ދިއިސްލާމްދީންސުވާލާއި ޖަވާބު

ދިރޭ އެއްޗެކާއި ވައްތަރުކޮށް ޚިޔާލީ އެއްޗެއް ކުރެހިދާނެތޯއެވެ؟

ސުވާލު:

އަޅުގަނޑަކީ އެންމެ ކުރީއްސުރެ ކުރެހުމަށް ޝައުގު ހުރެ، ކުރަހާ އުޅުން މީހަކީމެވެ. ފަހަކަށް އައިސް ކޮމްޕިއުޓަރު ބޭނުންކޮށްގެން އިންސާނުންގެ ތަސްވީރު ކުރަހާ ހެދީމެވެ. އެހެން ނަމަވެސް، ދީނަށް ދެވެންފެށި ސަމާލުކަން ބޮޑުވާންފެށުމާއެކު، އިންސާނުންގެ ސޫރަ ކުރެހުމަކީ ރަގަޅުކަމެއް ނޫން ކަން އެނގުމުން ކިތަންމެ ކުރާހިތުން ކުރިކަމެއް ކަމުގައިވިއަސް އެކަން ހުއްޓާލީމެވެ. މިކަމުގައި ޝޭޚުގެ ވެބްސައިޓްގަޔާއި އަދި އެހެންވެސް ދިވެހި ދީނީ ވެބްސައިޓްތަކުގައި ހުރި ދީނީ މައުލޫމާތު ވަރަށް ފައިދާ ކުރިއެވެ. އަޅުގަޑުގެ ސުވާލަކީ އިންސާނުންގެ ނުވަތަ އެހެންވެސް ދިރޭ އެއްޗެއްގެ ސޫރަ ނުކުރަހައި، ކާޓޫނުގޮތަށް، އަމިއްލަ ޚިޔާލީ ކުރެހުންތައް ކުރެހިދާނެތޯ؟ މިސާލަކަށް ފެން ފުޅިއެއްގައި ދެލޮލާ އަނގަޔާލައި، ދެއަތާ ދެފައި ލާ އެގޮތަށް ކާޓޫނު ގޮތަށް ދިރި ހުރި އެހެން އެއްވެސް އެއްޗަކާ ވައްތަރު ނުވާގޮތަށް އެއްޗެއް ކުރެހިދާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على رسول الله

أما بعد:

މާތް ﷲ ތިޔަ އަޚްގެ ހިތުގައި ދީނީ ޝައުގުވެރިކަމާއި އީމާންކަމަށް ލޯބި ޖެއްސެވިކަމުގެ މައްޗަށް އެކަލާނގެއަށް ޝުކުރު ކުރަމެވެ. އެކަލާނގެ ހިދާޔަތް ދެއްކެވި އަޅަކު ފުރައްދާނެ ފަރާތެއް ނުވެއެވެ. ތެދުމަގަށްވުރެ ވަކިން ބޮޑު ނިޢުމަތެއް މިދުނިޔެ މައްޗަކު ނުވެއެވެ. ދީނީ މައްސަލަތައް ބަލައި އޮޅުންފިލުވައި އެގޮތަށް ޢަމަލު ކުރުންމަތީ ދެމި ހުރުމަށް މަސައްކަތް ކުރަން ވާނެއެވެ.

ތިޔަ އަޚްގެ މިފަހަރުގެ ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ ތަޞްވީރާއި މެދުގައި ބުނަންޖެހޭ ބަހެއެވެ. އެއީ ދިރޭ އެއްވެސް އެއްޗެއްގެ ޞޫރަ ކުރެހުން ޢާންމުކޮށް ނަހީކުރައްވާފައިވަނީ އެއީ މާތް ﷲގެ ޚަލްގު ކުރެއްވުމާއި ވާދަކުރުމާއި ވައްތަރު ކުރުންކަމުގައި ވާތީއެވެ. ވީމައި ދިރޭ އެއްޗަކާއި ވައްތަރު ކޮށް އެއްޗެއް ކުރެހުމަކީވެސް އޭގެ ތެރެއަށް ވަންނާނޭ ކަމެކެވެ. އަދިކިޔެއް، ހަގީގީ ފުރާނަ އެޅިގެންވާ ތަކެތި ކުރެހުން ނަހީ ކުރެއްވިގެން ވަނީ އެތަކެތީގެ ބޮލާއި މޫނާއި ޚާއްސަކޮށް ލޮލާއި އަނގައާއި ނޭފަތް ފަދަ މޫނުގެ ތަފްސީލާއި އެކުގައި ކުރެހުމެވެ. ބޯ ނުލައި ނުވަތަ މޫނުގެ ޑީޓައިލްސްއާއި ނުލައި ނުވަތަ އެތަންތަން ފާޅު ނުވާ ގޮތަކަށް ކުރެހުމަކީ ހުއްދަކަމެއް ކަމުގައި ކުރެހުން ހަރާމްކަމުގައި ވިދާޅުވާ އެއްމެހައި ބޭފުޅުން ވިދާޅުވެއެވެ.

ވީމާ، އަޞްލު ވުޖޫދުގައި ވާ ދިރޭ އެއްޗެއްގެ ކޮޕީ ކުރުން ނަހީކުރެއްވިފައިވާ ފަދައިން ވުދޫގައި ނުވާ، ޚިޔާލީ އެއްޗެއް ދިރޭ އެއްޗެއްގޮތަށް، ބޮލާއި މޫނާއި ޚާއްސަކޮށް ލޯ ފަދަ ގުނަވަންތައް ލައިގެން ކުރެހުމަކީ ޢާންމު ދަލީލުތަކުގެ ތެރެއަށް ވަންނަކަމެކެވެ. ދިރޭ އެއްޗެއްގެ ސޫރަ ކުރަހައިފި މީހަކަށް ((أَحْيُوا مَا خَلَقْتُمْ)) “ކަލޭމެން އުފެއްދި ތަކެއްޗަށް ފުރާނަ އަޅުވާށެވެ!” (البخاري ومسلم) މިފަދައިން މާތް ﷲ ވަޙީ ކުރައްވާނެ ކަމާއި އަދި އެބައިމީހުނަށް އެކަން ނުވާނެ ކަމުގައި އަދި އެބައިމީހުނަށް އެއްމެ ގަދަފަދަ ޢަޛާބު ދެއްވާނެ ކަމުގައި އިތުރު އެކަލޭގެފާނުން އަންގަވާފައިވެއެވެ. އަދިކިޔެއް، އަޅުގަނޑަށް ހީވަނީ، ދިރޭ މަޚްލޫގެއް ކުރެހުމަށްވުރެ، ޚިޔާލީ އެއްޗެއް ކުރެހުމާއި ތައްޔާރު ކުރުމުގެ ނުބައިކަން ބޮޑުވާނެ ކަމުގައެވެ. އެކަމުގައި މާބޮޑަށް އިލާހީ އުފެއްދެވުމާއި ޗެލެންޖް ކުރެވުން ހިމެނޭތީއެވެ. ނުވަތަ ކާރޓޫން ގޮތަށް އެއްޗިހި ކުރެހުމުގައި ދިރޭތަކެއްޗިއްސަށް ޖޯކުޖެހުން ހިމެނޭތީއެވެ.

ތިޔަ އަޚާއަށް އަޅުގަނޑުގެ ނަޞޭޙަތަކީ، މިއަދު މުޅި ދުނިޔޭގައި އާންމުވެފައިވާ ފޮޓޯއާއި ކުރެހުމުގެ ކަންތަކަކީ ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރައްވާފައިވާ، އަދި އެކަމުގެ މައްޗަށް ލަޢަނަތްލައްވާފައިވާ، ބޮޑު ވަޢީދު ހުރި ކަމެއްކަމުގައި ވީ އިރު، އެކަމުން އެކު އެކުގައި ދުރުހެލި ވުމެވެ. މާތް ﷲ ނަހީކުރައްވާފައިވާ ކަމެއްގައި ދެމިހުރުމަކީ އެއްވެސް ހާލެއްގައި ފައިދާއެއް ހުރި ކަމެއް ނޫނެވެ. ކުޑަ ފައިދާއެއް ހުރި ނަމަވެސް އޭގެ ގެއްލުން ދެދުނިޔޭގައި ބޮޑުވެގެން ވެއެވެ.

ތިޔަ އަޚާއަށް ލިބިފައިވާ ކުރެހުމާއި އާރޓުގެ ހުނަރު ދޫކޮށްލައި ހުއްޓައިލުމަކަށް އަޅުގަނޑު ނުބުނަމެވެ. އަދިކިޔެއް، އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ކަންކަމުގެ ހުނަރުވެރިން ތިބުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެކެވެ. އަޅުގަނޑުމެންގެ އިސްލާމިކް އާރޓްއަކީ ޒަމާނުއްސުރެ މުސްލިމުންގެ އަތުގައި ހުރި ފަންނެކެވެ. އެފަދަ ކަންކަމުގައި އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ފަންނާނުން އަޅުގަނޑުމެންގެ އަމިއްލަ ގޮތްތަކާއި ދީނީ މިންގަނޑުގެ ތެރޭގައި އިސްލާމީ އަމިއްލަ ވަންތަ އުފެއްދުންތަކެއް އުފަށްދާށެވެ. މާތް ﷲ އަށް އީމާންނުވާ ކާފަރުނގެ ގޮތްތަކާއި އެމީހުންގެ ހުރިހައި ކަމެއް ކޮޕީކޮށް، އެމީހުން ކަންތައް ކުރާގޮތަށް އަޅުގަނޑުމެން ކުރާކަށް ނުޖެހެއެވެ.

