
ވަނަ ހޯދި ޝަރީފީ ޕްރީސްކޫލުގެ ދަރިވަރަކަށް ކައުންސިލަރު ޢަބްދުﷲ ޠައްޔިބް އިނާމް ދެއްވަނީ – ފޮޓޯ : ޝަރީފީ ޕްރީސްކޫލް
އައްޑޫ ސިޓީ ހުޅުމީދޫގައި މިދިޔަ ރަމަޟާން މަހު ބޭއްވި ދެ ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއްގެ ނަތީޖާ ފާޅުކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ އެ އަވަށުގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޙަފްލާގައި ނަތީޖާ ފާޅުކުރީ، ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް)ގެ ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތާއި، ޝަރީފީ ޕްރީސްކޫލްގެ 13 ވަނަ ޤުރުއާން މުބާރާތާއި އެ ސްކޫލްގެ 4 ވަނަ މަދަހަ މުބާރާތުގެ އެވެ.
ހުޅުމީދޫގެ ޙާފިޡެއް ކަމަށްވާ އަޙްމަދު ނާޞިރު ޝަރަފުވެރިކޮށްދެއްވި، މި ޙަފްލާގައި އައްޑޫ ސިޓީގެ މަރަދޫ ދާއިރާގެ ކައުންސިލަރު ޢަބްދުﷲ ޠައްޔިބާއި، ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ޙުސައިން ފަޙުމީ ބައިވެރިވެލެއްވި އެވެ.
ޙަފްލާ ފަށާފައި ވަނީ ޤައުމީ ޤުރުއާން މުބާރާތްތަކުގައި އަދި ހިތަދޫ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ޤުރުއާން މުބާރާތްތަކުގައި ރަންވަނަތަކެއް ހޯދާފައިވާ ހުޅުދޫ ސްކޫލްގެ ދަރިވަރު މުލައްމާގޭ، އައިމިނަތު މާނާ އިބްރާހިމް ޝަކީބުގެ ޤުރުއާން ކިޔެވުމުންނެވެ.
ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓާ ޙަވާލުވެ ހުންނެވި މަރަދޫ ދާއިރާގެ ކައުންސިލަރު ޠައްޔިބު މި ޖަލްސާގައި ވިދާޅުވީ ސިޓީގައި ބާއްވާ މިފަދަ ދީނީ ހަރަކާތްތަކަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ ސެންޓަރެއް ހުޅުމީދޫގައި ހެދުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާ ކުރިން މަޝްވަރާކުރެވިފައިވާ ކަމަށާއި އެކަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށް ޠައްޔިބު އިޝާރާތް ކުރެއްވި އެވެ.
ޙާފިޡް އަޙްމަދު ނާޞިރުގެ ވާހަކަފުޅުގައި ވަނީ ޤުރުއާން އުނގެނުމާއި ކިޔަވައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ ކޮން ވާހަކަތަކެއްކަން ދެނެގަނެ ފިލާވަޅު ލިބިގަތުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އެސްސީއައިއެސްގެ ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތުގެ ދެގޮފި އެއްކޮށް މުޅި މުބާރާތުން އެއްވަނަ ހޯދީ މީދޫ، ހިންނަވަރުގެ އާމިނަތު ނައުފާ ވަސީމް އެވެ. މި މުބަރާތުން ދެ ވަނަ ހޯދީ މީދޫ ވިނަމާ، ޙުސައިން ނަބީލް އެވެ. އަދި ތިންވަނަ ހާސިލްކުރީ މީދޫ ހުވަދުމާވިލާ، ޒަހުވާ ޒަރީރު އެވެ.
މި މުބާރާތުން އެއްވަނަ ދަރިވަރަށް އިނާމެއްގެ ގޮތުގައި އެމްވީގެޖެޓްސްގެ ފަރާތުން ވަނީ ޓެބްލެޓް ޕީސީއެއް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ޖޫނިއަރ ގްރޫޕުންނާއި ސީނިއަރ ގްރޫޕް މި ދެބައިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ދަރިވަރުންނަށް ޕީސީ ވޯލްޑް އަދި ޕީސީ ޕްރޯގެ ފަރާތުން ވަނީ ފައިސާގެ ވައުޗަރު ހަދިޔާކޮށްފަ އެވެ. އެއީ އެއްވަނަ އަށް 1500 ރުފިޔާ، ދެވަނަ އަށް 1000 ރުފިޔާ އަދި ތިންވަނަ އަށް 800 ރުފިޔާގެ ވައުޗަރެވެ.
މި މުބާރާތުގައި 21 އަހަރުން މަތީ އުމުރު ފުރާގައި ދޮށީ އުމުރުގެ 4 އަންހެން ބޭފުޅަކު ބައިވެރިވެ ކިޔަވާފައިވާތީ އެބޭފުޅުންނަށް ވަނީ ހަނދާނީ ފިލާ ދީފަ އެވެ.

އެސްސީއައިއެސްގެ ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތުގެ ދެގޮފި އެއްކޮށް މުޅި މުބާރާތުން ދެވަނަ ހޯދި ޙުސައިން ނަބީލް ޙަފްލާގައި ޤުރުއާން ކިޔަވަނީ : ފޮޓޯ : އެސްސީއައިއެސް
ޝަރީފީ ޕްރީސްކޫލްގެ 13 ވަނަ ޤުރުއާން މުބާރާތުގެ ދެގޮފި އެއްކޮށް މުޅި މުބާރާތުން އެއްވަ ހޯދީ މީދޫ ނޫވިލް، އައިޝަތު މަންހާ ޖަލީލް އެވެ. ދެވަނަ ހޯދީ މީދޫ ޝާން، މަރްޔަމް ރައުޝާ އަޒީމް އެވެ. އަދި ތިން ވަނަ ހޯދީ މީދޫ ނިރު، ޢާއިޝަތު ޔުމްނު ފަޒީން އެވެ.
މި މުބާރާތުގެ އެއްވަނަ ދަރިވަރު މަންހާ ވަނީ ނޫރުލްއިސްލާމް ޖަމްޢިއްޔާއިން މިދިޔަ ރަމަޟާން މަހު އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކަށް ހުޅުވާލައިގެން ބޭއްވި ޤުރުއާން މުބާރާތުން ތިން ވަނަ ހޯދާފަ އެވެ.
ނޫރުލްއިސްލާމްގެ ޤުރުއާން މުބާރާތުގައި ވާދަކުރި ބައިވެރިންނަށް ބަލާއިރު، ޖުމްލަކޮށް މުޅި މުބާރާތުގެ ގިނަ ރަން ވަނަތަކެއް ހޯދާފައިވަނީ ވެސް ހުޅުމީދޫއިން ބައިވެރިވި ދަރިވަރުންނެވެ.

ޝަރީފީ ޕްރީސްކޫލްގެ 13 ވަނަ ޤުރުއާން މުބާރާތުގެ ދެގޮފި އެއްކޮށް މުޅި މުބާރާތުން އެއްވަ ހޯދި އައިޝަތު މަންހާ ޖަލީލް ޙަފްލާގައި ޤުރުއާން ކިޔަވަނީ – ފޮޓޯ : ޝަރީފީ ޕްރީސްކޫލް
ޝަރީފީ ޕްރީ ސްކޫލްގެ 4 ވަނަ މަދަހަ މުބާރާތުން އެއްވަނަ ހޯދީ މީދޫ ނިރު، ފާޠިމަތު މާސާ ޙަސަން އެވެ. ދެވަނަ ހޯދީ މީދޫ ޝާން، މަރްޔަމް ރައުޝާ އަޒީމް އެވެ. ތިން ވަނަ ދެ ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ. އެއީ މީދޫ ނޫވިލް، ޢާއިޝަތު މަންހާ ޖަލީލާއި، މީދޫ ނިރު، ޢާއިޝަތު ޔުމްނު ފަޒީން އެވެ.
ޙަފްލާގައި ވަނީ ޝަރީފީ ޕްރީ ސްކޫލްގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުން އެއްވަނައަށް ދިޔަ ދަރިވަރުންގެ ހުނަރު ދައްކާލާފަ އެވެ. އެސްސީއައިއެސްގެ ޤުރުއާން މުބާރާތުން އެއްވަނަ ދަރިވަރު ޖަލްސާއަށް ޙާޟިރުވެފައި ނުވާތީ، ދެވަނަ ދަރިވަރުގެ ކިޔެވުން ވަނީ ހުށަހަޅާފަ އެވެ.
މި ޖަލްސާގައި އެސްސީއައިއެސް އާއި ޝަރީފީ ޕްރީސްކޫލްގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވަނީ އެ މުއައްސަސާތަކަށް އާއްމުންނާއި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
އެސްސީއައިއެސްގެ ފުރަތަމަ ޤުރުއާން މުބާރާތުގެ ޓައިޓްލް ސްޕޮންސަރކޮށް، ގިނަ އިނާމްތައް ހުށަހަޅާފައިވަނީ މީދޫގެ ބެސްޓް ސިލެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
އެސްސީއައިއެސް އިން ހުޅުމީދޫގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހިންގަން ފެށި ޙިފްޡު ކްލާހުގައި އެކި އުމުރުގެ 123 ދަރިވަރުން ރަޖިސްޓްރީވެގެން ކިޔަވަމުންދާ ކަމަށާއި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްވެސް ކުރިއަށްގެންދާ ކަމަށް އެތަނުން މަޢުލޫމާތުދެ އެވެ.
އެސްސީއައިއެސް އިން ބުނެފައިވަނީ، އެސެންޓަރުގެ ފުރަތަމަ ޤުރުއާން މުބާރާތް އަމާޒުކުރެވުނީ ހަމައެކަނި ޙިފްޡު ކްލާހުގެ ދަރިވަރުންނަށް ކަމުގައިވީނަމަވެސް، މުބާރާތް އިތުރަށް ފުޅާކުރުމަށް ވިސްނާފައިވާ ކަމަށެވެ.
އެސްސީއައިއެސް އަކީ ހުޅުމީދޫގައި ޤުރުއާން ކިޔަވައިދިނުމާއި ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހުޅުމީދޫގެ ޒުވާނުންކޮޅެއް އިސްނަގައިގެން ހިންގަމުންދާ ސެންޓަރެކެވެ.
މި ސެންޓަރުގެ ހިއްސާދާރުންގެ އެހީތެރިކަން މުޅި އައްޑޫ ސިޓީއަށް ވެސް ފޯރުކޮށް ދިނުމުގެ ގޮތުން މިދިޔަ ރަމަޟާން މަހު "ހެނދުނާއި ހަވީރުގެ ޛިކުރު ކާޑު"ގެ 20،000 ކޮޕީ ރާއްޖެއިން ބޭރުން ޗާޕުކުރުމަށް ފަހު، ހިތަދޫގައި ހިންގާ ނޫރުލްއިސްލާމް ޖަމްޢިއްޔާ މެދުވެރިކޮށް ސިޓީގެ މިސްކިތްތަކާއި ގޭގެއަށް ބަހާފައިވާ ކަމަށް އެސްސީއައިއެސްއިން މަޢުލޫމާތުދެ އެވެ.
އޭގެ އިތުރުން ހުޅުމީދޫ ޝަރީފީ ޕްރީސްކޫލުގެ ފެންވަރު ރަނގަޅުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެސްސީއައިއެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ސްކޫލްގެ އެންމެހާ މުބާރާތްތަކަށް އިނާމުދިނުމާއި، ފަރުނީޗަރު ހޯދައިދިނުމާއި، ފޮޓޯކޮޕީ މެޝިނާއި ކޮމްޕިއުޓަރާއި ޕްރިންޓަރު ހޯދައިދިނުމުގެ އިތުރުން، ވީރާނާވެ ބާވެފައިވާ ޢިމާރާތެއްގައި ޕްރީސްކޫލު ހިންގަމުންދާތީ އެތަނުގެ އެންމެހާ އެންމެހާ މެއިންޓަނެންސް މަސައްކަތާއި ކަރަންޓް ބިލް ވެސް ދައްކާ ދެމުން ދަނީ އެސްސީއައިއެސްގެ ފަރާތުން ކަމަށް މަޢޫލޫމާތު ލިބެ އެވެ.
















ވަނަ ހޯދި ހުރިހާ ދަރިވަރުންނަށް މަރުޙަބާ. މާތް ﷲ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް ކީރިތި ޤުރުއާނުގެ ނޫރުން އަލިކުރައްވާށި. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަކީ ޤުރުއާނާއި ސުންނަތަށް ލޯބިކޮށް،، އެއަށް ޢަމަލުކުރާ ބައެއް ކަމުގައި ލައްވާށި. އާމީން
ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް) އާއި ޝަރީފީ ޕްރީސްކޫލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގައި ﷲ ބަރަކާތް ލައްވާށި. މި ދެ މުއައްސަސާ އަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބޭނެ މަގު ﷲ މިންވަރުކުރައްވާށި.