ރައީސް ވަޙީދު ފައްޅިއަށް ވެންނެވި މައްސަލަ ފިޤްޙް އެކަޑަމީގައި މަޝްވަރާކުރާނެ ކަމަށާއި އަދި އެ މަޝްވަރާ އިން ނިންމާ ގޮތްތައް ރައީސް ވަހީދަށް އަންގަވާނެ ކަމަށް ޢަދާލަތު ޕާރޓީގެ އިސްތަރުޖަމާނު އަދި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ”ގައުމައިގެން ކުރިއަށް“ ކޯލިޝަންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު ވަރަށް ފަހުން ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި ފައްޅިއަކަށް ވަޑައިގެންނުވުމާ ގުޅިގެން އަދާލަތު ޕާޓީން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނާތީ ރައްދުވަމުންދާ ފާޑުކިޔުންތަކާ ބެހޭ ގޮތުން އެޕާރޓީގެ އިސްތަރުޖަމާނު ޑރ. ޝަހީމް ވިދާޅުވީ ތާރީޚީ ތަނެއްގެ ގޮތުގައި ބަލައިލުމަށް ފައްޅި އަށް ޒިޔާރަތްކުރެވިދާނެ ކަމަށް އިލްމުވެރިން ދެކޭ ކަމަށާއި އެހެން ނަމަވެސް އަޅުކަން ކުރަން ނޫން ގޮތަކަށް ވެސް އިސްލާމީ ގައުމެއްގެ ވެރިޔަކު ފައްޅި އަށް ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް އިލްމުވެރިން ދެކޭކަމަށެވެ.
”އަޅުކަންކުރުމުގެ ބޭނުމުގައި އިސްލާމަކު ފައްޅި އަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން. އެކަމަކު ތާރީޚީ ތަނެއްގެ ގޮތުގައި ބަލައިލުމަށް ފައްޅި އަށް ޒިޔާރަތްކުރެވިދާނެ ކަމަށް އިލްމުވެރިން ދެކޭ. ކަން އެހެން އޮތަސް އަޅުކަން ކުރަން ނޫން ގޮތަކަށް ވެސް އިސްލާމީ ގައުމެއްގެ ވެރިޔަކު ފައްޅި އަށް ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް އިލްމުވެރިން ބުނޭ. ނަމަވެސް އެއީ ވަކި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް" ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސް ވަޙީދު ފައްޅިއަށް ވެންނެވި މައްސަލަ ފިޤްޙް އެކަޑަމީގައި މަޝްވަރާކުރައްވައި އެ މަޝްވަރާ އިން ނިންމާ ގޮތްތައް ރައީސް ވަހީދަށް އަންގަވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އެކަމުގައި ދީނީ އިލްމުވެރިން ވެސް ބަސް ބުނަން ޖެހޭ ކަމަށާއި ދިވެހި ރާއްޖޭގެ ޢިލްމުވެރިން ދެއްވާ ހެޔޮ ލަފާފުޅުތައް ރައީސް ވަޙީދު ޤަބޫލް ކުރައްވާނެކަން ޔަޤީން ކަމަށެވެ.
ފަލސްޠީނުގެ ނޫސްތަކުންވަނީރައީސް ވަޙީދުގެ ފަލަސްޠީނުގެ ދަތުރުފުޅާގުޅޭ ޚަބަރުތައް ކަވަރުކޮށްފައެވެ. އެގޮތުން އެމަނިކުފާނު ޒިޔާރަތްކުރެއްވި ތަންތަނުގެ ޚަބަރުތަކާ އެތަންތަނާގުޅޭ ފޮޓޯތައްވަނީ ފަލަސްޠީނުގެ ނޫސްތަކުގައި ޝާއިޢުކޮށްފައެވެ. އޭގެތެރޭގައި މަސްޖދުލް އަޤްޞާއަށް ރައީސް ކުރެއްވި ޒިޔާރަތާ އަދި ޢީސާގެފާނު އުފަންވެވަޑައިގަތް ތަން ކަމަށް ކްރިސްޓިއަނުން ޤަބޫލުކުރާ، ބައިތު ލަޙްމުގައި ހުންނަ ފައްޅި، الكنيسة المهد ނުވަތަ ޗާރޗް އޮފް ނެޓިވިޓީއަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކާ ޚަބަރު ހިމެނެއެވެ. މިފައްޅިއަށް ކުރެއްވި ޒިޔާރަތުގައި އެފައްޅީގެ ފާދިރީންނާއެކު ރައީސް މުޙައްމަދު ވަޙީދުގެ ދެކަނބަލުންނާ ފަލަސްޠީނުގެ ބައެއް އޮފިޝަލުންނާއެކު ނަންގަވާފައިވާ ބައެއް ފޮޓޯއާއި އެފައްޅީގައި ރައީސްގެ ދެކަނބަލުން އުއްބަތި ދިއްލަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑީޔާގއި ވަރަށް ބާރަށްވަނީ ދައުރުވާންފަށާފައެވެ.
އަދި ފާއިތުވެ ދިޔަ އެމް.ޑީ.ޕީގެ ވެރިކަމުގެ ދުވަސްވަރު ދިވެހި ސަރުކާރާ އިޒްރޭލުގެ ސަރުކާރާ ދެމެދު ގުޅުން ބަދަހިކުރަން ރާއްޖޭގެ އޭރުގެ ޚާރިޖީވަޒީރު އަޙްމަދު ނަސީމު އިޒްރޭލަށްކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސްވަނީ މިފައްޅިއަށް ޒިޔާރަތްކުރައްވާފައެވެ. ނަސީމުގެ އެދަތުރުފުޅާގުޅޭ ޚަބަރާ ފައްޅީގައި ދިވެހި އެހެން އޮފިޝަލުންނާއެކު ނަސީމު ނަންގަވާފައިވާ ބައެއް ފޮޓޯ އެދުވަސްވަރު ފަލަސްޠީނުގެ ބައެއް ނޫސްތަކުގައިވަނީ ޝާއިޢުކޮށްފައެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން ނަސީމުގެ ދަތުރުފުޅާބެހޭ މަޢުލޫމާތުވަނީ ސިއްރުކޮށްފައެވެ.
ރައީސް ވަޙީދުގެ ދެކަނބަލުން ފައްޅިއަށް ޒިޔާރަތްކުރެއްވުމާބެހޭގޮތުން ރައީސްވަޙީދު ރޭގެ ޖަލްސާގައި އެއްވެސްއެއްޗެއް ވިދާޅުވެފައިނުވާއިރު، ޑރ. ޝަހީމްވަނީ ރައީސް ވަޙީދު އ.ދ ގައި ރަސޫލާ صلى الله عليه وسلم ގެ ދިފާޢުގައި ވާހަކަފުޅުދައްކަވާ އިތުރު އެކަލޭގެފާނަށް ބަޔަކު ފުރައްސާކުރި މައްސަލަ ރައީސް ވަޙީދު އދ.ގެ ޖެނެރަލް އެސެމްބްލީގައި ކުއްވެރިކުރަށްވާފައިވާކަން ފާހަގަކުރައްވާފައެވެ.

















ޚިޔާލު