއްވިއެވެ. ((فلا تفعلوا فإنما ذلك مثل الشيطان لقي شيطانة في طريق فغشيها والناس ينظرون)) أحمد. “ފަހެ ތިޔަބައިމީހުން އެހެން ނުހަދާށެވެ! އޭގެ މިސާލަކީ ފިރިހެން ޝައިޠާނަކަށް އަންހެންޝައިޠާނަކާއި މަގެއްގެ މަތިން ދިމާވުމުން މީސްތަކުން ބަލަންތިއްބައި އޭތީގެމައްޗަށް އަރައި ޖިންސީގުޅުން ހިންގުން ކަހަލަ ކަމެކެވެ.”
آدم شميم بن إبراهيم يوسف
أ.أ. تودّو، مالديف
25 شوال 1432هـ – 25 سبتمبر 2011م

















ޝެއިޚްގެ ލިއުމުން ހީވަނީ ކައިވެނީގެ ކުރިން ލޯބިވެގެން އުޅުމާއި ވާހަކަދައްކާ ހެދުމަކީ މަސައްލައެއްނޫންހެއް. އެކަމަކު އަޅުގަނޑު އަޑުއަހީ އެއީ ގޯސްކަމެއްކަމަށް. މިހާރު އޮޅިއްޖެ. ސުވާލަކީ ލޯބިވަނީ ކައިވެނީގެ ކުރިންތޯ ނުވަތަ ފަހުންތޯ؟؟ އަދި ލިޔުމުގެ ފެށުން އެހެންގޮތަކަށް ގެނެވިދާނެއްނޫންތޯ؟؟ އަދި ލިއުމަކީ “ވަރި” އާއި ގުޅިފައިވާ ކަމަކަށް ވާތީ އިސްލާމީ ޢުސޫލުން ކައިވެނި ކުރައްވާފައި އެކައިވެނި ރޫޅުމުން ދީނާ ޚިލާފު އަމަލުތައް އެބަކުރައްވާ. އެކަމާ ގުޅުވާލިނަމަ މާރަގަޅުވިސް