ރާއްޖޭގެ ޚަބަރު

ރަށްރަށަށް އުދައަރައިފާނެ ކަމުގެ އިންޒާރު މެޓް އޮފީހުން ދީފި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް އުދަ އަރާނެ ކަމުގެ އިންޒާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ދީފިއެވެ.

މެޓް އޮފީހުގެ ވެދާ ފޯކާސްޓަރަކާ ހަވާލާދީ ސަން އޮންލައިން އިން މަޢުލޫމާތު ދޭގޮތުގައި މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި އަތޮޅުތަކަށް ގަދަވަޔާ އެކު ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި މި ދުވަސްވަރު ދިޔަވަރު ބޮޑުވާގަޑީގައި ރާއްޖޭގެ ބައެއް ރަށް ރަށަށް އުދައަރަމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާތަނަކަށް އުދައަރައިގެން އެއްވެސް ރަށަކުން ހުށައަޅާފައެއް ނެތް، ނަމަވެސް މިކުރާ ވިއްސާރާގައި އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވެދާ ފޯކާސްޓަރަކު ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތެރޭ ރަށްރަށަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާ އެކު ބޯކޮށް ވިއްސާރަވެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވިދާޅުވި އެވެ.

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ދަތުރުތައް ރޭއްވެވުމަށާއި، ރޭގަނޑު ދަތުރު ކުރައްވާ ނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެބޮޑަށް ބަރު ނުކުރެއްވުމަށާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް، ފަސޭހައިން އަތުޖެހޭނެހެން ބެހެއްޓެވުމަށާއި، ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *