ރާއްޖޭގެ ޚަބަރު

ބޮޑު މުޒާހަރާގެ ޑިމާންޑުތަކަށް އިޖާބަދީ އިސްލާމްދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން ދައްކާފައި ނުވޭ : އިއްތިހާދު

"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފައިލް ފޮޓޯ

 

"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފައިލް ފޮޓޯ

"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން 23 ޑިސެމްބަރ 2011 ގައި ބޭއްވި ބޮޑު މުޒާހަރާގައި ސަރުކާރަށް ހުށަހަޅާފައިވާ ޑިމާންޑުތަކަށް އަދި ރައްޔިތުންގެ އިހުސާސްތަކަށާއި ގޮވާލުމަށް އިޖާބަދީ، "އިސްލާމްދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ އެއްވެސް އިޝާރާތެއް، ބަހުން ނުވަތަ އަމަލުން ވެސް ދައްކާފައި ނުވާކަން، ނުހަނު ހައިރާންކަމާއި ހިތާމައާއެކު ފާހަގަ ކުރާ" ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ.

އެ ދުވަހު ހުށަހެޅި ފަސް ޑިމާންޑު ފުރިހަމަކުރަން ސަރުކާރަށް ދީފައިވާ މުހުލަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާއިރު، މަދަނީ އިއްތިހާދުން ބުނީ "ދެން ކަންތައް ކުރާނެ ގޮތް" އަންނަ އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

"ތޭވީސް ޑިސެމްބަރު އިއްތިހާދު" ގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާގެ ގޮވާލުންތަކަށް އެއްވެސް އިޖާބައެއް ނުދީ، އެ ގޮވާލުންތަކަށް މަލާމާތާއި ޖެއްސުން ކުރުމުގެ ތަފާތު އަމަލުތައް ހިންގަމުންދާ ކަމަށެވެ. އަދި ދިވެހިންގެ އަބުރާއި ކަރާމާތަށާއި ރާއްޖޭގެ އިގުތިސާދަށް އަރައިގަތުމުގެ ވިޔާނުދާ އެތައް އަމަލެއް ހިންގައި، ދުނިޔޭގެ ކުރިމަތީގައި ދިވެހިން ފަޟީހަތް ކުރުމުގެ ޖަރީމާތައް، ސަރުކާރުން ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިއްތިހާދުން ބުންޏެވެ.

އިއްތިހާދުން ބުނީ މުޒާހަރާ ކުރެވެމުންދިޔަ ވަގުތު، އެ މުޒާހަރާ އަކީ، ދެ ތިން ހާހެއްހާ މީހުންގެ އެއްވުމެއް ކަމުގައި ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އޭގެ ފަހުގެ މަރުހަލާތަކުގައި، "ދިވެހިންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ އަޑު އުފުލި މުޒާހަރާ" އެއްގެ ގޮތުގައި ރައީސް ނަޝީދު ވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.  އަދި ބޮޑު މުޒާހަރާގެ ބައިވެރިންނަކީ ދިވެހި އިގުތިސާދުގެ "ދުޝްމަނުން" ނޫން ކަމަށް ވެސް އިއްތިހާދުން ބުންޏެވެ.

އިއްތިހާދުން ބުނީ އެ މުޒާހަރާގައި، ރާއްޖޭގެ ޓޫރިޒަމާއި އެ ނޫން ވެސް އިގުތިސާދީ ހަރަކާތްތަކަށް، ގާނޫނާއި ގަވާއިދުގެ ތެރެއިން ދީފައިވާ ފުރުސަތުތަކަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަޑެއް އުފުލާފައި ނުވާ ކަމަށެވެ.

މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ޑިމާންޑްތައް ސަރުކާރަށް ފުރިހަމަކޮށް ނުދެވުނު ކަމަށާއި، އެކަންތައް ފުރިހަމަ ކޮށްދިނުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތް ކަމަށެވެ.

ބޮޑު މުޒާހަރާގެ ޑިމާންޑްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ރައީސްގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ޑިމާންޑުތައް ފުރިހަމަ ކުރުމަށް އިތުރަށް ސަރުކާރުން އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ތި ބުނާ ޒުހައިރަކީ އަޅެ ކުޑަކޮށްވެސް ލަދު ގަންނަ މީހެއްބާ؟

  2. އަޅާނެ ފިޔަވަޅެއް ވެސް އިންގެެޭ ބައެައް ވެސްނޫދޯ މިއުޅެނީ ކަންކަމާ ހަވާލުވެގެން….

  3. އެއްވެސް ފިޔަވަޅެއް ސަރުކަަރުނ އަޅާނެ ހެނެއް ހީއެއް ނުވޭ… މުޒާހަރާ ކުރިޔަށްވުރެ މޮޅަށް ރާވައިގެން ބޭއްވުން ނޫން ގޮތެއް އޮތްހެނެއް ހީއެއްނުވޭ… ބުޅާ ފިހިގަނޑާ ކުޅުވާހެން މި ސަރުކާރުގެ ވެރިން ބޭނުންވަނީ ރައްޔިތުންނާ ދިމާކޮށް ޖެއްސުންކޮށްކޮށް ތިބެގެން ބޭނުންވާ މަޤްޞަދު ޙާޞިލު ކުރަން… އެ ޖާގަ ނުދެއްވުމަށް މުޒާހަރާ ރާވާ އިންތިޒާމް ކުރައްވާ ފަރާތްތަކަށް ދަންނަވަން..

Your email address will not be published. Required fields are marked *