الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަންހެނުންގެ ބޮލު އިސްތަށިގަނޑު ކޮށުމަކީ ހުއްދަކަމެކެވެ. ޝަރުޠަކީ ފިރިހެނުންނާއި އެއްގޮތް ނުވުމާއި ކާފަރުންގެ ޚާއްސަ ފެޝަންތަކާއި (ޕަންކު، ގްލޭމް ރޮކް ނުވަތަ ގްލިޓަރ އަދި އެމޯ ފަދަ) ހެއަރ ސްޓައިލް ތަކާއި އެއްގޮތް ނުވުމެވެ. އެދެކަމަކީ ނަހީކުރެއްވިގެންވާ ދެކަންތަކެވެ. މިދެޝަރުޠާއި އެކުގައި އިސްތަށިގަނޑު ދިގުކަމުން ނުވަތަ ބޯކަމުން ފަސޭހަޔަކަށްޓަކައި ނުވަތަ ޒީނަތަކަށްޓަކައި ވިއަސް އާދައިގެ ގޮތަކަށް ކޮށުމަކީ މައްސަލައެއް ނޫނެވެ. أَبو سَلَمَة بْن عَبْدِ الرَّحْمَن ވިދާޅުވިއެވެ. ((وَكَانَ أَزْوَاجُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْخُذْنَ مِنْ رُءُوسِهِنَّ حَتَّى تَكُونَ كَالْوَفْرَةِ)) صحيح مسلم. ” النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަނބިއަނބިކަނބަލުން އެކަނބަލުންގެ އިސްތަށިގަނޑު ކަންފަތު ފޫޅުން ތިރިއަށް ހުންނަވަރަށް ކޮށްޓަވައެވެ.”
އިމާމް ނަވަވީ ވިދާޅުވެފައި ވެއެވެ. “މިހަދީޘުން އަންހެނުންގެ އިސްތަށިގަނޑު ކުރު ކުރުމަކީ ހުއްދަ ކަމެއްކަމުގައި ދަލީލު ލިބެއެވެ.” شرح النووي على مسلم.
އުއްމުލް މުއުމިނުން މިއަމަލު ކުރެއްވެވީ އިތުރު އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވި ފަހުން ކަމުގައި ވާތީވެ، ބައެއް ޢިލްމުވެރިން އާންމު ހާލަތުގައި އާންމު އަންހެނުންނަށްޓަކައި އެއީ އެދެވިގެން ނުވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. ސަބަބަކީ އިސްތަށިގަނޑަކީ އަންހެނުންގެ ޒީނަތެއްކަމުގައި ވާތީއެވެ. ވީމައި މީހަކާ އިނދެގެން ހުރި އަންހެނެއް ނަމަ ފިރިމީހާގެ ހުއްދައާއި އެކު މެނުވީ އިސްތަށިގަނޑު ކުރު ކުރުން ރަނގަޅެއް ނޫނެވެ. އިސްތަށިގަނޑަކީ އަންހެނާގެ ވަރަށް ޚާއްސަ ޒީނަތެކެވެ. އެކަމަށްޓަކައި އަންހެނުންގެ ބޯ ބޭލުން ނަހީކުރެއްވިގެންވެއެވެ. ދިގު އިސްތަށިގަނޑަކީ ގިނަ ފިރިން ލޯބިވާ އެއްޗެކެވެ.
އައްމާ ފިރިހެނުން ދަންނައެވެ. އެމީހުންގެ ބޮލު އިސްތަށިގަނޑު ބަޔާންވެ ދިޔަ ޝަރުޠާއި އެކުގައި ދިގުކުރުމާއި ކޮށުމަކީ ހުއްދަ ކަމެކެވެ. މާނައަކީ: އަންހުންގެ އިސްތަށިގަނޑު ފަދައިން ދިގު ކުރުމާއި ކާފަރުންގެ ވަކި ބަޔަކާއި ނުވަތަ ފެޝަނަކާއި އެއްގޮތް ނުވާހެން ކޮށުމަކީ ހުއްދައެވެ. އެގޮތުން ބައެއް ފަހަރު ބޯ ބޭލުމާއި ކަންފަތު ފޫޅާއި ހަމައަށް ނުވަތަ ކަނދުރާއާއި ހަމައަށް އަދި ބައެއް ފަހަރު ކޮނޑުމައްޗާއި ހަމައަށް ދިގު ކުރުމަކީ ހުއްދަ ކަމެކެވެ. އިތުރު އެކަލޭގެފާނުންގެ އިސްތަށިފުޅު އާއްމުކޮށް ބަހައްޓަވާފައި ވަނީ އެކަލޭގެފާނުންގެ ކަންފަތު ފޫޅުފުޅާއި ކޮނޑުފުޅާއި ދެމެދަށް ކަމުގައި ސައްހަމަގުން ސާބިތުވެގެންވެއެވެ. ކޮށްޓަވައިލައްވާއިރު ކަންފަތްޕުޅާއި ހަމައިން ކޮށްޓަވައެވެ. އަދި ދިގުވާއިރު ކޮނޑުފުޅާއި ހަމައަށް ދިގުވެފައި ހުރެއެވެ. މިފަދައިން البخاري އާއި مسلم އަދި ސުންނަތް ފޮތްތަކުގެ އަހުލުވެރިން ރިވާކުރައްވާފައިވެއެވެ.
والله أعلم، وصلى الله على محمد وآله وسلم

















ޚިޔާލު