އިސްލާމީ ޝަރީޢަތާއި ޚިލާފު ނައްޞެއްވާނަމަ، އެއްވެސް އިސްތިސްނާއެއްނެތި އެ މުޢާހަދާއެއްގައި ބައިވެރިވުން ޤާނޫނު އަސާސީ ހުއްދައެއް ނުކުރާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ އަޙްމަދު ޢަބްދު ﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ ދީދީ މިހެން ވިދާޅުވެފައިވަނީ ވަޒީރުންގެ މަޖްލީހުން ކަލްޗަރަލް މުޢާހަދާ، ނުވަތަ އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ގައި ސޮއިކޮށް ބައިވެރިވުމަށް ނިންމުމާއި ވިދިގެން، އެކަމާއި އިދިކޮޅަށް ޢިލްމުވެރިންގެ ގުޅުމުން ރައީސަށް ފޮނުއްވި ސިޓީއެއް ޓްވީޓު ކުރައްވާ، ލިޔުއްވި ލިޔުއްވުމެއްގައެވެ.
"ދިވެހި ރާއްޖެ ބައިވެރިވާ އެއްވެސް މުޢާހަދާއެއްގައި އިޞްލާމީ ޝަރީޢަތާ ޚިލާފު ނައްޞެއް ވާނަމަ، އެ ނައްޞުގެ ދަށުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމުގެ "ރިޒަރވޭޝަން" އާ އެއްކޮށް މެނުވީ އެ މުޢާހަދާއެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ހުއްދަކުރާ ކަމެއް ނޫން" އޭނާ ޓްވީޓު ކުރައްވާފައިވެއެވެ.
މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތާއި ބައިނަލްއަޤުވާމީ ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޑރ ދީދީ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ގިނަ ޢަދަދެއްގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، ގިނަ މަދަނީ ޖަމްޢިއްޔާތަކުން އުފެދިފައިވާ ރައްޔިތުންގެ އިއްތިޙާދު ވެސްދަނީ މިމުޢާހަދާގައި ސޮއި ކުރުމާއި އިދިކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ޑރ އިޔާޒާއި، ޝައިޚު ޢަލީ ޒާހިރާއި، ޝައިޚު ނިމާލާއި، ޝައިޚު ފަރީދު އަދި ޝައިޚު ޢަބްދު ﷲ ސޮއި ކުރައްވާ ރައީސަށް ފޮނުއްވާފައިވާ ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި އެބޭފުޅުން ބެއްލެވި ބެއްލެވުމުގައި އިސްލާމީ އެކި ޤައުމުތަކުން މި އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ތަޞްދީޤު ކުރުމަށް ދަނީ އިންކާރު ކުރަމުންނެވެ. އަދި މިއީ އިޚްތިޔާރީ މުޢާހަދާއެއްކަމުން، ކޮންމެހެން އޭގައި ބައިވެރުވުމުގެ ބޭނުމެއް، ނުވަތަ އެއަށް ޢަމަލުކުރުމުގެ މަޖުބޫރުކަމެއް، އަދި ރައްޔިތުންގެ މަޞްލަޙަތެއްވެސް އޭގައި ނެތް ކަމަށް ފާހަގަވެފައިވާތީ، އެފަދަ ޕްރޮޓޮކޯލަކަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް ލާޒިމުކޮށްގަތުމަކީ ރަނގަޅު ކަމެއްކަމަކަށް ދެންނެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތް ކަމުގައިވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
ޚިޔާލު