މާތް ﷲ ދެކެ ޙަޤީޤަތުގައި ލޯބިވާނަަމަ އެކަލާނގެ ރަސޫލާ އަށް ތަބާވުމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުފްތީ މެންކް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެއްދުވަހު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަރިހަށް އަޞްޙާބު ބޭކަލެއް ވަޑައިގެން ވިދާޅުވިއެވެ. (މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެވެ. ތިމަން މާތް ﷲ ދެކެ ލޯބިވަމެވެ. މާތް ﷲ ދެކެ ލޯބި ނުވާނީ ކާކު ހެއްޔެވެ؟ އެއީ އަހަރެމެން ހެއްދެވި އިލާހެވެ.
މީގެ އިތުރުން ލޯބިވާކަމަށް ބުނުމަށްފަހު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނޫޅޭނަމަ އެވެވެނީ ލޯތްބެއް ނޫންކަމެވެ. އެކަލާނގެ ދެކެ ލޯބިވާނަމަ ފަތިސް ނަމާދު ގަޑީގައި ނިދަން ނޯވެ ނަމާދު ޤާއިމުކުރުމަށް ވިދާޅުވިއެވެ. އަދި އެހެން ނަމާދުތައް ވެސް ގަވާއިދުން އެވަގުތެއްގައި ޤާއިމުކުރުމަށް ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙިމްވަންތަ ރަސްކަލާނގެއެވެ.
އަދި ހަމަ އެހެންމެ ފާޙިޝް ޢަމަލުތަކުން ދުރުވެ، ފާޙިޝް ޢަމަލުތައް ހިމެނޭ އެއްޗެއް ނުބަލާ، ހެދުން އެޅުމުގައި ރަނގަޅަށް ޢަވްރަ ނިވާކޮށް، ޖުވާ ނުކުޅެ، އެންމެހާ ނުބައި ޢަމަލުތަކުން ދުރުވުންކަމަށް ވެސް ވިދާޅުވިއެވެ.
ޚިޔާލު