ރާއްޖޭގެ ޚަބަރުދިއިސްލާމް

އިސްލާމްދީން އިސްލާމީ ދިވެހިރާއްޖޭގައި ސާބިތުކުރޭ!

 

އިންޑިޔާ ކަނޑުގެ ތެރޭގައި ކުދި ޖަޒީރާ ރަށްތައްކެއްގެ މައްޗަށް ބިނާވެފައިވާ ދިވެހި ރާއްޖެއަކީ ވަރަށް ފަޚުރުވެރި ތާރީޚެއް އޮތް އަދި އެހާމެ ޤާބިލް ޖެހިލުން ކުޑަ ބަޠަލުންނާއި އަބްޠާލުން އުފެދިފައިވާ ގައުމެކެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ވަނީ ދުނިޔޭގެ ނިސްބަތުން ވަރަށް މަތިވެރި ފަޚުރެއް ލިބިފައެވެ. އާދޭހެވެ. ދުނިޔޭގައި އޮތް ސައްތާން ސައްތަ އިސްލާމީ ދެ ގައުމުގެ ތެރެއިން އެއްގައުމަކީ މިކުޑަކުޑަ ދިވެހި ރާއްޖެއެވެ. ޖޯގުރަފީ ގޮތުން ދިވެހިރާއްޖެ އޮންނަ ތަނުގެ ސަބަބުން ބޭރުގެ އިސްތިއުމާރު ތަކުން ދިވެހިރާއްޖެ އަޅުވެތިކޮށް އެމީހުން ބާރުގެ ދަށަށް ގެންދަން ވަރަށް ބޭނުންވެއެވެ.އެހެންނަމަވެސް ދިވެހިރާއްޖެ ޣައިރު މުސްލިމުންގެ ބާރުގެދަށަށް ދާ ކޮންމެ ފަހަރަކުމެ ދީންދެކެ ލޯބިވާ ޒުވާނުންވަނީ އެމީހުންގެ އަޒުގެ ވަރުގަދަ ކަމާއި ޖެހިލުން ކުޑަކަން ދައްކާފައެވެ.
އާދޭހެވެ. ރާއްޖެއިން އިސްލާމީ ނޫރު ފުހިލުމަށް މަސައްކަތްކުރާ ކޮންމެ ފަހަރަކުމެ، ދިވެހިންގެ ޒުވާނުން ވަނީ އެމީހުން ﷲ އަށާއި ރަސޫލާއަށްޓަކައި މިގައުމުގައިވާ އެބައިވަންތަކަމުގެ އަސްލުކަމުގައިވާ އިސްލާމްދީން ފުހެވުނަކަ ނުދީ، ސަލާމަތް ކޮށްފައެވެ. ކޮންމެ ދުވަސްވަރެއްގައި ނަމަވެސް އިސްލާމްދީނާއި އިދިކޮޅު ހަރަކާއިތަކަށް ވިސްނުންތެރިކަމާއެކު ކުރިމަތި ލާފައެވެ. އެހެންނަމަވެސް އެދުވަސްވަރު ދީން ހަލާކުކޮށްލުމަށް މަސައްކަތް ކޮށްފައިވަނީ ދިވެހިގައުމުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުތަކެއް ނޫނެވެ.
ޒަމާންތައް ބަދަލުވަމުންގޮސް މިހާރު މިވަނީ ދިވެހިރާއްޖެވެސް ތަރައްޤީގެ ދަތުރު ފިސާރި ރަނގަޅަށް ފަށާފަށެވެ. އެހެންނަމަވެސް މިދެންނެވި ތަރައްޤީ އެކިމީހުން މާނަކުރަނީ އެކިގޮތަށެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް މާނަކުރިކަމުގައި ވިޔަސް، ލާދީނީ ހަރަކާތްތައް ކުރިއަށް ގެންދިޔުން ނުވަތަ އެފަދަ ކަންކަމަށް ފުރުޞަތު ދިނުންވެސް އެއީ ތަރައްޤީ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން މިދަނީ ޕާޓީ ނިޒާމެއްގެ ތެރެއިން ޑިމޮކުރަސީގެ އުސޫލުންކަމަށް ބުނެވެއެވެ. އެހެންނަމަވެސް ފެންނަމުން މިދަނީ ބައެއް ކަންކަމުގައި ޑިމޮކުރަސީ ބޭނުންކުރާ ތަނެވެ. ދަންނަވާލަން މިއުޅެނީ ދިވެހި ރާއްޖެއަކީ އިސްލާމުން ދިރިއުޅޭ ގައުމަކަށްވެފައި އެބައިމީހުންގެ ދިމާ އިދިކޮޅަށް މިވަގުތު ވެރިކަންކުރާ ފަރާތުން އަމަލުކުރަމުން ދާތަނެވެ.
އެންމެ ފުރަތަމަ ފެނިގެންދިޔައީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ހުންނަ ގަޢުމުކަމަށްވާ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އެޅި ފުރަތަމަ ފިޔަވަޅު ޔުނިސެފްގެ މެމްބަރަކަށް ވުމަށް ވޯޓުދޭން އޮތް ދުވަހު އެކިކަހަލަ ބަހަނާ ދައްކާގެންނަމަވެސް ވޯޓުނުލައި ދުރަށް ދިޔަތަނެވެ. އޭގެފަހުން މިހާރު ފެނިގެން މިދަނީ މިކުޑަކުޑަ ދިވެހި ގައުމުގެ ރައްޔިތުންގެ ލެޔާ ކުޅެމުންދާ މަންޒަރެވެ. ސައްތާން ސައްތަ ދިވެހިގައުމުގައި މިގައުމުގެ ސަރުކާރުން އިސްނަގައިގެން ހިންގި ޕުރޮޖެކްޓެއްގެ ދަށުން މޮނިއުމެންޓެއްކަމަށް ބުނެ، އަޅުކަންކުރާ ޒާތުގެ ތަކެތި ބަހައްޓައި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގައިވެސް އެހެންދީންތަކަށް ފުރުޞަތު އޮތްކަމަށް ދައްކަން އުޅޭ މަންޒަރުތަކެވެ. ހިތާމައަކީ ވެރިކަންކުރާ ޕާޓީގައި ހިމެނޭ އިސްބޭބޭފުޅުންނާއި އެބޭބޭފުޅުންގެ ހިޔާލަށް ތާއިދުކުރާ ފަރާތްތަކާއި އެޕާޓީ ވެރިކަމުގައި ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން މިއީ މައްސަލައެއްކަމަށް ނުދެކި މާބޮޑަށް ޕާޓީވެގަނެގެން އުޅޭކަމެވެ. މިފަދަ ބައެއް މީހުންގެ ހަރަކާތްތައް ހުންނަގޮތުން ދީނަށްވުރެ ޕާޓީ އިސްކުރާ ހެންވެސް އެބަހީވެއެވެ.
މިފުރުޞަތުގައި އެންމެހާ އިސްލާމުތަކުންނަށް ދަންނަވާލަން ބޭނުންވަނީ ދީންފުރަތަމަ އިސްކުރާށޭ އޭގެފަހުން ދެންހުރިކަންތަކާ އުޅޭށެވެ. އިސްލާމްދީން ފިޔަވާ އެހެންދީނެއް މާތްﷲ ވަހީ ކުރައްވާފައިވަނީ ﷲގެ ހަޟަރަތުގައި ހަމައެކަނި ދީނެވެ. އެކަން ބަޔާން ކުރައްވާ سورة آل عمران 19 މާތް ﷲ ވަހީ ކުރައްވާފައިވަނީ     إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ މާނައީ"ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ."
އަޅުގަނޑުމެން ހެއްދެވިފަރާތްމަތިން ހަނދުމަ ނައްތާލައި ހިތުހުރިގޮތަކަށް އުޅެމުންދާ ކަމަށް ވާނަމަ ﷲ ގެ ހަޟުރަތުން ކޯފާއެއް އައުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ އަމަލުތައް ސީދާކޮށްދެއްވުމަށް އެދި ދުވާކޮށް އަވަހަށް ތަޢުބާވަމާ ހިނގާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *