ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އެ މަގުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަސައްކަތުގެ ދަށުން، ޙައްޖުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ކާމިޔާބީތައް ހާސިލްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ޙައްޖުގެ ޚިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުމާއި، ޙައްޖުވެރިންނަށް ޚިދުމަތްދޭ ކެޓެގަރީ މަތިކުރެވުން ފަދަ ކަންކަން ވަނީ ހާސިލްކުރެވިފައެވެ. މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެން ގޮސްފައިވާކަން ފާހަގަކުރައްވާ، އެ ކުންފުނީގެ ވެރިންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޢުމްރާ ކުންފުނިތަކުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރުވެސް ވަރަށް ބޮޑަށް ރަނގަޅު ކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ޚިދުމަތުގެ ފެންވަރާއި އެއްވަރަށް އިދާރީ ގޮތުންވެސް ކުންފުނިތަކުގެ މަސައްކަތް އިތުރަށް ރަނގަޅު ކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދުގެ ރަސްމިއްޔާތުގައި އިދާރީ ގޮތުންނާއި ޚިދުމަތުގެ ގޮތުން އެންމެ ރަނގަޅު ކުންފުނިތައް ހޮވާފައިވަނީ ވުޒާރާއަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތައް އެންމެ ފުރިހަމައަށް ހުށައަޅާފައިވާ ކުންފުނިތަކަށްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދިވެހި ޢުމްރާވެރިން އުފުލުމުގައި ހަރަކާތްތެރިވާ ޤައުމީ އެއާލައިން މޯލްޑިވިއަންއާއި ސަޢުދީ ޢަރަބިއްޔާގެ ސަޢުދީ އެއާލައިންއިން ދެއްވާ ޚިދުމަތަށް އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށާއި، ސަޢުދީ ޙައްޖު މިނިސްޓްރީ އަދި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން މިއަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންދަރު ބިން ޢަބްދުﷲ އަލްރާޖިޙީއާއި އެ ޖަމްޢިއްޔާގެ އިސްވެރިން ވަޑައިގެންދެއްވުމުން، މި ކޮންފަރެންސްގެ ހައިބަތު އިތުރަށް ބޮޑުވެފައިވާކަން ވަޒީރު ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ޖަމްޢިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޙައްޖު ކޯޓާ އިތުރު ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިވަގުތު ސަޢުދީ ޢަރަބިއްޔާއިން އެއްވެސް ޤައުމަކަށް އިތުރު ކޯޓާ ނުދެއްވާކަމަށާއި، އެއްވެސް ޤައުމަކަށް އިތުރަށް ކޯޓާ ދެއްވާނަމަ އެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިގެންދާނެކަމުގެ ޔަޤީންކަން އޮންނެވިކަމަށެވެ. މިއަދު ފެށުނު ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި މި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ބައިވެރިވެލައްވައެވެ.

















advertisment
ޚިޔާލު