ފުލުހުންކަމަށް ހެދިގެން އުޅޭ ބަޔަކު އައްޑޫ ސިޓީގެ މަގުމަތިން ޢާއްމު ރައްޔިތުން ހުއްޓުވައި ބަލައި ފާސްކުރުމުގެ ނަމުގައި އެމީހުންގެ އަތުގައި ހުންނަ ފައިސާ އާއި ގަހަނާ ފޭރެމުން ދާކަމަށާއި އަދި އެކަމަށް ޢާއްމުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީގައި ހިންގާ މިފަދަ ޢަމަލުތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ފުލުހުންނޭ ބުނެ މީހުންގެ ގޯތި ގެދޮރާއި ތަންތަން ފާސްކުރުމުގައި ޙަރަކާތްތެރިވާ މީހުންނަށް އެފުރުޞަތު ނުދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ފުލުހުން ޑިއުޓީގައި ޙަރަކާތްތެރިވާއިރު، ފުލުހުންގެ އަތުގައި ޕޮލިސް ކާޑު އޮންނާނެ ކަމަށާއި ބައެއް ޙާލަތްތަކުގައި އަދި ބައެއް އޮޕަރޭޝަންތަކުގައި ފުލުހުން ޔުނީފޯމު ފިޔަވައި ކުލަ ހެދުމުގައިވެސް ޙަރަކާތްތެރިވާއިރުވެސް ފުލުހުންގެ އަތުގައި ފުލުހުންގެ ކާޑު އޮންނާނެކަމަށް ފުލުހުން ބުނެއެވެ. އަދި ޔުނީފޯމް ނުލައި ފުލުހަކު ރަސްމީ ޑިއުޓީގައި ހަރަކާތްތެރިވާ ޙާލަތްތަކުގައިވެސް ފުލުހުންގެ އަތުގައި އެފުލުހެއްގެ ކާޑު އޮތްތޯ ބައްލަވަން ހަނދުމަކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން ބުނީ، ފުލުހުން ކަމަށްބުނެ އައްޑޫ ސިޓީގެ މަގުމަތިން މީސްމީހުން ހުއްޓުވައި ބަލައި ފާސްކުރަންކަމަށް ބުނެ މީސްމީހުންނަށް އެކި ގޮތްގޮތުން ބިރުދައްކައި އެމީހުންގެ އަތުގައި ހުންނަ ގަހަނާ އާއި ފައިސާ އަތުލައިގަތުންފަދަ ކަންކަން ދަނީ ކުރަމުން ކަމަށެވެ. އަދި މިއާއެކު ބައެއް ފަހަރަށް މީހުންގެ ގޯތި ގެދޮރަށް ވަދެވެސް މިފަދަ ނާތަހުޒީބު ޢަމަލުތައް އެފަރާތްތަކުން ހިންގަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށާއި އަދި އެފަދަ ޙާދިސާތަކުގެ މަޢުލޫމާތު ވަގުތުން ފުލުހުންނާއި ޙިއްސާކުރުމަށް އެދޭކަމަށެވެ.
"އައްޑޫ ސިޓީގައި ރައްކާތެރި އަމާން މާޙައުލެއް ޤާއިމް ކުރުމަށް ފުލުހުން ހިންގާ ޙަރަކާތްތަކުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބެމުންދާ މިދަނޑިވަޅުގައި ފުލުހުންގެ އަގުވައްޓާލައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ހިންގަމުންދާ މިފަދަ ނާތަހުޒީބު ޢަމަލުތަކުގެ ސަަބަބުން ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް މިފުރުޞަތުގައިވެސް އަރުވަން" ފުލުހުންގެ ނޫސް ބަޔާނުގައި ވެއެވެ.

















ޚިޔާލު