ރާއްޖޭގެ ޚަބަރު

ޒުވާނުންނާއި ދަންނަބޭކަލުންގެ މެދުގައި ވާހަކަދެކެވެން ޖެހޭ: ޢަބްދުﷲ ކަމާލުއްދީން

އާޓިފިޝަލް ބީޗްގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާޤް

ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިނަށް އިތުބާރު ނުކުރާބަޔަކު އެބައުޅޭ ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންނާއި ދިވެހި ޒުވާނުންނާ ދެމެދު ތަފާތު ގޮތް ގޮތުން ވާހަކަ ދެކެވެން ޖެހިފައިވާ ކަމަށް ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރިޔެއް ކަމަށް ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.

ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ފަރާތުން ނ. އަތޮޅު މާޅެންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިނަށް އިތުބާރު ނުކުރާބަޔަކު އެބައުޅޭ ކަމަށާއި، މީގެ ތެރޭގައި ފާޅުގައިއާއި ސިއްރުގައި މިކަންކުރާ މީހުން ހިމެނޭ ކަމަށެވެ. އަދި މިކަންކަން ހަމަޔަކަށް އަޅުވައި ސާފުކޮށްދިނުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނުވިދާޅުވިއެވެ. އަދި މިކަން ރަނގަޅުކޮށް ހައްލުކުރުމަށްޓަކައި އިންޓަރނެޓު މެދުވެރިކޮށްގެންނާއި ތަފާތު ގޮތް ގޮތުން ޒުވާނުނާނައި ދަންނަބޭކަލުންގެ މެދުގައި ވާހަކަ ދެކެވެން ޖެހޭ ކަމަށްވެސް ޢަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބަޔަކު މީހުން ރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީންތައް ގެންނަން ކުރަމުންދާ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި ރާއްޖޭގެ ކަންކަން މިހާރުވަނީ ދީނީ ހުކުމްތައްވެސް ކަމުނުދާ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި މިއީ ކޮންމެހެންވެސް ރަނގަޅު ކުރަން ޖެހިފައިވާ ކަމެއްކަމަށާއި މިކަމަށް ކުރަންޖެހޭ މަސައްކަތް ވެސް ވަރަށް ބޮޑުކަމަށް އޭކޭ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު އޮތް ގޮތުން ރާއްޖެއަކީ “އެއްބައިވަންތަ އެއްބައެއް ވަންތަ ގައުމެއްވެސް ނޫން” ކަމަށެވެ. ނަމަވެސް ދިވެހިން އަދިވެސް ބޭނުންވަނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *