ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ތަކުރާރުކޮށް ތައުބާވިނަމަވެސް ﷲ ތަޢާލާ އެމީހެއްގެ ތައުބާ ޤަބޫލު ކުރައްވާނެ: ޝެއިޚް ސަމީރު

Thakuraarukoh Thaubaavi Namaves Allah Thalaa Emyhegge Thaubaa Gabool Kuravvaane: Sheikh Sameer

ތަކުރާރުކޮށް ތައުބާވިނަމަވެސް ﷲ ތަޢާލާ އެމީހެއްގެ ތައުބާ ޤަބޫލު ކުރައްވާނެ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސަމީރު މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ތައުބާވުމުގެ މައިގަނޑު ތިން ޝަރުތެއް ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފައެވެ. ފުރަތަމަ ކަމަކަށް މީހަކަށް ފާފައެއް ކުރެވުމުން، ޒިނޭ ފަދަ ބޮޑު ފާފައެއް ކަމުގައި ވިޔަސް އެކަމުން ތައުބާވުމަށްޓަކައި އެކަން ހުއްޓާލަން ޖެހެއެވެ. އަދި ކުރިން ފާފައެއް ކުރެވިފައި ވާނަމަ އެފާފައަކަށް ދެވަނަ ފަހަރަށް ރުޖޫޢަނުވާނެ ކަމުގެ ޢަޒުމް ހިތުގައި ކަޑައެޅުމެވެ.

މީގެ އިތުރުން ދެވަނަ ކަމަކަށް ކުރެވުނު ފާފައާއި މެދު ދެރަވެ ހިތާމަކޮށް މާތް ﷲގެ ޙަޒްރަތުން ފާފަ ފުއްސެވުން އެދި ދެންނެވުމެވެ. ފާފަ ކުރަމުން ކުރަމުން ތައުބާއެއް ނުވެވޭނެކަމަށް ވެސް ވިދާޅުވިއެވެ. އިޚްލާސްތެރިކަމާއެކު މި ޝަރުތުތައް ހަމަވެއްޖެނަމަ ﷲ ތަޢާލާ ތައުބާ ޤަބޫލުކުރައްވާނެ ކަމުގައެވެ. ނަމަވެސް އިންސާނަކު މިޝަރުތުތައް ފުރިހަމަކޮށް ތައުބާވުމަށްފަހު، އަނެއްކާ ފާފައަކަށް އަރައިގަނެވިއްޖެނަމަ އަނެއްކާ ތައުބާ ވެވޭނެއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. އެބައިމީހުންގެ ނަފްސުތަށް ފާފައިން އިސްރާފު ކޮށްފައިވާ ތިމަން އިލާހުގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ހުރިހާ ފާފައެއް ފުއްސަވާ ދެއްވާނެއެވެ.

އަދި ހަމަ އެހެންމެ ބައެއް ކަހަލަ ފާފަތަކަކީ އިންސާނުންގެ ޙައްގުތަކާއި ގުޅުންހުރި ފާފަތަކެވެ. މިސާލަކަށް މީހެއްގެ މުދަލަށް އަރައިގަތުން ނުވަތަ ޙައްޤަކަށް އަރައިގަނެވިފައި އޮތްނަމަ ކުރިން ބަޔާންކުރެވުނު ތިން ކައްތައްތަކުގެ އިތުރުން އެމީހެއްގެ ފަރާތުން ހިތް ޙަލާލު ނުވަތަ މާފު ހޯދަން ޖެހެއެވެ. އަދި މަޞްލަހަތައް ނުވަތަ ފައިދާއަކަށް ނުވާކަންކަމުގައި އެފަދަ މީހަކަށް ހެޔޮ ދުޢާކުރުމެވެ. އެއިރުން ﷲ ތަޢާލާ ކަންކަން އިސްލާހުކޮށްދެއްވާ ފަސޭހަކޮށް ދެއްވާނެއެވެ. އަޅުގަނޑުމެންނަށް އޮތީ އިޚްލާސްތެރި ކަމާއެކު ﷲ އަށް ދުޢާ ކުރުން ކަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *