ރާއްޖޭގެ ޚަބަރު

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މީހުން ފުރަން ފަށައިފި

މިއަހަރު ޙައްޖަށް ދާ މީހުންނަށް އެހީތެރިވުމުގައި ސިފައިން ހަރަކާތްތެރިވަނީ – ފޮޓޯ : އެމްއެންޑީއެފް

 

މިއަހަރު ޙައްޖަށް ދާ މީހުންނަށް އެހީތެރިވުމުގައި ސިފައިން ހަރަކާތްތެރިވަނީ – ފޮޓޯ : އެމްއެންޑީއެފް

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ދަތުރުކުރާ މީހުން އިއްޔެ ފުރަން ފަށައިފި އެވެ.
އިއްޔެ ފުރާފައި ވަނީ "އަލްމަނާސިކު" ޙައްޖު ގްރޫޕުގެ ޙަވާލުގައި ހައްޖަށްދާ 56 މީހެކެވެ.
މިއަހަރު ޙައްޖަށްދާ މީހުން، ފުރުމުގެ އިންތިޒާމްތައް އިސްލާމިކް މިނިސްޓްރީން ވަނީ ލުއިފަސޭހަ ގޮތަކަށް ހަމަޖައްސާފަ އެވެ. އެގޮތުން، ޙައްޖުވެރިން ޖުމްހޫރީ މައިދާނުގައި މަޑުކޮށްލެވޭނެ ގޮތަށް އެސަރަޙައްދުގައި ޓެންޓު ޖަހާފައިވެ އެވެ.
ޙައްޖަށްދާ މީހުން މާލެއިން ފުރި ވަގުތު އިސްލާމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް އެ ސަރަހައްދުގައި ކަންތައް ހިނގާ ގޮތް ބެއްލެވުމަށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.
ޙައްޖަށްދާ މީހުން ފުރުމުގައި ސިފައިން ދަނީ އެހީތެރިވަމުންނެވެ. އިއްޔެ ފުރި ފުރަތަމަ ގުރޫޕްގައި ހިމެނުނު އަލްމަނާސިކް ޙައްޖު ގުރޫޕްގެ މީހުން ފުރުމުގައި ބޭނުންވާ ބައެއް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އަދި ހުޅުލޭގައި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.
ހައްޖުވެރިންނާއި އެ މީހުންގެ އާއިލާތައް ހުޅުލޭ އަށް ދިއުމަށް މިފަހަރު ފެރީގެ ޚިދުމަތް ފޯރުކޮށްދީފައި ވަނީ ހިލޭ އެވެ.
ޙައްޖަށްދާ ދެވަނަ ގުރޫޕް މާލެއިން ހުޅުލެއަށް ދިއުމަށްޓަކައި ފުރާގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 އިން 11:00 އާ ދެމެދުއެވެ. އެގޮތުން އަލްމަނާސިކް ޙައްޖު ގުރޫޕްގެ 55 ޙައްޖުވެރިންނާއި، އަލްޚައިރު ކުލެސިކް ގުރޫޕްގެ 246 ޙައްޖުވެރިން މާދަމާ ދުވަހު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޙައްޖަށްދާ މީހުންގެ އެންމެފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ 5 ވަނަ ދުވަހުއެވެ. ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމަށް ސަޢޫދީ ސަރުކާރުން ކޯޓާ ދޫކޮށްފައިވައިނީ 1،000 މީހުންނަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހައްޖުގެ މަތިވެރި އަޅުކަމުން މުސްލިމުންނަށް ވަރަށް ގިނަތަރުބަވީ ފިލާވަޅުތަކެއް ލިބިދޭ، އެގޮތުން ރަގަޅު ރައްޔިތަކަށް ވުމަށައި ދިރިއުޅުމުގެ ކަންކަން ތަރުތީބުކޮށް ތަންޒީމު ކުރމަށް ދަސްކޮއްދޭ ކޮންމެ ކަމެވެސް އެކަމެގެ ވަގުތުގަައި ކުރުމަށް ބާރުއަޅާ، ހައްޖު ނިމިގެން އަންނައިރު ﷲ ގެ ދީނަށް ދައުތުދޭ ސަފީރެއްގެ ގޮތުގައި އޭނާއޭނަގެ ޤައުމުގެ މީހުންގެ ކާރިޔަށް އެބަދޭ، އަބަދުމެ މަރުވަންދެން ދީންމަތީގައި ސާބިތުވެ ހުރުމަށް ހައްޖުގެ ދަތުރުން ހިއްވަރުލިބޭ، އީމާންކަން އިތުރު ކުރުމުގެ ގޮތުން ދޭތެރެ ދޭތެރއިން އުމުރާޔަށް ވެސް ދިއުމަކީ ވަރަށްވެސް ބޭނުން ތެރިކަމެއް

Your email address will not be published. Required fields are marked *