
މިދިޔަ އަހަރުގެ ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ސާއިފަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާސިމް، އެވޯޑް ޙަވާލުކުރައްވަނީ – ފޮޓޯ : ރައީސް އޮފީސް
ސ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ސ. މީދޫ ހުވަނދުމާވިލާ، މުޙައްމަދު ސާއިފް ޒަރީރު ހޮވިއްޖެ އެވެ.
"ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓް 2011" ސާއިފަށް ލިބުނުކަން އިޢުލާންކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގަ އެވެ.
ސާއިފަށް އިނާމާއި ޓްރޮފީއާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން އަދި ކުރީގެ ޕްރިންސިޕަލެއްގެ ގޮތުން އެ މަދަރުސާއަށް ގިނަގުނަ ކާމިޔާބީއާއި ކުރިއެރުން ހޯއްދަވާދެއްވާފައިވާ، މިހާރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަދި ދެކުނު ސަރަހައްދުގެ ތަޢުލީމީ ޔުނިޓްގެ އިސްވެރިޔާ ޢަބްދުﷲ ރަޝީދެވެ.
މިދިޔަ އަހަރުގެ ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ 8 މާއްދާއިން "އޭ" ފާސް ހޯދައިގެން ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ސާއިފް، "ދިއިސްލާމް" އާ ވާހަކަދައްކަމުން ރޭ ބުނި ގޮތުގައި އޭނާ އަށް ކާމިޔާބީއެއް ލިބިފައިވާނަމަ އެ ކާމިޔާބީގެ އެންމެ މުހިންމު ސިއްރަކީ އޭނާ މުސްލިމަކަށް ވީ ކަމެވެ.
ސާއިފަށް ލިބުނު ކާމިޔާބީތަކަށް ﷲ އަށް ޙަމްދުކުރަމުން، ސާއިފް ބުނީ މަންމަ އާއި ބައްޕަ އާއި ޢާއިލާގެ މީހުންގެ މަސައްކަތުގެ އިތުރުން މަދަރުސާގެ މުދައްރިސުންނާއި މެނޭޖްމަންޓުގެ މިންނެތް މަސައްކަތް އެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އަދި ކޮންމެ ކުއްޖަކު ވެސް ކާމިޔާބު ވުމަށް ބޭނުން ވަނީ ނުގުޑާ ފަދަ އަޒުމެއް ކަމުގައި ސާއިފް ބުންޏެވެ.
އެހެން ކިޔަވާ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބައިތޯ އަހާލުމުން ސާއިފް ބުނީ ކޮންމެ ކުއްޖަކަށް ވެސް ޙަޤީޤީ ކާމިޔާބު ހޯދޭނީ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް މައިންބަފައިންނާއި މުދައްރިސުންނަށް ކިޔަމަންތެރިވެ އަޚްލާޤް ރަނގަޅު ކުއްޖަކަށް ވާން ޖެހޭ ކަމަށް ސާއިފް ފާހަގަކުރި އެވެ.
"މިއަދުގެ ކިޔަވާ ކުދިން މި ކަމަށް ވަރަށް ސަމާލުކަން ދޭން އެބަޖެހޭ. މައިންބަފައިންނާއި ކިޔަވައިދޭ މުދައްރިސުންގެ ބަސް އަހަން މިހާރު ބޭނުން ނުވިޔަސް، ފަހުން ހިތާމަ ކުރަން ޖެހޭނެ އެކަން އެގޮތަށް ނުކުރެވުނީމަ. މިހާރު ހިތަށް އަރާފާނެ، ތިމާގެ އަޚްލާޤް ކޮންމެ ގޮތަކަށް ހުރިޔަސް ވަރިހަމައޭ. އެހެނަސް، ފަހުން ވަރަށް ހިތާމަ ކުރަން ޖެހޭނެ އަޚްލާޤް ދަށް ކަމަށް ވެއްޖެއްޔާ. އޭގެ އިތުރުން ކިޔަވަން ބޭނުންވާ ނަމަ މަސްތުވާ ހުރިހާ ތަކެއްޗަކާ ދުރުވާން ޖެހޭ." ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 ގައި މިހާރު ކިޔަވަމުންދާ ސާއިފް ބުންޏެވެ.
ފިލާވަޅު ދަސްކުރުމުގައި އުނދަގޫ ހުންނަ ކުދިންނަށް ސާއިފް ބުނީ ޤުރުއާން ކިޔަވާ ހަދާ ނަމަ، ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނެ ކަމަށެވެ.
"ނުކިޔަވައި އަދުގެ ދުނިޔޭގައި ޖާގައެއް ނެތް. އެހެންވީމަ އެ ކުއްޖަކަށް ވީވަރަކުން ކިޔަވައިގެން އުފާވެރި ދިރިއުޅުމެއް ހޯދަން މިހާރު މަސައްކަތް ނުފެއްޓި ތިބި ކުދިން ވެސް، މި ވަގުތުން ފެށިގެން އެކަން ފަށަން ޖެހޭ."

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ސ. އަތޮޅު މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާގައި، 2011 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ސާއިފް، ޖަލްސާގެ ޝަރަފްވެރި މެހުމާން ޢަބްދުﷲ ރަޝީދާއެކު – ފޭސްބުކް ފޮޓޯ
ތިމާގެ ރަށަށާއި ގައުމަށް ޚިދުމަތް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ސާއިފް ފާހަގަކުރި އެވެ. އަދި ދިވެހި މުޖުތަމަޢުގެ ޙާލަތު ދަށު ދަރަޖައަކަށް ވެއްޓިފައިވާތީ، އެކަމާ މެދު ވިސްނައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ ކަމަށް ސާއިފް ބުންޏެވެ.
"ވަކިން ޚާއްޞަކޮށް މަސްތުވާތަކެއްޗާއި ބޮޑެތި ކުށްތައް މަދުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން އެބަޖެހޭ."
އުމުރުން 17 އަހަރުގެ، ސާއިފް ބުނި ގޮތުގައި މުސްތަޤްބަލުގައި އޭނާ ކުރިއަށް ދާން ބޭނުންވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުންނެވެ. އަދި ޢިލްމީ ގޮތުން ވީއެންމެ ކުރިއަކަށް ގޮސް، ހަރުދަނާ ޢާއިލާއެއް ބިނާކޮށް ހުރިހާ ގޮތަކުން ވެސް އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަކީ މުސްތަޤްބަލާމެދު ސާއިފް ކުރާ އުންމީދެކެވެ.
















ޚިޔާލު