ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަކީ ހަޤީޤަތުގައިވެސް ވަރަށް މުހިއްމު ޚިދުމަތްތަކެއް މުޖުތަމަޢުއައް ފޯރުކޮށްދެއްވަމުން ގެންދަވާ ޖަމްޢިއްޔާތަކެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2025 ފެށުމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޖަމްޢިއްޔާތަކުން ބައިވެރިވެފައިވެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. މިގޮތުން، މިފަށާލެވުނު އަހަރީ ބައްދަލުވުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ. ޑރ. ޝަހީމް އިޝާރާތްކުރެއްވި ގޮތުގައި، ފާއިތުވެދިޔަ އަހަރުވެސް ވުޒާރާއިން ވަނީ ޖަމްޢިއްޔާތަކަށް ތަފާތު އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިގޮތުގައި އެހީތެރިކަން ދެމިހުންނާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
އަހަރީ ބައްދަލުވުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޖަމްޢިއްޔާތަކުން ދޭ ލަފާއާއި މަޝްވަރާއަކީ ވުޒާރާގެ މަސައްކަތްތަކަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން، ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ އުފަލާއެކީ ބަލައިގަންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ޑރ. ޝަހީމް ވަނީ ޖަމްޢިއްޔާތަކާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވުޒާރާއިން ކުރާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުން ކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. "ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދީނީ އެއްބަވައިވަންތަކަން ޤާއިމްކުރުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތެއްކަމުގައި މި މަސައްކަތްވުން،" ވަޒީރު ވިދާޅުވިއެވެ. މިއީ ދީނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ސަރުކާރުން ދެއްވާ މުހިއްމު އަހަންމިއްޔަތެއްކަން ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...