ވީމާ ދިރޭތަކެތީގެ ސޫރަ ނުކުރަހައި ނުވަތަ ދިރޭތަކެއްޗިއްސާ ވައްތަރުވާ ގޮތަށްވެސް ނުކުރަހައި، އެނޫން މަންޡަރުތަކާއި ވައްތަރު ތަކުގެ ކުރެހުން ކުރަހާށެވެ. ދުނިޔޭގައި ކުރަހާނެ އެއްޗިހި ބައިވަރެވެ. ޚީޔާލީ ރީތި، މޮޅެތި ކުރެހުންތައްވެސް ކުރެހިދާނެއެވެ. އަދި މީހުންނާއި ދިރޭ ތަކެތީގެ މަންޡަރެއް ކުރަހަން ޖެހިއްޖެ ނަމަ އޭގެ ބޯ ނުހުންނަ ގޮތަށް، ނުވަތަ މޫނުގެ ތަފްސީލު ނުލައި، ހިޔަނިގޮތަށް ނުވަތަ އެއީ މިވެނި އެވެނި އެއްޗެއްކަން ދޭހަ ކުރެވިދާނެ ގޮތަކަށް ކުރެހިދާނެއެވެ. އާރޓްގައި ކުރެހިދާނެ ބައިވަރު ގޮތްތައް އެބަ ހުއްޓެވެ. ކުރެހުންތެރިއަކަށް އަދި މާ ފުރިހަމައަށް މިކަން އިނގޭނެއެވެ.

އަޅުގަނޑަކީވެސް ވަރަށް ކުޑައިރުއްސުރެ ކުރެހުމަށް ޝައުގުވެރިކަން ވަރަށްބޮޑަށް ހުރެގެން، އެމަސައްކަތް ކުރި މީހަކީމެވެ. މިހާރުވެސް ކުރެހުމާއި ކުރެހުން ބެލުމަކީ ވަރަށް ކުރާހިތްވާ ކަމެކެވެ. ނަމަވެސް މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ ހެޔޮ ކަމެއް މާތް ﷲ ދެއްވާނެ ކަމުގައި އިތުރު އެކަލޭގެފާނުން ޚަބަރު ދެއްވާފައިވާ ޞައްޙަ ހަދީޘްފުޅެއް ފެނުމުން ވަރަށް ހިންހަމަ ޖެހުމާއި އެކުގައި ދިރޭ ތަކެތީގެ ސޫރަ ކުރެހުން އެކުއެކުގައި ހުއްޓައިލީއެވެ. ﷲ ގެ ރަހުމަތުން މިއަދު މިވަނީ އެއަށްވުރެ ބޮޑު ކަމެއް އެކަލާނގެ ދެއްވާފައެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް ވަރަށް ގިނަ ކުރެހުންތެރިން ހުއްދަ ނޫން ކުރެހުން ހުއްޓާލައި ހުއްދަ މިންގަނޑުގައި އެމަސައްކަތް ކުރަމުން އެބަދެއެވެ. ކުރެހުމަކީ ހޮބީއަކަށް އަދި މޭޖާއަކަށްވެސް ކުރުމަށް ހަމަ ރަނގަޅު ކަމެކެވެ. ކުރީ ޒަމާނުގައިވެސް ކުރެހުމަކީ ހުނަރެއްކަމުގައި އަދި ދިރިއުޅުމުގެ ވަސީލަތެއްކަމުގައި މުސްލިމުންގެ ތެރޭގައި މީހުން ކޮށްއުޅުނެވެ. އެފަދަ މީހުނަށްވެސް ދިރޭތަކެތި ފިޔަވައި އެހެން ތަކެތި ކުރެހުމަށް ސަލަފުއް ޞާލިޙުންގެ ބޭފުޅުން އިރުޝާދު ދެއްވާފައިވެއެވެ.

މާތް ﷲ އަޅަމެން އެއްމެނަށް އެކަލާނގެ ޙަރާމް ކުރެއްވާފައިވާ ކަންކަމުން ދުރުހެލިވެ، ޙަލާލު ކުރެއްވި ކަންތައްތަކުން ފުއްދައިގެން އުޅުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން!

والله أعلم، وصلى الله على محمد وآله وسلم

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *