ރާއްޖޭގެ ޚަބަރު

ޕީޕީއެމުން ނަޝީދަށް ޝުކުރު ދަންނަވައިފި

ޕީޕީއެމް ތިން ގުނަ ނަމުގައި ހިތަދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފު ވާހަކަދައްކަނީ | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ މި ވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް އެއް މުފައްކިރު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ޕީޕީއެމުން ނަޝީދަށް ޝުކުރު ދަންނަވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، އަހުމަދު މަހުލޫފު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުރާސްފަތިދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ މި ވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް އެއް މުފައްކިރު ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

"ސިޔާސީ ގޮތުން މައުމޫން ވަރުގެ ދެވަނަ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށް ޚުދު ރައީސް ނަޝީދުވެސް ގަބޫލު ފުޅު ކުރެއްވުމަކީ ޕީޕީއެމްއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، ރައީސް މައުމޫންގެ ސިޔާސަތުތައް ދޫކޮށް އެޕާޓީން އެމްޑީޕީއަށް ބަދަލުވި ބޭފުޅުންވެސް ވަޑައިގަތީ ސިޔާސަތު ކަމު ނުދާތީ ނޫންކަމަށާއި، މާއްދީ އެދުން ބޮޑު ކަމުން ކަމަށެވެ. އަދި އިންތިގާލީ ސަރުކާރެއް ގާއިމްކުރުމަށް ޕީޕީއެމުން ބޭނުންވާ ނަމަ އެކަން ކުރުމަށް އެ ޕާޓީއާ އެކު މަޝްވަރާކުރުމަށް އިދިކޮޅު އެމްޑީޕީން ތައްޔާރަށް އޮތްކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ މަހުލޫފު ވިދާޅުވީ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހޭނެ އެއްވެސް ކަމެއް މިސަރުކާރުން ނުފެންނަ ކަމަށެވެ.

ރައީސް ވަހީދާއި މެދު ޕީޕީއެމުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ މަހުލޫފު ވިދާޅުވީ ރައީސް ވަހީދު، ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރައްވައިގެން ކެމްޕޭން ކުރައްވަމުން ގެންދަވާ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ރައީސް ވަހީދުގެ ސަރުކާރު ދަމަހައްޓަން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމް އިން ބުނަމުންދާބަސް މަހުލޫފް ވަނީ ތަކުރާރުކުރައްވާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މޫކާއީ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ މުފައްކިރަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އަދި އިއްތިހާދު ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށް ކުރީގެ ރައީސް މައުމޫން ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ޓަކައި ވަރަށް އުފާކުރައްވާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *