ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ހެއްދެވުމަށްޓަކައި މާލޭ ސަރަޙައްދުގައި ޔޮޓްމެރީނާއެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ހެއްދެވުމަށްޓަކައި މާލޭ ސަރަޙައްދުގައި ޔޮޓްމެރީނާއެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމާފައިވަނީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ރައީސް އޮފީހުން މަޢުލޫމާތުދޭގޮތުގައި އިއްޔެ ބޭއްވުނު ކެބިނެޓް ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަފާރީ ޔޮޓްގެ ގޮތުގައި މިހާރު ބޭނުންކުރާ 140 އަށްވުރެ ގިނަ އުޅަނދު އޮތްކަމާއި އަދި ކޮންމެ އަހަރަކު މި ޞިނާޢަތަށް 5 އުޅަނދު އިތުރުވެގެންދާކަން ފާހަގަކުރެއްވިއެވެ.
ސަފާރީ ޔޮޓްތައް އިތުރުވަމުންދިޔުމާއި އަދި މިއީ ރާއްޖެއަށް އެންމެ ގިނައިން ބޭރުފައިސާ ވަންނަ އެއްދޮރު ކަމަށްވުމާއެކު، ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުއްވުމަކީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އިއްޔެ ބޭއްވުނު ކެބިނެޓް ޖަލްސާގައި، މެންބަރުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ ޔޮޓްމެރީނާއެއް ގާއިމް ކުރުމުގެ މަސައްކަތް ބީލަމަށް ހުޅުއްވާލައްވައިގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެމަސައްކަތް ހަވާލުކުރެއްވުމަށެވެ.

















ޚިޔާލު