ރާއްޖޭގެ ޚަބަރު

”ދީނީ ހަރުކަށިކަން އެއްކިބާކޮށް، މެދުމިނުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ“

ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ރައީސް މުހައްމަދު ވަހީދު މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ | ދިއިސްލާމް ފޮޓޯ: އަސްވާގު

ދީނީ ހަރުކަށިކަން އެއްކިބާކޮށް، އިސްލާމް ދީން ގޮވާލައިފައިވާ މެދުމިނުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ނިމި ދިޔަ 2012 ވަނަ އަހަރުގެ ތެރޭގައި ކުރެވިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެމްޑީޕީ ޕާލަމެންޓް މެންބަރުންގެ ވަރުގަދަ ކުރިމަތިލުންތަކުގެ ތެރެއިން ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށް، ދިވެހިންގެ އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދޭ އެއްކަންތައްކަމަށާއި ދީނީ ހަރުކަށިކަން އެއްކިބާކޮށް، އިސްލާމް ދީން ގޮވާލައިފައިވާ މެދުމިނުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއްވާނީ މިދިޔަ އަހަރު ތެރޭގައި ކުރެވިފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަށްވެ އޮވެ، ރާއްޖެއިން ތަރައްޤީއާއި ތަމައްދުންގެ ރޮނގުގައި އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަޅާފައިވާ ގިނަގުނަ ފިޔަވަޅުތަކަކީ، މުޅި ދުނިޔެއިންވެސް ބަލައިގަންނަ ފިޔަވަޅުތަކެއްކަމަށެވެ. އަދި އިސްލާމްދީނަކީ ތަޢުލީމާއި، ތަރައްޤީއާއި ތަމައްދުނަށް މަގުފަހިކޮށްދޭ އަދި އެކަކަމަށް އިސްކަންދޭ ދީނެއްކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުތެރޭގައި ދީނު ޙުކުމްތައް ބަޔާންކޮށްދިނުމުގައި އަދި ދީނުގެ ޙުކުމްތަކާބެހޭ ގޮތުން އަރާފައިވާ އޮޅުންތައް އިތުރަށް އޮޅުންފިލުވައިދިނުމަށް ޢިލްމުވެރިންގެ މަގާސިންތާއެއްވަނީ ބޭއްވިފައިވާކަމަށާއި މީގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން ގިނަ ފިޔަވަޅުތަކެއްވަނީ އެޅިފައިވާކަމަށާއި އަދި މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެކަމުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ތިން ފަހަރަކަށް މެދު ކަނޑާލުމަކަށް ފަހު، ހަތަރު ބުރުން ރައީސް ވަހީދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ސިޔާސީ ޙަސަދަވެރިކަމުގެ ތެރެއިން މީހުންމަރައި މާރާމާރީ ހިންގުމަކީ ފުރުޞަތުދެވިގެންވާނޭ ކަންކަމެއްނޫން ކަމަށާއި އެއީ، ސިޔާސީ މައިދާނުގައި ކާމިޔާބުހޯދާ ގޮތެއްވެސް ނޫން ކަމަށެވެ. އަދި ދިފާޢުވުމުގެ ފުރުޞަތެއްނެތް މީހަކު ކޮށާލައި ކުދިކުދިކޮށްލުމަކީ، ސިޔާސީ ޙަރަކާތެއްނޫން ކަމަށާއި އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެއް އަދި ޖިނާއީ ކުށެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަނދާންކުރަންވީ، ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ ސިއްރަކީ، އަޅުގަނޑުމެންގެ ކާބަފައިން ޤައުމަށްޓަކައި ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްކަން. އަދި މި ޤައުމުގެ އެއްބައިވަންތަކަމުގެ ސިއްރަކީ، މާތްވެގެންވާ އިސްލާމްދީންކަން. އެއްދީނެއްގައި ތިބި، އެއްބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށްވުމީ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތް. ޤައުމެއްގެ ހައިސިއްޔަތުން ބައިބައިވެ، ވަކި ޤައުމިއްޔަތުތަކެއް ބިނާކުރަންޖެހޭ ސަބަބެއް އަޅުގަނޑުމެންގެ ނެތް. ޤައުމުގެ މަޞްލަޙަތުގައި އެއްބައިނުވެވޭނޭ ސަބަބެއް އަޅުގަނޑުމެންގެ ތެރޭގައި ނެތް" ރައީސް ވިދާޅުވި އެވެ.

އިސްލާމްދީނުގެ މަތިވެރި ޢަޤީދާގައި، އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ކެތްތެރިކަމާއި ސާބިތުކަމާއެކު އަޅަމުން ގެންދިޔުމަކީ، ދިވެހި ކޮންމެ ފަރުދަކު މިއަދު ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަމަށް ވެސް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކޮށްދޭނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އެ ޢަޒުމާއި، ހިތްވަރު މާތްﷲގެ ވާގިފުޅާއެކު އެބަހުރި ކަމަށް ވެސް ރައީސް ވަޙީދު ވިދާޅުވިއެވެ.

މިފަދައިން ރިޔާސީ ބަޔާނުގައި ރައީސް ވާހަކަދައްކާފައިމިވަނީ ދާދި ފަހުން 15 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ހައްދު ޖެހުމަށް ކުރި ހުކުމާ މެދު ހިތާމަކުރައްވާ ކަމަށާއި އަދި އެމައްސަލަ މުރާޖައާކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވެފައި ވަނިކޮށެވެ. އަދި ރައީސް ވަޙީދުގެ ދީނީ ސިޔާސަތާމެދު ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ގުޅުންހުރި

8 ޚިޔާލު

  1. އިސްލާމްދީނަކީ މެދުމިނުގެ ދީނެކެވެ. އެދީނަށް ތަބާވާ ބަޔަކު ނުޖެހޭނެ ތިމަންނަމެން މި ތަންފީޒުކުރަނީ މެދުމިނުގެ އިސްލާމީ ސިޔާސަތޭ ބުނާކަަށް. އެދީނުގައިވާގޮތަން ތަންފީޒު ކުރީމަ އެެއޮތީ މެދުމިންވެފަ. މިހާރު މެދުމިނޭ ތިކިޔާ އެއްޗެއް އެއްވެސް ގޮތަކަށް އެގޭ ވަރެއްނުވޭ، މިހެން މިބުނެލީ އިހަކަށް ދުވަހު ކޮންމެވެސް ކުއްޖަކު އެކުއްޖާގެ އަމިއްލަ އިއުތިރާފުން ތިމަންނަ ހަމަހޭގަ ހުރެގެން ބުއްދި ސަލާމަތުންހުރެ ޒިނޭކުރީމޭ ބުނޭ ކޯޓުގައި އެކަމަށް އެއްބަސްވުމުން ކޯޓުން އެކުއްޖާއަށް ޒިނޭގެ ހުކުމްކުރުމުން އެކަމަށް މަނިކުފާނުވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ. އަދި އެމައްސަލަ އެނޫން އެހެންގޮތަކަށް އަބުރާލެވޭތޯ ބަލާނަމޭ މަނިކުފާނުވަނީ ވިދާޅުވެފައި. ވީއިރު މަނިކުފާނު ތިޔަ ވިދާޅުވި މެދުމިނަކީ ހައްދުޖެހުމުގެ އެހުކުމް ލުއިކުރުން ކަމަށް ވަނީނަމަ މަނިކުފާނުގެ ތިޔަމެދުމިން އަޅުގަނޑުމެން ދިވެހިން ބޭނުންނުންކަމަށް މަނިކުފާނަށް އިޙްތިރާމާއެކީގަ ދަންނަވަން.
    ދީނީ ހަރުކަށި ކޮންި ސިޔާސަތެއްތޯ މަނިކުފާނު އެއްކިބާ ކުރައްވަން ތިޔައުޅުއްވަނީ.؟ ދީނުގައި ބަޔާންކޮށްފައިވާ ފާފައަކަށް މީހަކު އަރައިގެން އެމައްސަލަ ދީނުގައި އަންގަވާފައިވާ މިންވަރަށް ޝަރުޢީ ކޯޓެއްގައި ސާބިތުވެެއްޖެނަމަ އެކަމަށް ދީނުގައި ކަނޑައެޅިފައިވާ ހުކުމް ތަންފީޒުކުރުމަކީ ކޮން ހަރުކަށިކަމެއްތޯ.؟ މިހުރިހާ ވާހަކައެއް މިހެން މިލިޔަން ޖެހުނީ މަނިކުފާނުވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ދީނުގައި ކަނޑައެޅިފައިވާ ހުކުމެއް ބަދަލުކުރަން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި ތިފަދަ ވާހަކަތައް ދެއްކެވީމާ.

