ގޭގައި އަންހެން މީހާ އަދާކުރަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަމީރު މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ގޭގައިތިބެގެން ވަރަށް ގިނަ ކަންކަން ވަނީ ފެނިގެން ގޮސްފައެވެ. އަންހެން މީހާއަށްވެސް އަދި ފިރިހެން މީހާއަށް ވެސް ވަރަށް ގިނަ ކަންކަން އެނގިގެން ގޮސްފިއެވެ. ގޭގެ ކަންކަން ހުންނަ ގޮތާއި، އަންހެން މީހާ ކުރާ މަަސައްކަތާއި، ދަރީންގެ ކަންކަމާއި ގޭތެރޭގެ ކަންކަމުގައި އުފުލަމުންދާ ބުރަ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އިޙްސާސް ވެގެން ހިނގައްޖެއެވެ.
މީގެ އިތުރުން ބައެއް މީހުން އަންހެން މީހާ ގޭގައި އެއްވެސް ކަމެއް ނުކުރާކަމަށް ބުނެއެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ ދުލުން އަންހެން މީހާއަށް ނުވަތަ ފިރިހެން މީހާއަށް ބުނެލާ އެއްޗެހި ބުނަން ޖެހެނީ ވަރަށް ވިސްނައިގެންކަމެވެ. އަދި އަޅުގަނޑުމެންގެ މުޢާމަލާތް ވަރަށް ތަފާތުކުރަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް އަންހެން މީހާ އުފުލަމުން ދަނީ ވަރަށް ބޮޑު ޒިންމާއެއް، އަދި ކުރަމުން ދަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އަދި ހަަަމަ އެހެންމެ އެއްވެސް ޙާލެއްގައި އަނެކާގެ މަސައްކަތައް ކުޑައިމީސްކޮށްލާ އެއްޗެހި ބުނެލުމުން އެއި އަނެކާގެ ހިތަށް ވަރަށް ބޮޑު ތަޞައްރުފެއް ކުރާނެ ކަމެއް ކަމަށެވެ. އަދި ބައެއް މީހުން އަންހެން މީހުން ޞިފަކުރަނީ ގޭގައި މަސައްކަތެއް ނެތިފައި ތިބޭ އަންހެނުން ކަމަށެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެސް ވިދާޅުވިއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އުއްމަތްތައް ބިނާކޮށް ތަރުބިއްޔަތުކޮށްފައި ވަނީވެސް އެކަނބަލުން ގޭގައި ތިބެގެން ކަމަށެވެ.

















ޚިޔާލު