ރާއްޖޭގެ ޚަބަރު

ޝައިޚް އިލްޔާސްގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް ރީކޯ މޫސަ އަނެއްކާވެސް ގޮވާލައިފި

މާޗް 1، 2012 ގައި މިއަހަރުގެ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބާއްވަން އުޅުނު ދުވަހު ރީކޯ މޫސާ މަނިކު – ދިއިސްލާމް ފޮޓޯ : މުޙައްމަދު ވަސީމް (މޯޑް)

ގުޅޭ :

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިންގެ ފަހަތްޕުޅުގައި ނަމާދުނުކުރުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އޭނާގެ ސަޕޯޓަރުންނަށް އަނެއްކާވެސް ގޮވާލައިފިއެވެ.

ރީކޯ މޫސަ މިހެން ގޮވާލާފައިވަނީ ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑު ސަރަޙާއްދުގައި އެމްޑީޕީން މިދިޔަ ހޯމަދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދިޔަ “އިންސާފުގެ ދަތުރު”ގެ އެއްވުމެއްގައި މިދިޔަ ފެބްރުއަރީ މަހު ވާހަކަދައްކަމުންވެސް ރީކޯ މޫސަ ވަނީ، ޝައިޚް އިލްޔާސް މިސްކިތަކަށް އަރައިފިއްޔާ އެންމެން ފައިބައިގެންދިއުމަށް އޭނަގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރުދެއްވަން ނޫޅުއްވުމަށް ރީކޯ މޫސަ ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދީފައެވެ.

ރީކޯ މޫސަ މިހެން ތަކުރާރުކޮށް ގޮވާލަމުންދާއިރު، ފެބްރުއަރީ 24، 2012 ވީ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ވިދާޅުވުމަށް ޝައިޚް އިލްޔާސް މިންބަރަށް އެރުއްވުމާއެކު ބަޔަކު މީހުން ވަނީ މިސްކިތުން ފައިބައިގެން ގޮސްފައެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރީކޯ މޫސަ ބުނީ ކުރީރޭ އޭނަ އެވާހަކަ ދެއްކީމަ ޢަދާލަތުން ބަޔާން ނެރުނު ކަމަށާއި، ނަމަވެސް އެބޭފުޅުން ނެރޭ ބަޔާނެއްގެ އަޑުވެސް ނާހާނެ ކަމަށެވެ.

"އަޅުގަނޑު މިރޭވެސް ނިންމާލަމުން ދަންނަވަން އޮތީ މި ޢަދާލަތު ޕާޓީގައި މިތިބަ ތަނެއް ދޮރެއް ނުބަލާ އަނިޔާވެރި ޝައިޚުންގެ ފަހަތަށް ތިބޭފުޅުން ނަމާދަށްވެސް ނާރައްޗޭ." ރީކޯ މޫސަ ބުންޏެވެ.

ޝައިޚް އިލްޔާސްގެ ފަހަތްޕުޅުގައި ނަމާދުކުރަން ހެޔޮނުވާނެ ކަމަށް ބުނެ މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޙަސަން ޢަފީފްވެސް އެޖަލްސާގައި ވާހަކަދައްކާފައިވެއެވެ.

މިކަމާ ގުޅިގެން، އިސްލާމިކް އެފެއާޒް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ވިދާޅުވީ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި ދިވެހި ސިފައިންނާއި ފުލުހުންނަށް ފުރައްސާރަކޮށް އަގުވައްޓާލުމަށް ބައެއް ސިޔާސީ ފަރާތްތަކުން ހިންގަމުންގެންދާ ހަރަކާތްތަކުގެ ފަހަތުގައިވަނީ އިސްލާމްދީނާއި ޚިލާފް ކަންކަން ރާއްޖޭގައި ފަތުރައި މިގައުމުގެ އަމާންކަން ނަގާލުން ކަމަށެވެ.

އަދި ދީނީ ޢިލްމުވެރިންނާ ދެކޮޅަށް ވާހަކަދައްކާ މީހުން ހިންގަމުން ގެންދަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެހަރަކާތްތަކަކީ ނޭނގިތިބެ ބަޔަކު ހިންގާ ހަރަކާތްތަކެއް ނޫންކަމަށާއި އެއީ ރާވައިގެން ހިންގާ ނުރައްކާތެރި ހަރަކާތްތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ޢިލްމުވެރިންނަކީ ވަރަށް ޤަދަރުވެރި ބައެއް ކަމަށާއި މުޖްތަމައުގައި ޢިލްމުވެރިންނަށް ގަދަރު ދޭންޖެހޭނެ ކަމަށެވެ.

"ޢިލްމުވެރިންނަށް ޓާގެޓްކޮށްގެން [އަމާޒުކޮށްގެން] އުޅޭ ހަރަކާތްތަކުގެ ފަހަތުގައިވަނީ ކޮންކަންތައްތަކެއްތޯ [ބަލަންޖެހޭ]. [އެއީ] ދިވެހިރާއްޖެ ނާމާންކަމަށް ވައްޓާލުން. ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް އެއަމާޒުކުރެވޭ ކަންތައްތަކާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަންޖެހޭ." ޝައިޚް ޝަހީމް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އއެފަދަ ވާހަކަތައް ދައްކަނީ ކިހާފެންވަރެއްގެ ކިހާތަޤްވާވެރި މާތް ބައެއްތޯ އާއި ކިހާވަރެއްގެ ޢިލްމެއް ލިބިފައިވާ ބައެއްތޯއާއި ކޮން ޙައިޞިއްޔަތެއް ލިބިފައިވާ ބައެއްތޯ ރައްޔިތުން ބަލަން ޖެހޭ ކަމަށެވެ.
އަދި އެފަދަ މީހުން އެގޮތަށް ކަންތައްނުކުރުމަށާއި އެފަދަ މީހުން ދައްކާ ވާހަކަތަކަށް ސަމާލްކަންނުދިނުމަށް ޝައިޚް ޝަހީމް ގޮވާލެއްވިއެވެ.

އިސްލާމީ ދަޢުވަތުގެ މައިދާނުގައި ޝައިޚް އިލްޔާސް ހުއްޓާލުމެއްނެތި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިސްލާމްދީނަށްވުރެ ޕާޓީ ފިކުރު ކުރިއަށް ނުނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވަނީ ދާދި ފަހުން އިލްތިމާސްކުރައްވާފައެވެ.

މަޚްލޫފް ވިދާޅުވެފައިވަނީ އިސްލާމްދީނަށްވުރެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފިކުރު ވަރުގަދަކުރެވިގެން ނުވާނެކަމަށާއި އެކަން ރައްޔިތުން ބަލައިގަނެގެންވެސް ނުވާނެ ކަމަށެވެ.

ޢަދާލަތުގެ ޕާޓީގައި ތިއްބެވި ޝައިޚުންގެ ފަހަތުގައި ނަމާދުނުކުރަން ރީކޯ މޫސާ ގޮވާލާފައިވާތީ މަޚްލޫފް ވިދާޅުވީ މޫސަގެ އެގޮވާލުމަށް އެއްވެސް ބަޔަކު އިޖާބަދީ ޝައިޚުންގެ ފަހަތުގައި ނަމާދުނުކުރާނަމަ އެއޮތީ އިސްލާމް ދީނަށްވުރެ ޕާޓީގެ ފިކުރު މަތިކުރެވިފައި ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

އަދި ކޮންމެ ރައްޔިތަކުވެސް އުޅެންޖެހޭނީ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ މީހުންނާއެކުގައި ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

18 ޚިޔާލު

  1. މީދެންކާކުތަ؟ ޑަންޕަރައެއް ފެނޭތޯ އުޅެބަލަ

  2. ތިބާގެ ދުލުން ހެޔޮބަސްތަކެއް އިވިގެންދާނަމަ ހާދަރނގަޅުވީހޭ… މާއްދިއްޔަތަށް ހެއްލިގެންއުލުނަސް ތިދެންބޮޑުވަރު… ތިބާޔަށް މާތް ﷲ ހެޔޮވިސްނުން ދެއްވާށި…

  3. ރީކޯ މޫސައަށް ދަންނަވާލަންއޮތީ ތިބާއަކީވެސް މަރުވާނެ މީހެއްކަންދަނެ މާދަމާއަށްޓަކައި އަވަހަށް ތައުބާވެ ޢިލްމުވެރިންގެ އަގުވައްޓާލުމަށް މަސައްކަތްނުކޮށް އަދި އިސްލާމްދީނަށް ފުރައްސާރަކުރުން ދޫކޮށްލުމަށް. ތިބާއަށް ދެއްވި މުދަލަކާއި ފައިސާވެރިކަމަކީވެސް ﷲ ތިބާ އިމްތިހާނުކުރެއްވުމަށްޓަކައި ދެއްވި ތަކެތިކަން ހަނދާންކޮށް އެތަކެތިން ﷲ ގެ މަގުގައި ހޭދަކޮށް މިހާރު ތިއުޅޭ ނޭއްގާނިގޮތް ދޫކޮށްލުމަށް އެދެން. ތިބާއަށްދެއްވި ބަސްމޮށުމުގެ ނިއުމަތުން ތިބާ މަހުރޫމްކުރުމަށްވެސް ﷲ އަށް ކުޅަދުންވަންތަކަން ޤަބޫލުކުރައްވާ. ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންކަން ހަނދާންކޮށްދެން. ދުޢާއަކީ ރީކޯ މޫސައަށް ތެދުމަގުދައްކަވާ އިސްލާމްދީނަށް ނަސްރުދޭމީހުންނާއެކީ އުޅުމުގެ ތައުފީޤު މިންވަރުކުރެއްވުން. އާމީން

  4. ލާދީނީމީހުން ނޫނިއްޔާ ދީނީކަންކަމަށް ފުރައްސާރައެއް ނުކުރާނެ!!! ޢަދާލަތު ޕާޓީއަކީ އަބަދުވެސް ޤަޢުމީ މަސްލަޙަތަށް މަސައްކަތްކުރާ މިރާއްޖޭގެ އެންމެގިނަ ދީނީ ޢިލްމުވެރިން ތިބި ހަމައެކަނި ޕާޓީ!!! އެކަމާ ތިމީހުން ކިތަންމެ ހަސަދަވެރިވިޔަސް ﷲ އީ އެކަލާނގެ ދީން ހިމާޔަތްކޮށްދެއްވާ މަތިވެރި ފަރާތް!!! ހިނދުކޮޅުއަންނަ މީހުންނަކަށް ނޭނގޭނެ ހެޔޮއެއްޗެކޭ ކިޔާކަށް!!! ގިނަފަހަރު ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭނެ!!! ﷲ އަށް ބިރުވެތިވޭ!!! ﷲ އަންގަވާފައިވަނީ ހެޔޮކަންކަމަށް އަމުރުކުރުމަށް!!! އެކަމަކު ތިބާއަށް ތިޔަކުރެވެނީ އިސްލާމްދީނަށް ފުރައްސާރަ!!! ﷲ އަށް ބިރުވެތިވޭ!!!

  5. ޝައިޚް އިލްޔާސް މައުމޫނުގެ ދިގުލީވެރިކަން ނިމުމަކަށް ގެނައުމުގައިވެސް އެމްޑީޕީ އިއްތިޙާދާއެކު ޖަލްސާތަކު ވާހަކަފުޅުދައްކަވާ ދުޢާކުރައްވާ ހެއްދެވިއެވެ. އޭރު ޝައިޚްގެ އެއްވެސް މައްސަލައެއް ނެތެވެ. ސިޔާސީއެއްވެސް ނޫނެވެ. އޭރެކޭ އެއްގޮތަށް މިހާރުވެސް އެވިދާޅުވަނީ ޙައްޤު ބަހެކެވެ. މިހާރު ޝެއިޚްގެ މައްސަލައަކީ ފަހެ ކޮބައިހެއްޔެވެ؟؟؟؟؟؟؟ ޝެއިޚްގެ ފަހަތުގައި ނަމާދު ނުކުރުމަށް މިގޮވާލަނީ ކިހާވަރެއްގެ “ދީނީ” ބައެއްބާއޭ ހިތަށް އަރައެވެ.

  6. ދެން އެހެންވިއްޔާ ރޯނުއެދުރުކަލޭގެފާނު ފަހަތުގައި ކުރަންވާކަމެއް ރޯނުއެދުރުކަލޭގެފާނު ވިދާޅުވެ ބައްލަވާށެވެ. ރޯނުއެދުރުކަލޭގެފާނަށް އެބައެއްގެ ފަހަތުގައި ނަމާދު ކުރަން ނުޖެހޭ މީހުނާއި މިފަދަ ހުރިހާކަމެއް ވެސް އެގޭކަމަށް ހެދިގެން އުޅޭއިރު ތިމާމީހާއަކީ ރޯނުއެދުރެއްކަން ނޭގޭކަން ކިހާ ދެރަ ހެއްޔެވެ.

  7. ހައްދަވާ ގެންގުޅުއްވާ އަޅުގެ ވެރި އިލާހު، އިބައިލާހު މޮޅަށް ދެނެވޮޑިގެންވާ ޙާލުގައި މޫސާ މަނިކު (ރީކޯ މޫސަ) އަށް ތެދުމަގު ދައްކަވާނދޭވެ. އަދި ތެދުމަގުގައި ޘާބިތު ކުރައްވާނދޭވެ. ހައްދަވާ ގެންގުޅުއްވާ އިލާހު އިބައިލާހުގެ ޙަޟްރަތުން އޭނައަށް ތެދުމަގު ދެއްކެވުމެއް ނުވާނަމަ އޭނާގެ އަނިޔާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ. އާމީން ޔާރައްބަލް ޢާލަމީން.

  8. އެހެންވީމަ މޫސައާ މޫސަގެ އެޖެންޓުން މުދިމުންނަށް އަރުވަންވީނުން. އަހަރެން ގޮވާލަން ރާއްޖެތެރޭގެ ރަށަކަށް މޫސަ ގޮއްސިއްޔާ އެރަށެއްގެ ހުރިހާ ރައްޔިތުން އެރަށެއްގެ ފަސްގަޑުން ފޭބުމަށް

  9. ޖާހިލެއްނުމީދެން….. ކަލެއަށްތަ އިނގޭނީ މީހުން ނަމާދު ކުރަންވީ ކޮންބައެއްގެ ފަހަތުގާ ކަމެއް.. ހުންނަ ލަދުކުޑަކަން.. ނަމާދެއް ކުރަން މިސްކިތަކަށް ނޭރޭތާ ދެން ނަމާދައް އަރާމީހުންވެސް ދީނުން ބޭރު ކުރަންދޯ މިތެޅެނީ….

  10. މި މީހުން މިހާރު މާ މޮޅުކަމަކަށް ހަދައިގެން ހިޔާލު ތަފާތުވާ ކޮންމެ މީހަކާ، އެ މީހެއްގެ ވިޔަފާރިޔާ، އެ މީހަކު ނިސްބަތްވާ ދީނާ، އެ މީހަކު ކާ އެއްޗިއްސާ ލާ އެއްޗިއްސާ ބޮއިކޮޓް މި ކުރަނީ. އެ މީހަކު އުޅެނީ ރާއްޖޭގަޔޭ ކިޔާފަ ރާއްޖެވެސް ބޮއިކޮޓް ކޮއްފަ ދާންވީނު ތި އެންމެން. އޭރުން ދެންތިބި މީހުނަށް ހަމަޖެހިލައިގެން އުޅެވޭނެއެންނު.

  11. ރީކޯ ދެންތީ ބޮޑުވަރެއް…….. އަހަންނަށް މިހާރު ރީކޯގެ ދީންވެރިކަމާމެދު ޝައްކު. އެއްވެސް ހާލަތެއްގަ މުސްލިމެއްގެ ފަހަތުގަ ނަމާދު ނުކުރުމަކަށް އެއްވެސް މީހަކަށް ނުބުނެވޭނެ……….. ރީކޯ މޫސާ އެދަނީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ވާހަކަތަށް ދައްކަމުން. އަޅުގަނޑު ރީކޯއަށް ދަންނަވާލަން ބޭނުންވަނީ މިދުނިޔެއަކީ އަހަރެމެން އިންސާނުން އިމްތިޙާން ކުރެއްވުމަށްޓަކައި މާތް ﷲ ލައްވާފައިވާ ތަނެއް. މާތް ﷲ ހެއްދެވި ކޮންމެ މަޚުލޫގަކަށްވެސް އަދި މިދުނިޔެ ދޫކޮށް އެކަލާންގެ ޙަޟްރަތަށް ދާން ޖެހޭނެކަން ރީކޯ މޫސާއަށް ނޭގެނީތަ………. އަޅުގަނޑަށް ހީވަނީ ރީކޯ ތިކަހަލަގެ ފަތުވާތަށް ނުދީ ފުރަތަމަ ނަމާދުކުރަން ދަސްކުރަންވީހެން.

  12. ޝެއިޙް ޢިލްޔާސް ފަހަތުަގއި ނަމާދުނުކުރަންވީ ސަބަބަކީ ކޮބައިތޯ؟ ހަމަ ތިހެން ހުރެފަ އެބޭފުޅާގެ ފަހަތުގަ ނަމާދު ނުކުރާށޭ ބުންޏަކަސް ކަމަކުނުދާނެ.

  13. ކުރިން އެމްޑީޕީގެ ސަރުކާރުގެންނަން އަހަރެންވެސް ތާއީދުކުރިން. ނަމަވެސް ވޭތުވެދިޔަ 3 އަހަރުދުވަހުގެ އެމީހުންގެ ޙަރަކާތްތައް ފެނިފައި އެމްޑީޕީ ދެކެ ވަރަށްބޮޑަށް ނަފްރަތުކުރަން. އަދާލަތު ޕާޓިއަކީ އަހަރުމެން ފަޚްރުވެރިވާ ޕާޓީއެއް. ރީކޯމޫސަމެން ބޭނުންގޮތަށް ދީނާޚިލާފަށް ހިންގަމުން ދިަޔަ ކަންތައްތައް ހުއްޓުމަކަށް ގެނައީމަ އެކަމުގެ ރުޅި ބާލަނީ އަދާލަތު ޕާޓީއާއި އެޕާޓީގެ އިލްމުވެރިންނަށް. މޫސާމެން ދައްކާވާހަކަ ޤަބޫލުކުރާނީ ހަމަބުއްދި ފިލާގޮސްފައި ތިބިމީހުން. ޝައިޚް އިލްޔާސްމެންނަކީ ދިވެހިރައްޔިތުން އިތުބާރުކުރާ ބައެއް. އެބޭފުޅުންގެ ވާހަކަތައް އެބޭގުޅުންގެ ވާހަކަތައް އަޅުގަޑުމެން ފުރިހަމަޔަށް ޤަބޫލުކުރަން އަޅުގަޑުމެން މިތިބީ އެބޭފުޅުންގެ ފަހަތުގައި. އިރާދަކުރެއްވިއްޔާ އެމްޑީޕީ ދާނީ ކުރިޔަށް އޮތްތަނުގައި ބަލިވެ ނިކަމެތިވަމުން. އާމީން.

  14. އަދާލަތު ނޫނީދީނީ ޕާޓީއެއްނެތް ދެންތިބީ ސެކިއުލާ ޕާޓީތަށް.

  15. سبحان الله!! މީނާގެ ނަން “މޫސާ” ހިމެނޭތީ މީނާ ވަރަށް ލަދުގަންނާނެކަން ޔަޤީން. ރީކޯ ނުވަތަ މަނިކު ނަމުން ގޮވުމަކުން ގޯހެއްނުވާނެހެން ހީވަނީ. ނަމާދާއި ދުރަށް މުސްލިމުން ގެންދަން އުޅޭނީ އިބިލީސް ނުވަތަ ޝައިތާނާކަމަށް އެގެނީ. އެކަމަކު މީނަވެސް އެ ސޮރުގެ މަޅީގައި ޖެހި މެހުނީތާއެވެ. ޝޭޚް އިލްޔާސްމެން ފަދަ ބޭފުޅުންގެ ފަހަތުގައި ނަމާދު ކުރަން ފުރުޞަތުލިބުމަކީ އަހަރުމެންނަށް ނަމާދުން ފިނިކަން ވަރަށްފާޅުކޮށް ލިބޭކަމެކެވެ. އެގޭ އެއްޗަކީ ޝޭޚް އިލްޔާސް ފަދަ ބޭފުޅުންނާއި ތިޔަފަދަ ޝައިތާނީ ގޮވެލި ގޮވާމީހުންގެ ވައިވެސް ނޭޅޭނެކަމެވެ. އެއީ ނަމާދަށް ބަންގި ގޮވީމާ އިބިލީހުގެ ފުރަގަސްފަރާތުން ވައި ބޭރުކުރަމުން ބިރުން ދުވާފަދައިން ތިޔަ ރީކޯ މިހާރު ޝޭޚް ދެކެ ބިރުގަންނަ ވަރު އެގުނީތާއެވެ. ޤައިމު އަދި ރީކޯ ފެންނަނީ އިންސާނެއްގެ ސިފައިގައެވެ. ނަމަވެސް ތިހިރަ ވާގޮތެއް ދޯއެވެ.. އެމެރިކާއަށް ގޮސް ޒަޔަނިސްޓުންގެ އެއްލޯ މަރުކާގެ ޓީވީއަކަށް އަރާ އިނދެ ތިޔަ ގޮވެލި ގޮވާށެވެ. ވެރިކަމުން ވެއްޓުނު ފަކީރުވެސް މިހާރު އެހެރީ ގޮސް އެޓީވީތަކަށް އަރާހިތުން ހިނދުކޮޅު އައިސްގެން ރަން ބުއްދި ފިލައިފައެވެ. ދޫނިރާއްޖޭއަށް އަވަހަށް ވަޑައިގަންނަވާށެވެ.

  16. އައިއެމް އެންޖޯއިންގ ދިސް… :)

  17. ރީކޯ ރައްޔިތުންގެ މަޖިލިސްކުރާ ގެޔަށް ނުވައްދާ މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް މަޖިލިސް މެންބަރުން ނަށާއި މަޖިލިސް ރައީސަށް ގޮވާލަން!

  18. އިލިޔާސް ފަހަތުގައި ނަމާދު ނުކުރުމަށް ރީކޯ މޫސަ ގޮވާކަމަށް ވާނަމަ، ރީކޯ މޫސަ މަޖިލިސްގެ ރައީސްގެ ކުރިމަތީ ބައިންދައިގެން މަޖިލިސް ކުރިޔަ ނުގެންދިއުމަށް މަޖިލިސް ރައީސަށާއި މެންބަރުން ނަށް ގޮވާލަން!

Your email address will not be published. Required fields are marked *