ރާއްޖޭގެ ޚަބަރު

މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލް ބޭރުކޮށްލައިފި

ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލް މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލް މަޖިލީހުން ބޭރުކޮށްލީ ވެސް 26 މެންބަރުންގެ ވޯޓުން ނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ވޯޓު ދެއްވީ 18 މެންބަރުން ނެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލް މިއަދު މަޖިލީހުން ބޭރުކޮށްލާފައިވާއިރު މިބިލަކީ މެންބަރުންގެ މެދުގަ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެގެން ދިޔަ ބިލެ ކެވެ. މެންބަރުންގެ މެދުގައި މިބިލާއި މެދު ޚިޔާލު ތަފާތުވެގެން ދާންޖެހުނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާކާއި ގުޅިގެން ކަމަށް މެމްބަރުން ބުނެއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ބަހުސް ނިންމާފައިވާ އެ ބިލަށް އެ ދުވަހު ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މަރުގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަމަކަށްވާތީ، އެކަމަށް ވަކި ގާނޫނެއް ބޭނުން ނުވާކަމަށެވެ. އަދި އެ ބިލް ހުށަހެޅުއްވީ މަރުގެ އަދަބު ދިނުން ތަންފީޒުކުރުން ލަސްކުރުމުގެ ބަދުނާމު މަޖިލީހުގައި އެޅުވުމަށް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މިބިލްގައި ބުނެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހެނީ ދަންޖައްސައިގެން ކަމަށެވެ. އަދި ދަންޖެއްސުމަށްފަހު ހަށިގަނޑު އާއިލާއާއި ހަވާލު ކުރަންވާނެ ކަމަށާ އާއިލާއިން ހަށިގަނޑާއި ހަވާލު ނުވެއްޖެނަމަ ހަށިގަނޑު ވަޅުލުމުގެ އެންމެހާ ކަންކަން ކުރަން ވާނީ ކަމާބެހޭ ފަރާތްތަކުން ކަމަށްވެސް ބިލުގައި ބުނެއެވެ. މީގެ އިތުރުން ދަންޖައްސާއިރު އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ދަންޖައްސާ ތަނުގައި ޑޮކްޓަރަކާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ކަނޑައަޅާ ވަކީލަކާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރަކާއި ވާރިސަކު ހުރުމަށް ބޭނުންވާ ނަމަ ވާރިސެއް ހުންނަން ޖެހެ އެވެ.

ދަންޖައްސާ މީހާ އަށް ލިބިގެންވާ ހައްގުތަކުގެ ތެރޭގައި ދަންޖެއްސުމުގެ ކުރިން އެ މީހެއްގެ އާއިލާއާ ބައްދަލުކުރުމާއި ދަންޖެއްސުމުގެ ކުރިން ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް ނުވަތަ ކުރަން ބޭނުންވާ ވަސިއްޔަތެއް ކުރަން ފުރުސަތު ލިބުން ހިމެނެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖެއް ނަމަ 18 އަހަރު ފުރެންދެން ހުކުމް ތަންފީޒު ކުރުން ފަސް ކުރެވިދާނެ ކަމަށާ މާބަނޑު އަންހެނެއް ނަމަ އޭނާ ވިހާ ކުއްޖާއަށް 2 އަހަރު ފުރެދެން ހުކުމް ތަންފީޒުކުރުން ފަސްކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބުއްދި ހަމަނުޖެހޭ މީހެއްނަމަ އޭނާގެ ބުއްދި ހަމަޖެހެންދެން އަދި މާބޮޑަށް ބަލި ހާލު ދެރަ މީހެއްނަމަ ބަލިހާލު ރަގަޅުވަންދެން ހުކުމް ތަންފީޒުކުރުން ފަސްކުރެވިދާނެ ކަމަށްވެސް ބިލުގައި ބުނެއެވެ.ބ މިބިލަށް ބަހުސް ކުރި ގިނަ މެންބަރުން ޝަރުއީ ދާއިރާގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެފައިވާއިރު ޝަރުއީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒު ނުވެދާތީ ޝަރީއަތްތައް ހަލުވި މިނުގައި ކުރިއަށް ގެންދިއުމަށް ބާރުއެޅުން އެއީ މިފަދަ ބިލެއް ހުށަހެޅުމުގެ މަގުސަދެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މަރުގެ މައްސަލަތަކުގައި ވެސް ޝަރުއީ ހުރިހާ މަރުހަލާއެއްގައި އަމަލުކުރަން ވާނީ ޖިނާއީ އެހެން މައްސަލަތަކެކޭ އެއްގޮތަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް މަރުގެ އެއްވެސް މައްސަލައެއްގެ ޝަރީއަތް ގާނޫނީ ވަކީލެއްގެ ހާޒިރުގައި މެނުވީ ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *