ހައްދު ފަހަނައަޅާދިއުމާއި ހަރުކަށިކަން ނޫން އެހެން ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާކަން އިއުލާން ކުރުމަށް ޓީވީއެމްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ވިދާޅުވީ ހައްދު ފަހަނައަޅާދިއުމާއި ހަރުކަށިކަން ނޫން އެހެން ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާކަމަށެވެ. އަދި ޑީއާރުޕީ އަކީ ހައްދުފަހަނާއަޅާ ދިއުން އަދި ހަރުކަށިކަން ގަބޫލުކުރާ ޕާޓީއެއް ނޫންކަމަށާއި އަދި ޑީއާރުޕީއަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާއިދުކުރާ، ގައުމީ އެއްބައިވަންތަކަމަށް ތާއިދުކުރާ ޕާޓީއެއްކަމަށެވެ.
ތަސްމީނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި އެ މަނިކުފާނަށް ތާއީދުކޮށްގެން ތިބި ޕާޓީތަކާ ޑީއާރުޕީއާ، ދެން ތިބި އެހެނިހެން ޕާޓީތައް ވަކިވަކިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްފިނަމަ، ވޯޓުތައް ބެހި، ދިވެހި ރައްޔިތުންނަށް ލިބެންވާ ހަގީގީ ފުރުސަތު ނުލިބި، މާޒީ އިޔާދަވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ދެކޭކަމަށެވެ. އަދި ގައުމީ އެއްބައިވަންތަކަމަށް ތާއީދުކުރާ، މެދުމިނުގެ ސިޔާސީ ފަރާތްތަކުން، ގައުމީ މަސްލަތަށްޓަކައި އެއްގަލަކަށް އަރަން ޖެހޭނެ ކަމަށް ދެކޭކަމަށްވެސް ތަސްމީނު ވިދާޅުވިއެވެ.
"އަދި މިއީ ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އެދިއެދި ތިބި ނިންމުމެއް. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންގެ މި އެދުން ހަގީގަތަކަށް ހަދައި ދޭން ޖެހޭ. މި ފުރުސަތު ދިވެހި ރައްޔިތުންނަށް ހޯދައި ދޭން ޖެހޭނެ،" ތަސްމީން ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ނިންމުމަށް އިޝާރަތްކުރައްވައި އޭނާ ވިދާޅުވީ މި ނިންމުމަކީ ނިންމަން ފަސޭހަވި ނިންމުމެއް ނޫންކަމަށާއު އަދި ޑީއާރުޕީގެ ކައުންސިލަށް ވެސް މި ނިންމުން ނިންމަން ފަސޭހައެއް ނުވި ނަމަވެސް ޑީއާރުޕީ އަބަދުވެސް އަމަލުކުރާ ފަދައިން މި ފަހަރު ވެސް ޑީއާރުޕީން މި އިސްކުރީ ގައުމީ މަސްލަހަތު ކަމަށެވެ. އަދި ޑީއާރުޕީ ދެކެ ލޯބިވާ ކޮންމެ ރައްޔިތަކު ވެސް ދިވެހި ގައުމު ދެކެ ލޯބިވާނެކަމަށާއި އެހެން ކަމުން ޑީއާރުޕީ ދެކެ ލޯބިވާ ކޮންމެ ރައްޔިތަކު ވެސް ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ އަގުތައް ހިމާޔަތް ކުރާނެކަމަށެވެ.
ތަސްމީން ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީއާއި ރައްޔިތުން ވެރިކަން ހަވާލުކުރި ނަމަވެސް ރައީސް ކަމުގެ ޒިންމާ އަދާނުކުރެވި ރައީސް ނަޝީދު މަޤާމުން އިސްތިއުފާ ދެއްވިކަމުގައެވެ. އަދި އެކަމުގެ ސަބަބުން ޤައުމު ހަލަބޮލިވެ އިޤްތިސާދު އިނދަޖެހި ޤައުމުގެ އިޖްތިމާއި ފޭރާ ހަލާކުވެގެން ގޮސްފައިވާކަމަށް ތަސްމީން ވިދާޅުވިއެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށް ތަސްމީން ވިދާޅުވިއެވެ.
"މި ފުރުސަތުގައި އަޅުގަނޑު ޑީއާރުޕީގެ މުޅި ޓީމަށާއި ރަށްރަށުގައި ތިއްބެވި އަޅުގަޑުމެންގެ ގޮފިތަކުގެ ބޭފުޅުންނާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނާއި އަޅުގަނޑުމެންގެ ޕާޓީގެ އެންމެހާ އާންމު މެމްބަރުންނަށް ވެސް އިލްތިމާސް ކުރަނީ، ހިތާއި ރޫހުން ޑީއާރުޕީގެ ކައުންސިލުން މި ނިންމެވި ނިންމެވުން ތަންފީޒު ކޮށްދެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް،" ތަސްމީން ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދާ އެކު ޑީއާރުޕީން ކޯލިޝަން ހަދަން ނިންމާފައިވާ އިރު ގައުމީ ޕާޓީންނާއި އަދާލަތު ޕާޓީން ވެސް ވަނީ ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދަން ނިންމާފަ އެވެ.

















ޚިޔާލު