ރޭ ފަތިހު ރަސްމީ ޑިއުޓީގައި ޓްރެފިކް ވިސީޕީގައި ހުއްޓާ ބާރުސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެއްސުމާއި ގުޅިގެން ހިނގި އެކްސިޑެންޓުގައި ހޭނާރާ އޮވެ ފުލުހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، ޕޮލިސް ކޮންސްޓަބަލް މިޞްބާޙް ޢަބްދުﷲ، ނަސީމީ ވިލާ ބ. ހިތާދޫ (22އ) ނިޔާވީ، ރޭ ފަތިހު 04:00 ހާއިރު ބޮޑުތަކުރުފާނުމަގު ޖުމްހޫރީ މައިދާނުގައި ފުލުހުން ގާއިމްކޮށްފައިވާ ވީ.ސީ.ޕީ އަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައިސް ގަސުތުގައި ފުލުސްމީހާ ގައިގައި ސައިކަލުން ޖެއްސުމާއި ގުޅިގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓުގެ ސަބަބުން މިޞްބާޙް ޢަބްދުﷲ ގާތްގަނޑަކަށް 80 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެންގޮސް އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބިފައި ވާކަމަށާއި މީގެއިތުރުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ސިކުނޑި މަސައްކަތް ނުކުރާކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތުދީފައިވާކަމަށެވެ.
މިއެކްސިޑެންޓުގައި ސައިކަލު ދުއްވަންއިން ޢުމުރުން 27 އަހަރުގެ މީހަކީ 2012 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ 2320 ހާއިރު ޝަބްނަމް މަގުން އުތުރުން ދެކުނަށް ވަން ވޭ އާ ޚިލާފަށް ސައިކަލް ދުވާފައި އައިސް އެވަގުތު އެތަނުގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ތަކުރާރުކޮށް ފުލުހެއްގެ ގައިގައި ޖައްސައި މާރާމާރީ ހިންގުމާގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ސައިކަލު ފަހަތުގައިއިން ޢުމުރުން 21 އަހަރުގެ މީހަކީ މި އަހަރު ޖެނުއަރީމަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މިޙާދިސާގައި ސައިކަލު ދުއްވި ދެމީހުންނަށް ލިބުނު އަނިޔާތަކަށް ލިބުނު ގެއްލުމަށް ފަރުވާދިނުމަށްފަހު މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ޕޮލިސް ކޮންސްޓަބަލް މިޞްބާޙު ޢަބްދުﷲގެ ޢާއިލާ ދާދި ދެންމެއަކު މާލެ ގެނެސްފައިވާއިރު،. މިޞްބާޙު ޢަބްދުﷲގެ މޫނުދެއްކުން އޮންނާނީ 16.00 ން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ މިރޭ ޢިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
ފުލުހުންގެ ޤައުމީ ހިދުމަތުގައި މަސައްކަތް ކުރަމުން ދަނިކޮށް ރޭ ނިޔާވި، ބ. ހިތާދޫ ނަސީމީ ވިލާ ކޮންސްޓަބަލް މިސްބާހު އަބްދުﷲ ގެ ޖަނާޒާގެ ހުރިހާ ކަމެއްވެސް ކުރިއަށްގެންދާނީ ފުލުހުންނަށް ދެވޭ އެންމެ މަތީ އިއްޒަތާ ޝަރަފުގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.

















ޚިޔާލު