ރާއްޖޭގެ ޚަބަރު

ޖިނާޢީ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް މަސައްކަތް ކުރުން މުހިއްމު: ޕޮލިސް

ޓްރެފިކް ޕޮލިސް މަގުމަތީގައި ހަރަކާތްތެރިވަނީ | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

ޖިނާޢީ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށް ޕޮލިހުން ހާމަކޮށްފިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވެބްސައިޓްގައި މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ވަނީ "ދިވެހި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭގޮތަށް ޢަމަލުތައް ބަހައްޓަމުން ދާ" ކަމަށާއި "ކުޑަކުދިން ލައްވައި ޖިނާޢީ ކުށްތައް ކުރުވާ"ކަމަށެވެ. އަދި "ޚާއްޞަ ގޮތެއްގައި ފަހަކަށް އައިސް މިފަދަ ޢަމަލުތައް އިތުރުވުން ގިނަކަން ފާހަގަ ކުރެވޭ"ކަމަށް ޕޮލިހުން ހާމަކުރެއެވެ.

ރާއްޖޭގައި ހިންގާފައިވާ މާރާމާރީ ތަކާއި މަރުގެ މައްސަލަތަކުގައި ކުޑަކުދިން ބައިވެރިކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކަށް ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ގެ ބަޔާނުގައި ވަނީ "ފާއިތުވި އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު ތޫނު ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާފައިވާ މާރާމާރީ ތަކާއި މަރުގެ މައްސަލަތަކުގައިވެސް ކުޑަކުދިން ބައިވެރިކޮށްފައިވާކަން އެނގޭ" ކަމަށާއި "މިގޮތުން ދ. ކުޑަހުވަދޫ އައްޔުބޭގެ މަރުގެ ޙާދިސާގައި 4 ކުއްޖެއްގެ މެއްޗަށް ތުހުމަތު ކުރެވި 2 ކުއްޖަކު ތަޙުޤީޤުގައި ކުށަށް އިޢުތިރާފުވެފައި ވެއެވެ. ގ. ވޭރު ޢަބްދުލްމުޙީޠު މަރާލި މައްސަލައިގައި 3 ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވުނުއިރު އޭގެ ތެރެއިން 2 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ އެދެކުދިން މެރުމަށް ވަނީ ޙުކުމްވެސް ކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ އުނގުފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރުގެ ގޮތުގައި ހުންނެވި ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލައިގައިވެސް ކުޑަކުދިން ބައިވެރިކޮށްފައިވާކަން ތުޙުމަތުކޮށް އެކުދިންގެ މައްޗަށް ވަނީ ތަޙުޤީޤު ހިންގާފައެވެ." މިފަދައިންނެވެ.

ކުޑަކުދިން ކުށްކުރުން އާންމުވެފައިވާއިރު އެކަމަށް އޮތް ހައްލަކީ "ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ވެއްޖެ"ކަމަށާއި "ޢާއިލާތަކުން ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އިތުރުކުރުމާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ރަނގަޅު ބިންގަލެއް އަޅައިދީ އެކުދިންގެ ޢަޤީދާ ވަރުގަދަކޮށް ޤައުމިއްޔަތުގެ މަތިވެރި ރޫޙު އަށަގަންނުވައިގެން"ކަމަށް ފުލުހުން ހާމަކުރެެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *