އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދީނީ ކައުންސެލިންގެ ޚިދުމަތް ދިނުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިފި އެވެ.
އެއިދާރާއިން އިއްޔެ ބުނީ މި ޕްރޮގްރާމަކީ މިއަހަރުގެ ރަމަޟާން މަސް އިހުޔާކޮށް ދިރުވުމަށް އައްޑޫގައި ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، ސްކޫލްތަކުގައި އަޚްލާޤީ ގޮތުން މައްސަލަ ކުރިމަތިވާ ދަރިވަރުންނަށް އަމާޒުކުރެވޭ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާ ގޮތާއި، އެދަރިވަރުންގެ ތެރޭގައި ހުރި މައްސަލަތަކާއި، ޕްރޮގްރާމް ބާއްވަން ބޭނުންވާ ތާރީޚާއި ވަގުތު ކައުންސިލްގެ އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓަށް އެންގުމުން ޕްރޮގްރާމް ހިންގައި ދެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެ އެވެ.
ދަރިވަރުންނަށް ދީނީ ކައުންސެލިންގެ ޚިދުމަތް ދެއްވާނީ ދީނީ ޢިލްމުވެރިން ކަމުގައި ސިޓީ ކައުންސިލުން ހާމަކުރެ އެވެ.
މިއަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން، ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށްފަހު މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމާއި، ސްކޫލްތަކަށް އަމާޒުކޮށްގެން ދީނީ ފޯރަމް ބޭއްވުމަށް ވެސް އައްޑޫސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ.

















ޚިޔާލު