
ހުޅުމީދޫގައި ބޭއްވި ޤުރުއާން ދެ މުބާރާތަކާއި، މަދަހަ މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާގައި މަރަދޫ ދާއިރާގެ ކައުންސިލަރ ޢަބްދުﷲ ޠައްޔިބު ވާހަކަދައްކަވަނީ – ފޮޓޯ : އެސްސީއައިއެސް
އައްޑޫ ސިޓީ ހުޅުމީދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮއްޕެއް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ސިޓީ ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެ ހުންނެވި މަރަދޫ ދާއިރާގެ ކައުންސިލަރ ޢަބްދުﷲ ޠައްޔިބު ވިދާޅުވެއްޖެ އެވެ.
ހުޅުމީދޫގައި ހިންގާ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް)ގެ ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތާއި، ޝަރީފީ ޕްރީސްކޫލްގެ 13 ވަނަ ޤުރުއާން މުބާރާތާއި އެ ސްކޫލްގެ 4 ވަނަ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އަންގާރަ ދުވަހުގެ ރޭ އެ އަވަށުގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޙަފްލާގައި ޠައްޔިބު ވިދާޅުވީ، ސިޓީގައި ބާއްވާ މިފަދަ ދީނީ ހަރަކާތްތަކަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އަދި ޤުރުއާނާބެހޭ މަރުކަޒުގެ ގޮއްޕެއް ހުޅުމީދޫގައި ހެދުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާ ކުރިން މަޝްވަރާކުރެވިފައިވާ ކަމަށާއި އެކަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށް ޠައްޔިބު ވިދާޅުވި އެވެ.
ތިން ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމަށް ހަމަޖައްސާފައިވާ ކަމަށް، ޤުރުއާނާބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުﷲ ސަޢީދު “ދިއިސްލާމް”އަށް ކުރިން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާއިރު، އޭގެ ތެރޭގައި ހުޅުމީދޫ ހިމެނެ އެވެ. ހުޅުމީދޫގެ އިތުރުން ދެން ގޮފިތައް ހަދަން ނިންމާފައި ވަނީ ބ. ހިތާދޫގައާއި ލ. އަތޮޅުގެ ރަށެއްގަ އެވެ.
ސަޢީދު ވިދާޅުވެފައި ވަނީ މި ތިން ރަށުގައި ހުޅުވާ ގޮފިތަކުގައި ޤުރުއާނާބެހޭ މަރުކަޒުން ހަމައެކަނި ކުރާނީ ކޯސްތައް ހިންގުމުގެ މަސައްކަތާއި މުދައްރިސުންނަށް މުސާރަދިނުން ކަމަށެވެ. އަދި ކޯސްތައް ހިންގުމަށް ޢިމާރާތް ހަމަޖެއްސުމާއި، ޢިމާރާތް ބެލެހެއްޓުމާއި، ކަރަންޓް ބިލްދެއްކުމާއި، އިދާރީ މަސައްކަތްތައްފަދަ އެހެނިހެން ކަންތައްތައް ކުރާނީ އެރަށަކުން އެކަމަށް ހުށަހަޅާ ފަރާތަކުން ކަމަށް ސަޢީދު ވަނީ ވިދާޅުވެފަ އެވެ.
ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ތިން ރަށެއްގައި ހުޅުވަން ހަމަޖައްސާފައިވާ ކަމަށާއި، އެކަމަށްޓަކައި އެރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް މީގެ ކުރިން ޤާއިމްކޮށްފައިވަނީ ފ. ނިލަންދޫއާއި ޅ. ނައިފަރާއި ގދ. ގައްދޫއާއި ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ. އޭގެ އިތުރުން، އައްޑޫ ސިޓީ މަރަދޫގައި އަމިއްލަ ފަރާތަކުން ހިންގާ "ތަދުރީސުލް ޤުރުއާން" ކްލާހުން ވެސް ޤުރުއާނާބެހޭ މަރުކަޒާ ގުޅިގެން ކޯސްތައް ހިންގަމުންދެ އެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒަކީ ޑިސެމްބަރ 22، 2000 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި މުއައްސަސާއެކެވެ. ކީރިތި ޤުރުއާނާ ބެހޭ ޢިލްމު ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެ މަރުކަޒު މިހާރު ހިންގަމުންދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.
















ޚިޔާލު