ޤައުމުގެ ކަންތައްތައް ޙައްލުކުރުމުގައި މަޝްވަރާގެ އުޞޫލު ކުރިއަށް ނެރި، އަރާރުންވުމާއި ދެކޮޅުވެރިކަން ނައްތާލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި އިމާމުން މިއަދު ގޮވާލާފައިވަނީ ޤައުމުގެ ކަންތައްތައް ޙައްލުކުރުމުގެ މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުމަށާއި، އަރާރުންވުމާއި ދެކޮޅުވެރިކަން ނައްތާލުމަށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވުމަށް އިޚްލާޞްތެރިކަމާއިއެކު ނަސޭޙަތްތެރިވެފައިވެއެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ރައްޔިތުންގެ ކަންކަމާ ޙަވާލުވެ ތިއްބެވި މުއައްސަސާތަކުގެ ވެރިންގެ މަޝްވަރާތަކަކަށް ވެސް ގޮވާލާފައިވެއެވެ.
ކޮންމެ ކަމެއްގެ ޙައްލަކީ އެއްވެތިބެ އެއްބަޔަކު އަނެއްބަޔަކަށް ޙަމަލާދީ، ހަޑިހުތުރު ބަހުން އެއްޗެހި ގޮވުންކަމުގައި ވަނީ ނަމަ، މިޤައުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާންޖީލަށް އަޅުގަނޑުމެންގެ ފަރާތުން އެދެއްކެނީ ވަރަށް ނުބައި ނަމޫނާއެއްކަމަށްވެސް ހުކުރު ޚުތުބާގައި ވެއެވެ.
މީގެ އިތުރުން ޚުތުބާގައި ވިދާޅުވެފައިވަނީ ކަންތައްތައް އިޞްލާޙުކުރުމުގެ ނަމުގައި، އެއްބަޔަކު އަނެއްބައެއްގެ އަބުރާއި ޢިއްޒަތާއި ޝަރަފް ނަގާލުން ފަދަ ޢަމަލުތައް ހިންގަންފަށައިފި ނަމަ، ބިމުގައި ފަސާދަކުރުން ޢާއްމުވެގެން ހިނގައިދާނެ ކަންކަށަވަރުކަމުގައެވެ. އަދި ބިންމަތީގައި ފަސާދަ ގިނަވެއްޖެނަމަ ޢުޤޫބާތް މެދުވެރިކުރައްވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޚުތުބާގައި ވިދާޅުވެފައި ޤައުމެއްގައި އޮންނަ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި، އިޖްތިމާޢީގޮތުން ޤައުމު ބައިބައިވެގެން ހިނގައްޖެ ނަމަ، ދެން އަލުން ކުރީގެ ޙާލަތަށް ދިއުމަށް އުނދަގޫކަމަކަށް އުނދަގޫވާނެކަމަށެވެ. ޢިރާޤާއި، އަފްޣާނިސްތާނާއި، ސޯމާލިޔާއާއި، އަދި މިނޫންވެސް ބައެއް ޤައުމުތަކަކީ މިއަދު އަޅުގަނޑުމެން ފަދަ ޤައުމުތަކަށް އޮތް ދިރިހުރި މިސާލެއް ކަމަށްވެސް ޚުތުބާގައި ވިދާޅުވެފައިއެވެ. އެގޮތުން އެޤައުމުތަކުގެ ރައްޔިތުންގެ މެދުން އެކުވެރިކަން ގެއްލި، އެއްބައެއްގެ އަތުން އަނެއްބައެއްގެ ލޭ އޮހުރުވަމުން ދާކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ލޭއޮހުރުންފަދަ ކަންތައްތަކުގެ ނަތީޖާއަކަށް ވެފައިވަނީ އެބައިމީހުންގެ ކަންތައްތައް އެބައިމީހުން އަމިއްލައަށް ޙައްލު ނުކުރެވުމުގެ ސަބަބުން، ތިންވަނަ ފަރާތެއް އެޤައުމުތުގެ ކަންކަމުގެ މައްޗަށް އަތްގަދަކުރުން ކަމަށާއި އާޚީރުގައި އެޤައުމުތައް އިސްތިޢުމާރުކުރެވި، އެ ޤައުމުތަކުގެ ޚަޒާނާތައް ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދިޔުންކަމަށެވެ.
އަރާރުންވުމާއި، ދެކޮޅުވެރިކަމާއި، ޤައުމުގެ މަޞްލަޙަތަށް ވުރެ އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، ވެރިން ރައްޔިތުންނާ މެދު އަނިޔާވެރި ވުމާއި، ރައްޔިތުން ވެރިންނަށް ނުކިޔަމަށްތެރި ވުމާއި، ކަމަށް ޤާބިލު، ތެދުވެރި މީހުން އެއްފަރާތް ކުރުމާއި އަދި ސިޔާސީ ފިތުނަވެރިކަމުގެ ހިތި ނަތީޖާ ތާރީޚުންވެސް ފެންނަން އެބަ އޮތް ކަމުގައިވެސް ޚުކުރު ހުތުބާގައި ވެއެވެ.
"އަޅުގަނޑުމެންނާއެކު ފާއިތުވަމުން މިދަނީ ޤައުމުގެ ވަރަށް ނާޒުކުދުވަސް ކޮޅެއް ކަމާއި ސިޔާސީ ފިތުނަތަކާއި، އިޤްތިޞާދީ ހީނަރުކަމާއި، މަޤާމާއި ނުފޫޒު ޖާހަތަށްޓަކައި ހަނގުރާމަކުރުމާއި، އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރުމާއި މިފަދަ ފިތުނަވެރި ކަމެއްގެ ތެރޭގައި މުޅިދުނިޔެވާ ދުވަސްވަރެއްގައި މިކަންކަން އަޅުގަނޑުމެން ފަދަ ކުދި ކުދި ޖަޒީރާ ޤައުމުތަކަށް ވާރުތުވެއްޖެނަމަ އަޅުގަނޑުމެންގެ އެކުވެރިކަމުގެ ކިއްލާ ފުނޑުފުނޑުވެ ނޭނގި ތިއްބާ ޤައުމުގެ އިޖުތިމާއި ފޭރާން ވީދި ހިނގައިދާނެ. އަދި އެފަދަ ފިތުނަތަކުގެ ޠޫފާނެއްގެ ތެރެއަށް ވެއްޓިގަތުމަކީ އަޅުގަނޑުމެން ފަދަ މުސްލިމުން ކުރުމަށް އެކަށީގެންވާވަރުގެ ކަމެއް ނޫން" ހުކުރު ޚުތުބާގައި ވެއެވެ.
ޚުތުބާގައި އިތުރަށް ވިދާޅުވެފައި އަޅުގަނޑުމެން ވާންވާނީ އަބަދުވެސް ސިޔާސީ ގޮތުންނާއި އިޖުތިމާޢީގޮތުން އިޞްލާޙަށާއި ޞުލްޙަވެރިކަމަށް މަސައްކަތްކުރާ ބަޔެއްކަމަށާއި، އަދި ޒާތީ ކަންތަައްތައް ކުރިއަށް ނެރެ ޤައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ތިމާމެންގެ އަމިއްލަ އަތްތަކުން ނައްތާލާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ ކަމަށެވެ. އަދި އިޞްލާޙު ކުރުމަށްޓަކައި މަސައްކަތްކުރާހާ ހިނދަކު، މާތް ﷲ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާނެކަން ކަށަވަރުކަމުގަައެވެ.

















މާޝާ ﷲ! “كلمة حق أريد بها الباطل”