  2. އިސްލާމްދީނުގައި ދީނީ ހަރުކަށި އުސޫލުތަކެއް އޮންނަކަމެއް އެނގިފައެއް ނެތް. އިސްލާމްދީނުގައި އުސޫލެއް ކަނޑައެޅިފައިވާ ނަމަ އެއީ އެކަމަކަށް ކަނޑައެޅޭނޭ އެންމެ އިންސާފުވެރި އެންމެ ހަމަހަމަ އެންމެ އިންސާނިއްޔަތުކަން ބޮޑު އުސޫލު. މައުމޫނަކަސް، ނަޝީދަކަސް އަދި ވަހީދަކަސް އިސްލާމްދީނުގައި ދީނީ ހަރުކަށި އުސޫލުތަކެއް ހުރި ކަމަށް ބުނާ ނަމަ ނުވަތަ އެފަދައިން ދޭހަވާ ގޮތަށް ބުނިނަމަ، އެބުނެވުނީ މަގު ފުރުދުން ބޮޑު މުރުތައްދު ބަހެއް. ވަހީދުއާ މެދު ކުރި އުއްމީދުވެސް މިދިޔައީ ފަނުފުލުން ފެނަށް ވެގެން. އަތްވެސް ކެނޑެންޖެހޭނެ.. ގިސާސްވެސް ހިފެންޖެހޭނެ…ރަޖަމްވެސް ކުރެވެންޖެހޭނެ. ހައްދުވެސް ޖެހެންޖެހޭނެ. މިހުކުމްތަކާއި ދެކޮޅު ހަދައި އިސްލާމްދީނުން ބޭރުވާ މީހާ ގަތުލުކުރަންވެސް ޖެހޭނެ.

  3. *މަހާސިންތާ
    އިސްލާމް ދީނޭ ކިޔައިގެން ބޭކާރު ވާހަކަ ނުދެއްކިއްޔާ ރަނގަޅީ ޑރ. ލާދީނީ ވަޙީދު!

  4. ވަހީދު ވެސް މެދުމިނުގެ ވާހަކަ ދައްކަން ފެށީ ދޯ؟؟؟ އެހެންތާ ވާނީ، ކެޔޮ ނިރެއްގެ ބުޑުން ފަޅާނީ ހަމަ ކެެޔޮނިރެއް….

  5. ެއެވިދާޅުވި އެއްޗެއް އަދި ރަގަޅަކަށް ސާފެއްނުވެއެވެ. ކޮންމެއަކަސް އެގޭ އެއްޗަކީ އިސްލާމްދީނުގައިވާ ހުކުމްތައް ޤާއިމުކުރުމަކީ ހަރުކަށިކަމެއް ކަމަށް މީހަކު ދެކޭނަމަ، އެނާއަށް އެވަނީ ވިލާތުބަލި ޖެހިފައެވެ. އެއީ ލާދީނީ ބައްޔެވެ.

  6. ކެޔޮނިރެއްނޫން މައްސަލަ އަކީ؟ ހަގީގަތަކީ ވަހީދަކީ ، ވަހީދުގެ އާއިލާ އަކީ ލާދީނީ ބައެއްކަން!!!!!!!!!!!!!!

  7. ކީކުރާނީ މިއީ އިމްރާންމެން ބައެއަތު ހިފާމީހުންނަކީ، އެބަޔެއްގެ ވެރިޔަކަށް ހުއްނަ މީހާ އާއި ދެކޮޅަށް ނިކުންނަ ކޮންމެބަޔަކަށް ވަނީ މިހެން ކީކުރާނީ

  8. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްތައް ތަންފީޒު ނުކުރުމަކީ ނުވަތަ އެ ޙުކުމްތަކާ ދެކޮޅަށް ވާހަކަދެއްކުމަކީ ޙަޤީޤީ ޙައްދުފަހަނަޅާ ދިއުމެވެ. ޙައްދު ފަހަނަޅާ ދިއުމަކީ ދީނުގައި ކަނޑައަޅާފައިވާ އިމުން ބޭރުވުމެވެ. މެދުމިނަކީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ޙުކުމްތައް އުނި އިތުރު ނުކޮށް ތަންފީޒުކުރުމެވެ. އެފަދަ ޙުކުމެއް ލުއިކުރުމަކީ ނުވަތަ އިތުރުކުރުމަކީ ނުވަތަ އެއިން ޙުކުމަކާ ދެކޮޅަށް މަސައސްކަތްކުރުމަކީ ޙަޤީޤަތުގައިވެސް ޙައްދުފަހަނަޅާ ދިއުމެވެ.

Your email address will not be published. Required fields are marked *