ރާއްޖޭގެ ޚަބަރުދިއިސްލާމް

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުުކޮށް ނަމާދުުކުރަން އަންގައިފި

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މިއަދުން ފެށިގެން ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތައް އެންގީ ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރުމާއިމެދު ރާއްޖޭގެ ބައެއް އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައި ވަނިކޮށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ދުނިޔޭގެ ވަރަށް ގިނަ އިސްލާމީ ގައުމުތަކުގެ މިސްކިތްތަކުގައި ނަމާދު ކުރަމުން ގެންދަނީ ގައިދުރުކަން ބަހައްޓައިގެންނެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގެ މިސްކިއްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރަން ނިންމީ ސިއްހީ މަސައްކަތްތެރިންނާއި ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފައަށް ރިއާޔަތް ކުރުމަށްފަހު ނިކަމަށެވެ. މިއީ މިސްކިތްތައް ބަންދުނުކޮށް، މިސްކިތްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

މިސްކިތުގައި ނަމާދުކުރާ އިރު، މިނިސްޓްރީން ކަނޑައަޅާފައިވާ ކަންކަމަށް ސަމާލުވާން މިއަދުގެ ނޫސްބަޔާނުގައި ވެސް އިރުޝާދު ދީފައިވެއެވެ. މިސްކިތްތަކުގައި ނަމާދުކުރާ އިރު، މާލޭ ސިޓީ ކައުންސިލުން ސަމާލުވާން ޖެހޭ ކަންތައްތަކާއި މިސްކިތަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތަކާއި އިމާމުން ސަމާލުވާން ޖެހޭ ކަންތައްތަކެއް އެ ބަޔާނުގައި ވެ އެވެ.

ސިޓީ ކައުންސިލުން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ނަމާދުކުރަން ހުޅުވާ މިސްކިތްތަކުގައި ކާޕެޓް ނޭޅުމާއި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުމާއި ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ހަމަޖެއްސުމާއި ކޮންމެހެން ބޭނުންކުރަން ޖެހޭ ހާލަތެއްގައި ނޫނީ އެއާކޮން ބޭނުންނުކުރުމާއި އެއާކޮން ބޭނުންކުރާ ނަމަ ދޭތެރެދޭތެރެއިިން ދޮރުތައް ހުޅުވައި ވައި ބަދަލުވާނެ ގޮތް ހެދުން ހިމެނެއެވެ.

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުމަށާއި މުސައްލައެއް ގެންގޮސް، އަމިއްލަ މުސައްލައިގައި ނަމާދަށް އެރުމާއި މާސްކު އެޅުމާއި މިސްކިތަށް ވަންނަ އިރު އަދި ނުކުންނަ އިރު ގައިދުރުކަން ބެހެއްޓުމާއި މިސްކިތުގައި ސަފުހަދާ އިރު އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުމާއި  ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ގޭގައި ނަމާދުކުރުން ހިމެނެއެވެ.

އަދި  ނަމާދުކުރުމަށް ފަހު މިސްކިތުގައި މަޑުނުކުރުމަށާއި މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް ސަލާން ނުކުރުމަށާއި މިސްކިތުގައި ހުންނަ ހަތިމްތައް ބޭނުންނުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން އިމާމުން ސަމާލުވާންވީ ކަންތައްތަކުގެ ގޮތުގައި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ، ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ، ކުރު ސޫރަތެއް ކިޔެވުމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެއެވެ.

އަދި މީގެ ކުރިން ވެސް މިނިސްޓްރީން އައީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *