ރާއްޖޭގެ ޚަބަރު

ކުށުގެ ރެކޯޑް ފޯމް ފުރުމުގެ ހުރިހާ މަސައްކަތެއް ފުލުހުންގެ އިދާރާއިން ކުރާގޮތަށް ނިންމައިފި

ކުށުގެ ރެކޯޑް ފޯމް ފުރުމުގެ ޚިދުމަތް އެއްތަނަކުން ލިބޭނެ ގޮތް ހަމަޖެއްސުމާގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން – ފޮޓޯ : ޕޮލިސް

ކުށުގެ ރެކޯޑް ފޯމް ފުރުމުގެ ޚިދުމަތް އެއްތަނަކުން ލިބޭނެ ގޮތް ހަމަޖެއްސުމާގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން – ފޮޓޯ : ޕޮލިސް

ވަޒީފާއަށް ނުކުންނަ މީހުންނާއި އެހެނިހެން ކަންކަމުގައި ކުށުގެ ރެކޯޑް އޮތްތޯ ބެލުމަށްޓަކައި ފުރާ ފޯމްގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، އެފޯމް ފުރުމުގެ ހުރިހާ މަސައްކަތެއް ފުލުހުންގެ އިދާރާއިން ކުރާގޮތަށް ނިންމައިފިއެވެ.

ފުލުސް އޮފީހުން ބުނީ އެކަމާގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގގައި އިއްޔެ މުއައްސަސާތަކާއެކު މަޝްވަރާކުރުމަށްފަހު، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ނިންމާފައިވަނީ ކުށުގެ ރެކޯޑް ފޯމް ފުލުހުންގެ އިދާރާއިން ފުރޭނެ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް ހުރިހާ މަސައްކަތެއްވެސް ފުލުހުންގެ މުއައްސަސާއިން ކުރާގޮތަށް ހުރިހާ ފަރާތްތަކުން އެއްބަސް ވެފައިވާ ކަމަށެވެ.

ކުށުގެ ރެކޯޑް އޮތްތޯ ބެލުމަށް ފުރާ ފޯމުގެ މަޢުލޫމާތު ހޯދުމަށްޓަކައި އެކި އޮފީސްތަކަށް ދާން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި ދަތިތަކާއި ކުށުގެ ރެކޯޑް ފޯމްގެ މަޢުލޫމާތުތައް ދިނުމަށްޓަކައި ވަކިވަކި މުވައްޒަފުންތަކެއް އެކަމަށް ބައިތިއްބަން ޖެހުމުގެ ސަބަބުން މުއައްސަސާތަކުގެ މަސައްކަތްކުރުމަށް ދިމާވާ މައްސަލަތަކާބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެއްތަނަކުން ކުށުގެ ރެކޯޑްސްގެ މަޢުލޫމާތު ފޯމް ފުރޭނެގޮތް ހަމަޖެހުމުން މުވައްޒަފުންނަށް ފަސޭހަވެ އާންމުންނަށް ދިމާވާ މައްސަލަތަކަށް ހައްލުލިބި ކުށުގެ ރެކޯޑްސް ހޯދުމުގައި ފަސޭހަވެގެންދާނެކަމަށް އެބައްދަލުވުމުގައި ބައިވެރި ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެމަސައްކަތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިސްނުމާއެކު ފުލުސް އޮފީހުން އިސްނަގައިގެން އެކަމާގުޅޭ އެހެން މުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

އިއްޔެ ބޭއްވި އެބައްދަލަވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޟް އާއި، ފުލުހުންގެ ކަމާބެހޭ އިސްވެރިންގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޑީޕީއާރުއެސްއާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ހައި ކޯޓް އަދި ޑްރަގް ކޯޓްގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިކަހަލަ ކަމެއްވީމަ އިއްޔެ މަޝްވަރާ ކޮށްލާފައި މިއަދު ހަމަޖެހުނީ. ހާދަ ހެއްވާއޭ. ސިފައިންނާއި ފުލުހުން ތުނބުޅި ބެހެއްޓުމަށް މަރުދޭއިރު އެކަން ނުވޭ. ޢައިރު ޤާނޫނީ އަމުރު ނުކުރާނަމޭ ބުނި ވެރިން ދުނިޔެ ރަންވީތަ ؟

Your email address will not be published. Required fields are marked *