ކޮންމެ ޙާލަތެއްގައިވެސް ﷲ އަށް ވަކީލުކުރާ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް އެއިލާހު ފުދިގެންވާ ކަމަށް އައްޝައިޚު ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
އައްޝައިޚު ޙަސަން މޫސާ ފިކްރީ މިހެން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން ކޯވިޑް 19 އާއި ވިދިގެން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ﷲ އަށް ވަކީލު ކުރުން" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ޝައިޚު ވިދާޅުވެފައިވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. "ތިޔަބައިމީހުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙައްޤުވެގެންވާ ގޮތުގައި ތަވައްކުލް ކުރާ ކަމުގައިވާ ނަމަ ތިޔަބައިމީހުންނަށް އެއިލާހު ދޫނި ސޫފާ ސުއިޕަށް ރިޒްޤު ދެއްވާހެން ރިޒްޤު ދެއްވާނެތެވެ. އެތަކެތި ހެނދުނު ހާލިން ދަނީ ބަނޑުހައި ހޫނުކަމާއި އެކުއެވެ. އެނބުރި ރޭގަނޑު އަންނަނީ ބަނޑު ފުރިގެންވާ ޙާލުއެވެ."
ޝައިޚު އިތުރަށް ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަކޮށް އަޅުގަނޑުމެން އިސްލާމްދީނުގެ މަތީގައި ޘާބިތު ވެއްޖެނަމަ، އަޅުގަނޑުމެންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތް ތަނަވަސް ވެގެންދާނެއެވެ. އަދި ކޮންމެ ޙާލެއްގައިވެސް އަޅުގަނޑުމެން އެއިލާހަށް ބަރޯސާވެ، އެއިލާހުގެ އެއްކައުވަންތަކަމަށް އިޤުރާރުވެ ދީނުގެ މަތީ ސާބިތުވެއްޖެނަމަ އެއިލާހު އަޅުގަނޑުމެންނަށް ފުދިގެންވެއެވެ. އަދި އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ޙާލަތަކީވެސް އަޅުގަނޑުމެންނަށްވާ ހެޔޮކަމެއްކަމުގައި ވެއެވެ.
ޝައިޚުގެ ވާހަކަފުޅު ނިންމަވާ ލައްވަމުން ކޮންމެ މުސްލިމަކަށް ދިމާވާ ކޮންމެ ކަމަކީވެސް ﷲ ގެ މިންވަރުފުޅުން ދިމާވާ ކަމެއްކަމަށް ޤަބޫލުކޮށް، އަޅުގަނޑުމެންނަކީ އެއިލާހަށް ވަކީލު ކުރާ ބަޔަކަށް ވުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައިވެއެވެ.
ޚިޔާލު