ރާއްޖޭގެ ޚަބަރު

އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުން: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ދިއްދޫގައި ހުޅުވުނު އިސްލާމީ މަރުކަޒަކީ ދިއްދޫގެ އިތުރުން އެ އަތޮޅުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ، އިސްލާމީ ނޫރު ފަތުރާ ޢިލްމީ މުހިއްމު މަރުކަޒަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. ވަޒީރު މިފަދައިން ވިދާޅުވީ ދިއްދޫގައި ތަރައްޤީ ކުރި އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ދިއްދޫގައި ހުޅުވުނު މި މަރުކަޒަކީ އަތޮޅުތަކުގައި ހުޅުވުނު ތިންވަނަ އިސްލާމީ މަރުކަޒެވެ.

ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި މި އިސްލާމީ މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމާފައިވާ މަޝްރޫޢުއެކެވެ. އެ މަރުކަޒަކީ މުހިއްމު ޢިލްމީ މުއައްސަސާއަކަށް ވާނެކަމަށް ވިދާޅުވަމުން، ވަޒީރު ވަނީ އެ މަރުކަޒުގައި ލައިބްރަރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިވެސް ހުޅުވާފައިވާކަން ފާހަގަކުރައްވާފައެވެ. ވަޒީރުގެ އުންމީދަކީ މި މަރުކަޒަކީ އެ ރަށުގެ ރައްޔިތުންނާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ފައިދާކުރަނިވި، އިސްލާމީ ނޫރު ފަތުރާ މަރުކަޒަކަށް ވުމެވެ.

އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ މިހެން ހުރި މަޝްރޫޢުތައް ނިންމުމަށް. މިތަންތަނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މިތަންތަން ނިންމުމުގެ ބެނުމަކީ މިތަންތަން މެދުވެރިކޮށް އިސްލާމީ ޢިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން." މިހެންނެވެ. މީގެ އިތުރުން، އިސްލާމީ މަރުކަޒުގައި ތަރައްޤީކޮށްފައިވާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ޚާއްސަ ޕްރޮގްރާމްތަކާއި، އިމާމުން ތަމްރީންކުރުން ފަދަ އެކި ޕްރޮގްރާމްތައް ވުޒާރާއިން ކުރިއަށްގެންދާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގައި ހިމެނޭ ޖަލްސާ ކުރާ މާލަމުގައި އިސްލާމީ ކަންކަމުގެ އިތުރުން ޚާއްސަ ކޮންފަރެންސް ފަދަ ހަރަކާތްތައް ކުރިއަށްގެންދެވޭނެއެވެ. ނަމަވެސް، އިސްލާމީ މަރުކަޒުގެ ކަރާމަތަށް އުނިކަން ނާންނަ ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން މިހާރުވެސް 10 މަރުކަޒެއް ތަރައްޤީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް މަސައްކަތް ފަށާފައިވާކަމަށާއި، އައްޑޫސިޓީގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒު އަންނަ އަހަރު ހުޅުވޭނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދުވެސް ވަނީ ދިއްދޫ އިސްލާމީ މަރުކަޒަކީ ދިއްދޫގެ ރައްޔިތުންނާއި އެ އަތޮޅުގެ ރައްޔިތުންނަށް ދީނީ ގޮތުން ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. "އަޅުގަނޑު ޤަބޫލުކުރަނީ މި ރަށުގެ ރައްޔިތުންނައި އަތޮޅުގެ ރައްޔިތުން އަދި މުޅި ރާއްޖޭގައިވެސް ބާއްވާ ދީނީ ބައެއް ކަންކަން މި މަރުކަޒުގައި ބޭއްވިގެންދާނެ. މި މަސައްކަތް ނިންމާދީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރެއްވި." މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި 2 ސެމިނަރ ރޫމާއި އޮފީސް ޖާގައެއްވެސް ވަނީ ހިމަނާފައެވެ. މި އިސްލާމީ މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *