ﷲގެ ދަރުބާރަށް ދާންވާނީ އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގެން ނުވާ ޙާލުގައި ކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެވެ.
ޝައިޚް އިލްޔާސް މިހެން ވިދާޅުވީ ރޭގައި އިސްލާމީ މަރުކަޒުގައި ، ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ﷲގެ ދަރުބާރަށް ދާންވާނީ އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގެން ނުވާ ، ކިޔަމަންތެރި އަޅެއްގެ ގޮތުގައި ކަމަށާއި މާދަމާ ތިމާގެ ހެޔޮކަންތައް އެހެން މީހުން ދަމާ ނުގަނެވޭނެ ގޮތަށް ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި އެއީ ކާމިޔާބު ވާނެ ގޮތްކަމަށް ވެސް ވިދާޅުވިއެވެ.
ރަސޫލާ صلى الله عليه وسلم ގެ ޙަދީޘުން ދަލީލު ދައްކަވަމުން އެކަލޭގެފާނުގެ އަގުހަރި މާތް ބަސްފުޅެއް ވިދާޅުވެ ދެއްވަމުން ޝައިޚް ވިދާޅުވީ އެންމެ ބޮޑަށް ބަނގުރޫޓް ވެފައިވާ މީހަކީ ހެޔޮކަންތައް ކޮށްގެން ﷲގެ ދަރުބާރަށް ގޮސް ، މީހުންނަށް އޭނާގެ ހެޔޮކަންތައް ބަހާ މީހާ ކަމަށާއި އޭނާގެ ހެޔޮކަންތައް ބަހަން ޖެހުނީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގެންފައިވާތީ ކަމަށެވެ.
" ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހެއް ކަމުގައި ވާނަމަ، އޭނަ ހެޔޮ ބަސް ބުނާށެވެ. ނުބުނެވޭކަމަށް ވަނީނަމަ ހަނު ހުންނާށެވެ. އެއީ އޭނައަށްޓަކައި ރައްކާތެރި ގޮތެވެ." މިހެން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ކުރެއްވި ކަމަށް ވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ. ދުވަހެއް އެބައާދޭކަމަށާއި ވަގުތު ފާއިތު ވުމުގެ ކުރިން ތިމާގެ އަމިއްލަ ނަފުސާ ސުވާލުކޮށް އިސްލާޙު ވުމަށް އަޒުމް ކަނޑައެޅުމަށާއި ވަގުތުފާއިތު ވުމުން ހެޔޮކަމެއް ނުކުރެވޭނެ ކަމަށް ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް ނިންމާލައްވަމުން ވިދާޅުވިއެވެ.
މިއީ އަންހެން ކަނބަލުންނަށް ޚާއްޞަކޮށް ޖަމްޢިއްތުލް އަޚަވާތުން އިންތިޒާމުކޮށްގެން ބޭއްވި ދަރުސެކެވެ.މި ދަރުސް އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައެވެ.

















advertisment
ޚިޔާލު