މިދުނިޔެއަށް ފޮނުއްވުނީ ﷲ އަށް އަޅުކަންކުރުމަށް ކަމަށާއި، ރަމަޟާންމަހަށް ފަހުވެސް ހެޔޮކަމުގެ މަތީގައި ޘާބިތުވާންޖެހޭ ކަމަށް އައްޝައިޚު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޝައިޚު ޝާހިދު މިހެން ވިދާޅުވެފައިވަނީ ރަބީޢުލް ޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވަމުންދާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚު ވިދާޅުވީ ހެޔޮމަކުގެ މަތީގައި ޘާބިތުވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަންވާކަމަށައި މިގޮތުން ހެޔޮކަމުގެ މަތީގައި ޘާބިތުވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެއްމެ މުހިއްމުކަމަކީ ނަމާދު ކަމަށާއި، މާތް ﷲ ބަޤަރާ ސޫރަތުގައި "ތިޔަބައިމީހުން ކެތްތެރިކަމާއި ނަމާދުން ވާތްގަށް އެދުމަށް" އަންގަވާފައިވާކަމަށްވެސް ޝައިޚު ވިދާޅުވެފައިވެއެވެ.
ހަމަ މިފަދައިން ޤުރްއާން ކިޔެވުމާއި، ދުޢާކޮށް އިސްތިޣްފާރު ކޮށް ތައުބާވުމާއި، އަމިއްލަ ނަފްސު މުޙާސަބާކޮށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކާއި މިން ކުރުމާއި، ރަގަޅު ރަޙްމަތްތެރިން އިޚްތިޔާރު ކުރުމަކީވެސް ހެޔޮކަންކަމުގެ މަތީގައި ޘާބިތުވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތައްކަމަށް ޝައިޚު ފާހަގަ ކުރައްވާފައިވެއެވެ.
ޝައިޚު ޝާހިދުގެ ވާހަކަފުޅު ނިންމަވާ ލައްވަމުން ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާޢުކީ ކަމުގައިވިޔަސް ހެޔޮކަމުގެ މަތީގައި ޘާބިތުވެ ހުރުމަށް ޢަޒުމު ކަނޑައަޅާ، އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ﷲ އަށް ކިޔަމަންތެރިވެވޭ ދުވަހެއް ކަމުގައި ހެދުމަށް ދުޢާކުރުން މަތީ ދެމިހުންނަން ޖެހޭނެއެވެ.

















ޚިޔާލު