ރާއްޖޭގެ ޚަބަރުދިއިސްލާމް

ގައިދުރުކޮށް ސަފުހަދައިގެން ނަމާދުކުރުމީ މަކްރޫހަ ކަމަކާއި ނުލައި ހުއްދަ ކަމެއް - ފަތުވާ މަޖިލިސް 

ކޮވިޑް-19 އާއި ގުޅިގެން މިހާރު ކުރިމަތިވެފައި މިވާ ހާލަތުގައި ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާޢަތުގެ ނަމާދުކުރުމީ މަކްރޫހަ ކަމަކާއި ނުލައި ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ.

މިއަދު ފަތުވާ މަޖިލީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާޢަތުގެ ނަމާދުކުރުމީ ކީރިތި ޤުރުއާނާއި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ކަމަށް ދަލީލު ލިބޭ އަދި މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މިޙާލަތާއި ގުޅުވައިގެން ހުއްދަ ކަމެއްކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމެއް ކަމަށެވެ.

ޞިއްޙީ ގޮތުން ލާޒިމުކުރާ އިޖްރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވީހިނދު އެކަމަކީ ޢުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ޞިއްޙީ ޙާލަތާއި ގުޅިފައިވާ ކަމަކަށްވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަން ޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ޞިއްޙީ މާހިރުން މިކަމަށް ދެއްވާ އިރުޝާދަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބުކަމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ.

މިޙާލަތުގައި ޖަމާޢަތުގައި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާމީހުން ސަފުގައި އިޖްތިމާޢީ ގައިދުރުކޮށްގެން ސަޕްހަދައިގެން ނަމާދު ކުރެވޭނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާކަމަށާއި ކަންމިހެން އޮތުމުން މިއުޞޫލުގެ މައްޗަށް ބިނާކޮށް އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިއަދު ޢަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

"ފަހެ އެއްވެސް ސަބަބެއްނެތި ހުރިހާ ކަމެއް ފުރިހަމަވެގެންވާ ޙާލަތުގައި އަމިއްލަ އިޚްތިޔާރުގައި ނަމާދު ކުރާމީހުންގެ ސަފުތަކުގައި ހުސްތަން ބާއްވައިގެން ނަމާދު ކުރުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަކްރޫހަ ކަމެކެވެ. އެކަމަކު މަޖްބޫރު ޙާލަތުގައި މިދެންނެވި މަކްރޫހަކަން ނެތިގެންދާނެއެވެ. އެއީ އަންނަނިވި ފިޤްހީ ޤާޢިދާގައިވާ ފަދައިންނެވެ. "ކަމެއް ދަތިވެގެންދާ ހިނދު އެކަން (އެބަހީ: އެކަމުގެ ޙުކުމް) ތަނަވަސް ވެގެން ދެއެވެ." ވީމާ، އިތުބާރު ހުރި ޞިއްޙީ މޯހިރުންގެ ލަފަޔާއި އިރުޝާދާ ޚިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެކެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަންޖެހޭނެއެވެ." ފަތުވާ މަޖިލީހުގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ "މި މައުޟޫޢުގައި ދުނިޔޭގެ ފަތުވާ މަޖިލީސްތަކާއި ފަތުވާ ކޮމެޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ މީސްތަކުންގެ މެދުގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާޢަތްތައް ހެދުން ހުއްޓާލުން ޞައްޙަ ކަމަށެވެ. ސަބަބަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޟަރޫރީ ޙާލަތުން ދިފާޢުވެ މަފްސަދާ ނައްތާލުމަށް ކަމަށްވާތީއެވެ."

ދުނިޔޭގެ ޤައުމުތަކުގެ ފަތުވާ މަޖިލީސްތަކުން އެއްބަސްވެފައިވަނީ އެގޮތަށް ޢަމަލުކޮށް ކަމުގެ ޙުރުމަތް ކަނޑައިލުމާއި އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފުސާއި މުޖުތަމަޢު ކޮވިޑްގެ ކާރިޘާގެ ނުރައްކަލަށް ހުށައެޅުމަކީ ޙަރާމް ކަމެއް ކަމަށް ކަމުގައި ވެސް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *