ރާއްޖޭގެ ޚަބަރު

ހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސްދެމުންދާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ޕޮލިހަށް!

ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް ބަޔަކު ހަމަނުޖެހުން ހިންގާތީ ފުލުހުން އެކަން މައިތިރިކުރަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސްގެ ދަރުސަށް ހުރަސްއެޅުމަށް ބަޔަކު ހަމަނުޖެހުން ހިންގާތީ ފުލުހުން އެކަން މައިތިރިކުރަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސްދެމުންދާ ކަމަށްބުނެ، އެކަމާމެދު ފިޔަވަޅުއަޅައިދިނުމަށް އެކައުންސިލުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިސްކިތްތަކުގައި ދަރުސްދޭން ޖެހޭނީ އެކައުންސިލުން ދޫކުރާ ފޯމެއް ފުރައި އެކަމަށް ހުއްދަ ހޯދައިގެން ކަމަށާއި، ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސް ބާއްވަމުންގެންދާ ކަމަށެވެ.

އަދި އެކައުންސިލްގެ ހުއްދައާ ނުލައި މިސްކިތްތަކުގެ ސައުންޑާއި ކަރަންޓް ބޭނުންކޮށްގެން މިސްކިތްތަކުގައި ދަރުސްތައް ބޭއްވުމަކީ އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި، ކައުންސިލްގެ ހުއްދަ ނުހޯދާ މިސްކިތްތަކުގައި ދަރުސްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މާލޭހިޔާ ކޮށީގައި ހުންނަ ފުރުޤާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް ބާއްވާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދަނެތި ކަމަށްބުނެ، އެދަރުސް ހުއްޓުވައިދިނުމަށް އެކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ނަމަވެސް، ފުލުހުން ދަރުސް ހުއްޓުވާފައެއް ނުވެއެވެ.
އެދަރުސް ފެށުމުގެ ކުރިންނާއި ދަރުސްކުރިއަށްދިޔައިރު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް މިސްކިތް ކައިރިއަށް އެއްވެ ޝައިޚް އިލްޔާސާ ދިމާއަށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައި އަޑުގަދަކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލައި ހަމަނުޖެހުން ހިންގައި ދަރުސަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވެއެވެ.
އެހަމަނުޖެހުންތައް މައިތިރިކޮށްފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ. އެހަމަނުޖެހުންތަކާ ގުޅިގެން 5 މީހަކު ހައްޔަރުކުރުމަށްފަހު އޭގެތެރެއިން 3 މީހަކު ވަނީ ފަހުން ދޫކޮށްލާފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުންދާ ނޫރުލް އިސްލާމް ޖަމްޢިއްޔާގެ ފަރާތުން މިމަހުގެ ކުރީކޮޅު ހިތަދޫއާއި އަދި ގުޅިފައިވާ އަވަށްތަކުގެ މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުއްދައަށް އެދުމުން އެއިދާރާއިން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.
ނޫރުލް އިސްލާމް ޖަމްޢިއްޔާއިން މިމަހު 6 ގައި ފޮނުވާފައިވާ ސިޓީއަށް، ކައުންސިލްގެ އިދާރާއިން މިމަހު 9 ގައި ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ޝައިޚް އިލްޔާސަކީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި މިސްކިތްތަކުގައި އިލްޔާސް ދަރުސް ދެއްވާނަމަ މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ހަމަނުޖެހުންތައް ހިންގަމުންދާނެކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިސްކިތްތަކުގައި ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވުމަކީ މަޞްލަޙަތު ހުރިކަމެއް ނޫންކަމަށާއި، ނަމަވެސް އޯޕަން ސްޓޭޖް ފަދަ އާންމުތަންތާގައި އެފަދަ ދަރުސްތައް ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް، އެކައުންސިލުން ބުނެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނައިރު، އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.

އަދި އެދެކައުންސިލުންވެސް ވަނީ މިހާރުގެ ސަރުކާރު ޤަބޫލުނުކުރާ ކަމަށް ބުނެ މީގެ ކުރިން ބަޔާންވެސް ނެރެފައެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗްގެ ފަރާތުން ޑިސެމްބަރ 1، 2011 ދުވަހުގެރޭ އަލިމަސް ކާނިވަލްގައި ޝައިޚް އާދަމް ޝަމީމްގެ ދަރުސެއް ބޭއްވުމަށްޓަކައި ހުއްދައަށް އެދުމުން، މާލޭ ސިޓީ ކައުންސިލުން ފުރަތަމަ ވަނީ އެހުއްދަނުދީފައެވެ. އެފަހަރު ކައުންސިލުން ބުނެފައިވަނީ، އާންމު ތަންތާގައި ދީނީ ދަރުސް ދިނުމަށްވުރެ ބޮޑަށް ކައުންސިލުން ބާރުއަޅަނީ މިސްކިތްތަކާއި ސްކޫލު އަދި ސިޓީ ހޯލު ފަދަ ތަންތަނުގައި އެކަންކަން ބޭއްވުމަށް ކަމަށެވެ. ނަމަވެސް، ފަހުން ވަނީ އެހުއްދަދީފައެވެ. އަދި ކައުންސިލުން އޭރު ބުނެފައިވަނީ ފުރަތަމަ ހުއްދަނުދީ އެގޮތަށް ޖަވާބުދެވުނީ އޮޅުމަކުން ކަމަށެވެ.
ފުރަތަމަ ހުއްދަނުދީ އޮތުމަށްފަހު، އަލުން އެހުއްދަ ދިނީ އެޚަބަރު މީޑިއާގައި ފެތުރުމުން ކައުންސިލަށް ޕްރެޝަރު އައިސްގެން ކަމަށް ބައެއްފަރާތްތަކުން އޭރު ވަނީ ބުނެފައެވެ.
ދަރުސްތައް އިޝްތިހާރުކުރުމަށްޓަކައި މާލޭގެ މަގުތަކުގައި ދަމާ ބެނަރތައް އެކިފަހަރުމަތިން މާލޭ ސިޓީ ކައުންސިލުން ނަގާ މައްސަލައެއްވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. އަޅެ އަޖާއިބެއް ނުވާނެ ހެއްޔެވެ ؟ %100 އިސްލާމީ ޤައުމެއްފައި ﷲ ގެ އާޔަތްތަކާއި ރަސޫލުﷲ ޞ.އ.ޥ ގެ ހަދީޘް ބަސްފުޅުތަށް އިއްވުމަށް ހުއްދައެއް ނަގަންޖެހޭ ކަމަށް ބުނުމަށް ހުއްދަނަގަން ޖެހުން މީ އަޖާއިބެއްނު. އަނެއްކާ މީގާ މޮޅު ކަމަކީ ސިޓީ ކަނުންސިލުން ހިތް ނުރުހޭ މީހަކީ ދީނީ ޢިލްމުން ކިތައްމެ މައްޗަކަށް ކިޔަވައިފާ ހުއްޓަސް އެއްވެސް މީހަކަށް ނުވުން. އަޅުގަނޑަކަށް ހިއެއްނުވޭ ރާއްޖޭގައި ޤުރްއާނުން އާޔަތު ނަމްބަރު ބުނަން އެނގެހާ ޤުރްއާނަށް ފަރިތަމީހަކު އިލްޔާސް ނޫނީ ހުރިހެންނެއް. މިއީ އެއް ނޫން އަޞްލު މައްސަލ އަކީ. ޔަހޫދީންގެ އެޖެންޑާ ފަތރައި ޔަހޫދާިންހެން ބިމުގައި ފަސާދަކޮށް އަތްގަދަ ކުރަން ކުރާ މަސައްކަތް މިއީ. މިމީހުން ރުހުނަސް ނުރުހުނަށް ﷲ އެކަލާންގެ ދީން ގަދަ ކުރައްވާނެ. ޝައްކެއްވެސް ނެތް. އެކަލާންގެ ކުޅަދުންވަންތަކަން ވާކަން ކަށަވަރީ ކަމަކަށް، އެކަމެއް ވާށޭ ވަޙީ ކުރެއްވުމުން އެކަމެއް ވުން.

  2. ކޮންމެ ބަހަނާއެއް ދެއްކިކަމުގައި ވީނަމަވެސް، ކަމުގެ ހަގީގަތަކީ ހަމަ ދީނީގޮތުން ތަންދޮރުނުދަންނަ މުޖުތަމަޢަކަށް މަގުފަހިކުރުވުމެވެ. އޭރުން ތިމާމެން ބޭނުންވާ އިސްލާމް ދީނާއި އިދިކޮޅު އެޖެންޑާ ހިންގަން ފަސޭހަވެގެންދާނެނޫންހެއްޔެވެ. އިލްޔާސް މީގެ ކުރިން ދީފައިވާ ދަރުސްތަކަށް އައިސްފައިވާ ބަހުގެ ހަމަލާތަކަށް ވިސްނާލައްވާށެވެ. ސީދާ ގައުމުގެ އެންމެ އިސް ވެރިޔާގެ ދުލުންނެވެ. ދީނީ ޢިލްމު ވެރިޔަކު ޤުރްއާނާއި ސުންނަތަށް ޙަވާލާދީ ދެއްކެވި ވާހަކަފުޅަކަށް ތަންދޮރުނުދަންނަ ދީންނޭގޭ ޖާހިލަކަށް އެއްވެސް ރައްދެއް ދެވިގެން ނުވާނެއެވެ. އޭރު އެމީހަކު ދެއްކި ވާހަކައިން އަޅުގަޑަށް ދޭހަވީ މާތް ﷲ ގެ ކަލާމްފުޅު ކީރިތި ޤުރްއާނާއި މާތް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ކަމަށް އެވާހަކަ ދެއްކިމީހާ ޤަބޫލު ކުރާކަމަށެވެ. މީރު އިންސާނިއްޔަތަށް ހުރިހާ ޙައްޤެއް ލިބިދިނީ އިސްލާމް ދީންކަން ވެސް އޭނާއަކަށް ނޭގުނެވެ. މިއީ ހަމަ ތަންދޮރުނޭގޭ ޖާހިލު ބައެއްކަން މިމީހުންގެ ބަހާއި ޢަމަލުން އެހެރަ ދަނީ ސާބިތުކޮށްދެމުންނެވެ.

  3. ކޮންމެ ކަމެއްގައި ވެސް ގަވާއިދެއް އޮންނާނެ. މަގުމަތީގައި ދުއްވާއެއްޗެހި ބޭނުންކުރުން އޮންނަނީވެސް ވަކި ގަވާއިދަކަށް. ދަރުސު ދިނުން އޮންނަންވާނީ މިހުރިހާ ގަވާއިދަކާ އެއްގޮތަށް. އެއީ އެންމެ ފުރަތަމަ ގަވާއިދަށް ތަބާވާންޖެހޭ ބަޔަކީ ޝައިޚުންނާއި ދާޢީންކަމުގައިވާތީ. އަދި ނަޞީޙަތްތެރިވާ މީހާ ވާންޖެހެނީ އަނެކުންނަށް ނަމޫނާއަކަށް. މިހާރު މިގައުމަށް އެންމެ ބޭނުންވެފައިވާ ކަމަކީ ގަވާއިދުތަކަށް ތަބާވުމުގެ ރޫހު މީހުންގެ ކިބައިގައި އުފެއްދުން.

Your email address will not be published. Required fields are marked *