ރާއްޖޭގެ ޚަބަރު

ދިވެހި ރާއްޖެއާއި މެދުގައި ދިވެހި ރާއްޖޭގެ މުސްތަޤްބަލާއި މެދުގައި ﷲ އަށް ބިރުވެތި ވާށެވެ!

މާލޭ މަތިން. ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

މާލޭ މަތިން. ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް

ވަކި މީހެއް، ވަކި ޕާރޓީއެއް ނޫނެވެ. ވަކި ބައެއް ނޫނެވެ. އެއްމެންނެވެ. ވެރިންނާއި ރައްޔިތުންނެވެ. ސިފައިންނާއި އާންމުންނެވެ. އެކަލާނގެ އަށް ބިރުވެތިވެ، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވެގެން ނޫނީ އަޅުގަނޑުމެންނަކަށް އަމާން ކަމެއް ނުލިބޭނެކަން ކަށަވަރެވެ.

ލޮބުވެތި މުސްލިމު އަޚުންނޭވެ! މަގުމައްޗަށް ނުކުމެ، ވެރިކަން ވައްޓާލުމަށް، ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ނުކުރާށެވެ! އެއީ ފިތުނަ ފަސާދައިގެ މަގެކެވެ. ޖާނާއި މާލަށް ގެއްލުންވުމާއި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދި، ހައްގަކާއި ނުލައި އަނިޔާ ކުރުމާއި އަނިޔާ ލިބުން ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެއެވެ. ބިރުވެރި ކަމާއި ނާމާންކަން ފެތުރުން ނޫން ކަމެއް ނުވާނެއެވެ.
ވަކި ޕާރޓީއަކުން، ވަކި މީހަކު ވެރިއަކަށް ބެހެއްޓުމަކީ މޮޅުކަމެއް ހެއްޔެވެ؟ އެއީ އުންމަތަށް ފައިދާހުރި ކަމެއް ހެއްޔެވެ؟ ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ތިޔަގޮތަށް ނުކުމެ، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާއި ތަޅާފޮޅައި ހެދުމަކީ އަމިއްލަ އަތުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމެވެ. އަމިއްލަ އަތުން އަމިއްލަ މުދާ ހަލާކު ކުރުމެވެ. އަމިއްލަ އަތުން އަމިއްލަ ގައުމު ނިކަމެތި ކުރުމެވެ. ގެއްލުން ވާނީ އޭނާއަށް އެކަންޏެއް ނޫނެވެ. ނިކަމެތި ވާނީ އަނެކާ އެކަންޏެއް ނޫނެވެ. އެއްމެންނެވެ. ސަރުކާރު އިމާރާތްތަކާއި ސަރުކާރު މުދާތައް ހަލާކު ކުރުމުން ތިމާމެނަށް އޮތީ ކޮން ފައިދާއެއްތޯއެވެ؟
ހައްގު ބަސް ބުނާށެވެ! އަނިޔާ ލިބިފައިވާނަމަ އެކަން ބަޔާން ކޮށްދޭށެވެ! އެކަމަކު އޭގެ ބަދަލު ހިފުން ހުއްދަވާނީ ޝަރްޢީ ހަމަތަކުންނެވެ. އަމިއްލަޔަށް ކޮންމެ މީހަކު އެމީހެއްގެ ހައްގު ހޯދުމަށް އަނިޔާކޮށް، ހަލާކު ކޮށްފި ނަމަ އެއީ ފަސާދައެވެ.
އަޅުގަނޑުމެންގެ ގިނަ އަޚުންނާއި އުޚްތުން ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް މި ނުކުންނަނީ: އެއްވެސް ޢިލްމުވެރިއެއްގެ ގާތުގައި އަހާފައި ތޯއެވެ؟ އެއްވެސް ދީނީ އަމުރެއްގެ ދަށުން ތޯއެވެ؟ އެއްވެސް ޝަރްޢީ އުޛުރެއް އޮވެގެން ތޯއެވެ؟ ނޫނެކެވެ. ގިނަ މީހުން، ގިނަ ފަހަރަށް މި ނުކުންނަނީ ޕާރޓީ ކުރާ ކަމެއް ވީމައެވެ. ޕާރޓީއަށް ނަޞްރު ދޭށެވެ. އެ ޕާރޓީ ތަކުގައި އަޑުގަދަކޮށް، ގޮތް ކިޔަން ތިބޭ މީހުންގެ ބަހަށެވެ. އެއީ ޖާހިލިއްޔަތުގެ މީހުން ކަންކުރި ގޮތެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެއްފަހަރުވެސް ވިސްނާލީމު ތޯއެވެ؟ ތިބާގެ ޕާރޓީ އަކީ ދީނެއް ނޫނެވެ. ޝަރްޢެއް ނޫނެވެ. އަދިކިޔެއް ޕާރޓީގެ ހުރިހައި ނިންމުންތަކަކީ ދީނާއި އެއްގޮތަށް ނިންމާ ނިންމުމެއް ނޫނެވެ. ފިތުނަ އުފެދޭފަދަ މިކަހަލަ ކަންކަމުގައި ދީނީ ޢީލްމުވެރިއެއްގެ ބަހެއް ނުހޯދާ ޕާރޓީގެ ލީޑަރުން ފަހަތުން ނުނުކުންނާށެވެ! ނުކުމެއްޖެ މީހަކު ސަލާމަތް ވާނެހެން ހީވޭ ހެއްޔެވެ؟! ކައްލާ! ހަމަ ހިލައި އެހެން ނުވާނެއެވެ. އެފަދަ މީހުނަށް އިޖާބަ ދީފި މީހަކު އެމީހުނާއި އެކުގައި އެތަނަށް ވަދެއްޖެ ކަމުގައި ކީރިތި މާތް ނަބިއްޔާވަނީ ޚަބަރު ދެއްވައިފައެވެ. އެފަދަ މީހުން ސިފަކޮށްދެއްވައި ޙަދީޘް ކުރައްވާފައި ވެއެވެ. " قَوْمٌ مِنْ جِلْدَتِنَا وَيَتَكَلَّمُونَ بِأَلْسِنَتِنَا " "އެބައިމީހުންނަކީ ތިމަންމެންގެ ނަސްލުންގެ އަދި ތިމަންމެންގެ ބަހުން ވާހަކަ ދައްކާ ބައެކެވެ." އެފަދަ ދުވަހެއް އަތުވައްޖެ ނަމަ ކަންތައް ކުރަންވީ ގޮތް އަންގަވައި ކައުއިތުރު މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވަނީ: " تَلْزَمُ جَمَاعَةَ الْمُسْلِمِينَ وَإِمَامَهُمْ" "ތިޔަބައިމީހުން މުސްލިމުންގެ ޖަމާޢަތާއި މުސްލިމުންގެ އިމާމާއި އެކުގައި ވާށެވެ!" މުސްލިމުންގެ ޖަމާޢަތެއް އަދި އިމާމެއް ނެތް ނަމަ "فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا وَلَوْ أَنْ تَعَضَّ عَلَى أَصْلِ شَجَرَةٍ حَتَّى يُدْرِكَكَ الْمَوْتُ وَأَنْتَ عَلَى ذَلِكَ" އެ ހުރިހައި ޖަމާޢަތްތަކާއި ދުރުހެލި ވާށެވެ! އަދި ގަހެއްގެ މޫގަނޑުގައި ދައިގަނެގެން މަރު އަތުވެއްޖައުމަށް ދާންދެން އެހާލުގައި އޮންނަން ޖެހުނު ކަމުގައި ވިޔަސް..." ފިތުނައިގެ ތެރެއަށް ވަނުމަށް ވުރެ ހެޔޮކަށް ބޮޑެވެ. އޭރުން ﷲ ގެ ޙަޟުރަތަށް ދާން ޖެހޭ ދުވަހުގައި ތިބާގެ ބޮލުގައި ތިބާގެ މުސްލިމު އަޚުންގެ ލެޔާއި މުދަލާއި އަބުރުގެ ދަޢުވާތަކެއް ނޯންނާނެއެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{ فَاتَّقُوا اللَّهَ وَأَصْلِحُوا ذَاتَ بَيْنِكُمْ }} "ފަހެ ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ، ތިޔަބައިމީހުންގެ މެދުގައި އިޞްލާޙު ކުރާށެވެ!" {{ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ }} "އަދި ﷲ އަށް ބިރުވެތި ވާށެވެ! ތިޔަބައިމީހުން މަޙުޝަރު ކުރެވޭ ހުށީ އެކަލާނގެ ޙަޟުރަތަށެވެ!" {{ وَاتَّقُوا اللَّهَ الَّذِي أَنْتُمْ بِهِ مُؤْمِنُونَ }} "އަދި ތިޔަބައިމީހުން އެފަރާތަކަށް އީމާންވެގެންވާ ފަރާތް މާތް ﷲ އަށް ބިރުވެތި ވާށެވެ!"

