ރާއްޖޭގެ ޚަބަރު

ދުބާއީ ޤުުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ރިފްދާ އާއި މިނިސްޓަރ ބައްދަލު ކުރައްވައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝައިޚާ ފާޠިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ރިފްދާ މުޙައްމަދު ރަޝީދާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ މި މަހުގެ 5 ވަނަ ދުވަހު ހެނދުނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ގެ އިތުރުން ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ ރިފްދާއަށް ހިތްވަރު ދެއްވައިފައެވެ. އަދި މިމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ލިބުނުކަމީ ވަރަށް އުފާވެރި ޚަބަރެއްކަމަށް ވިދާޅުވެ، މުބާރާތުގައި ރާއްޖެ ފަޚްރުވެރިވާފަދަ ވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަޞޭޙަތް ދެއްވާފައިވެއެވެ.

ޝައިޚާ ފާޠިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތަކީ، ދުބާއީގައި މިއަހަރު މުޅިން އަލަށް ފަށާ މުބާރާތެކެވެ. މިމުބާރާތަކީ މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް، 25 އަހަރުން ދަށުގެ އަންހެނުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރުމަށް ރިފްދާ މުޙައްމަދު ރަޝީދު ހޮވިފައިވަނީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މިމުބާރާތުގައި ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ކުރި އިޢްލާނާ ގުޅިގެން ކުރިމަތިލީ ކުދިންގެ ތެރެއިން އިމްތިޙާނު ކުރެވިގެންނެވެ.

އަލްމަދަރުސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގައި ތަޢްލީމު ޙާޞިލުކުރަމުންދާ ރިފްދާއަކީ ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ އިޖާޒާ ކިލާހުގައި ކިޔަވަމުންދާ ދަރިވަރެކެވެ. ރިފްދާ ވަނީ ކީރިތި ޤުރްއާން މުޅިން ހިތުދަސްކޮށް، 2014 ވަނަ އަހަރު ޙާފިޡްކަމުގެ ސަނަދު ހޯދާފައެވެ. 2015 ވަނަ އަހަރު އަލްޖީރިއާ އަދި މިޞްރުގައި ބޭއްވި ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤުވާމީ ދެ މުބާރާތެއްގައިވެސް ރިފްދާ މުޙައްމަދު ރަޝީދު ވަނީ ބައިވެރިވެފައެވެ. މިޞްރުގައި ބޭއްވި މުބާރާތުން ރިފްދާ ވަނީ ރަންވަނަ ޙާޞިލުކޮށްފައެވެ.

ޝައިޚާ ފާޠިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތް ކުރިއަށްދާނީ 6 ނޮވެމްބަރ 2016 ން 18 ނޮވެމްބަރ 2016 ގެ ނިޔަލަށް ދުބާއީގައެވެ. މުބާރާތުގައި ބައިވެރިވުމަށް ރިފްދާ ދުބާއީއަށް ފުރާނީ 2 ނޮވެމްބަރ 2016 ވާ ބުދަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ، 19 ނޮވެމްބަރ 2016 ވާ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *