ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޚިދުމަތް ދޭން ފަށާ ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކު ނުވަތަ މޯލްޑިވުސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) މާދަމާ ރައިސްލްޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ހުޅުއްވައި ދެއްވާނެއެވެ.
މިބޭންކު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެމް.އައި.ބީގެ ހެޑް އޮފީސް ހ. ކޮކަނަޓް ވިލާ ކުރިމަތިން އަމީރު އަހުމަދު މަގުގައެވެ.
އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ގެ 85 އިންސައްތަ ހިއްސާއާއި ދިވެހި ސަރުކާރުގެ 15 އިންސައްތަ ހިއްސާ ހިމެނޭ ގޮތައް ހުޅުވާ އެމް.އައި.ބީއިން ޚިދުމަތް ފަށައިގަންނަ އިރު ކަރަންޓް އެކައުންޓާއި ސޭވިންގް އެކައުންޓް އަދި އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށާއި އަދި ވިޔަފާރި ބޭންކަކުން ދޭ ހުރިހާ ޚިދުމަތެއް އިސްލާމީ އުސޫލުތަކާއި އެއްގޮތައް އެބޭންކުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމް.އައި.ބީ އިން ހާމަކުރައްވައެވެ.
މޯލްޑިވުސް އިސްލާމިކް ބޭންކަކީ ވަކި ބަޔަކަށް ޚިދުމަތް ދިނުމަށް ފަށާ ބޭންކެއް ނޫންކަމަށާއި އެމް.އައި.ބީ އަކީ ދިވެހި ހުރިހާ މަސްވެރިންނަށާއި ހުރިހާ ދަނޑުވެރިންނަށާއި ވިޔަފާރިވެރިންނަށްވެސް ޚިދުމަތް ދިނުމަށް ހުޅުވާ ބޭއްކެއް ކަމަށް އެބޭންކުން ހާމަކުރައްވައެވެ.
މޯލްޑިވުސް އިސްލާމިކް ބޭންކު މާދަމާ ހުޅުވުނު ކަމުގައިވިއަސް ރަސްމީ ގޮތުން ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގައެވެ. މިބޭންކުގެ ޚިދުމަތްތައް ފުރަތަމަ ދިނުމަށް ހަމޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 2:30 ށެވެ.
ރާއްޖޭގައި އިސްލާމިކް ބޭންކެއް ހުޅުވިގެން ދިއުމަކީ ދިވެހި ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެކެވެ.

















އަލްހަމްދުލިﷲހި. ވަރަށް އުފާވެރި ޚަބަރެއް. މިބޭންކް ކުރިއަރާގެން ދާނެ ކަމަށް އުންމީދު ކުރާހާލު މިކަން ކުރިއަރާ ދިނުމަށްއެދި ﷲ ގެ ހަޒްރަތުގައި ދުޢާ ދަންނަވަން. އާމީން