ގުޅުންހުރި

5 ޚިޔާލު

  1. ކީއްވެތޯ މިލިޔުން ކުރިން ނުނެރުނީ! ދިއިސްލާމްވެސް އޮންނަނޫ ވަކިބަޔަކަށް ޖެހިފަކަން މިހާރު ސާބިތު ވެއްޖެ. މިރާއްޖޭގެ ތިބުނާ ތެދުވެރި ވަފާތެރިބަޔަކު ނެތް

  2. ކުޑާ، ބޭކާރު ކޮމެންޓް ނުކޮށް އާރުހުރި ގަހެއްގެ މުލުގަ ދަތްއަޅައިގެން އޮވެ، ހެއްދެވި ފަރާތަށް ތަވައްކަލްތް ކޮައްބަލަ!

  3. ސައީދު ވ. ރަގަޅު ވާހަކައެއް.

  4. މި ލިޔުން މީ މީގެ 50 އަހަރު ކުރީގެ ލިޔުމެއް ނޫނޭ… މީ އިހަކަށް ދުވަހު ޝައިޙް އާދަމް ސަމީމް ލިޔުއްވި އެއްޗެއް…

    މާޝާ ﷲ ވ ފުރިހަމަ ލިޔުން ކޮޅެއް ޝައިޙް އާދަމް ސަމީމް ގެ…

  5. 23 ޑިސެމްބަރުގައި ހުއްދަދެއްތޯ ވެރިކަމާ ދެކޮޅަށް ވާހަކަ ދައްކުން؟ ކަނޑި ބަޑި ނެގުންދޯ ހުއްދަ ނޫނީ؟

Your email address will not be published. Required fields are marked *