މޫނު ބުރުގާ އެޅުމަކީ ދީނީ ކަމެއްތޯ؟ ނުވަތަ އާދަކާދައެއްތޯ؟
- މޫނު ބުރުގާ އެޅުމަކީ ދީނީ ކަމެއް ކަމާއި މެދުގައި ޢިލްމުވެރިން ދެބަސްވެވަޑައެއް ނުގަންނަވައެވެ.
- މޫނު ބުރުގާ އެޅުމަކީ މާތްވެގެންވާ، ރަނގަޅު ކަމެއް ކަމާއި މެދުގައި މި އުންމަތުގެ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާފައި ވެއެވެ.
މޫނު ބުރުގާ އެޅުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި ކަމެއްތޯ؟
- މޫނު ބުރުގާ އާއި މެދުގައި ޢިލްމުވެރިން ދެބަސްވެވަޑައިގަންނަވާފައި ވަނީ އެއީ ދީނީ ކަމެއްތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އަދިކިޔެއް، އެއީ ވާޖިބެއްތޯ ނުވަތަ މުސްތަޙައްބު (ސުންނަތް) ކަމެއްތޯއެވެ.
މޫނު ބުރުގާ އެޅުމުގެ ހުކުމަކީ ކޮބައިތޯ؟
- މޫނު ބުރުގާ އެޅުމަކީ ހުއްދަ ކަމެއް އެކަންޏެއް ނޫނެވެ. އެއީ ބިދުޢައެއް ނުވަތަ އާދައާއި ޚިލާފު އައުކަމެއް ވެސް ނޫނެވެ.
- މޫނު ބުރުގާ އެޅުމަކީ ވާޖިބެއް ނުވަތަ އެދެވިގެންވާ، މުސްތަޙައްބު ކަމެކެވެ.
މުސްލިމު އަންހެނުން މޫނު ބުރުގާ އަޅަން ފެށީ ކޮން އިރަކުތޯ؟
- މޫނު ބުރުގާ އެޅުމަކީ ކީރިތި ޤުރްއާނުގައި ފަރުދާގެ އަމުރުފުޅު ބާވައި ލެއްވުމާއި އެކުގައި، ކީރިތި ރަސޫލާގެ ޒަމާނުއްސުރެ މުސްލިމު އަންހެނުން ޢަމަލު ކުރަން ފަށާފައިވާ ކަމެކެވެ.
- رسول الله صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރި ކަނބަލުންނާއި ސަޙާބިއްޔާތުންނާއި ހެޔޮ ތިން ޤަރުނުގެ ސަލަފުންގެ ޒަމާނުން ފެށިގެން މެދު ނުކެނޑި މިއަދާއި ހަމަޔަށް މުސްލިމު އަންހެނުން ކުރަމުން އައިސްފައިވާ ކަމެކެވެ.
މޫނު ބުރުގާ އާއި ބުރުގާ އެޅުމުން މުސްލިމް އަންހެނުން ދުރުހެލިވާންފެށީ ކޮން އިރަކުތޯ؟
- މުސްލިމުންގެ އަޚްލާގާއި ޢިތްފަތާއި ޙިޝްމަތު ނަގައިލުމަށްޓަކައި ދުޝްމަނުން ކުރި މަސައްކަތްތަކުގެ ތެރެއިން އެއްމެ ނުރައްކާތެރި އެއް ކަމަކީ އަންހެނުންގެ ހިޖާބު، މޫނު ބުރުގާ އަދި އެއަށްފަހުގައި ބުރުގާ ބޭލުވުމުގެ މަސައްކަތެވެ.
- އެއްމެ ފުރަތަމަ ފާޅުގައި އަންހެނެއްގެ މޫނު ބުރުގާ ނަގައި، ޙިޖާބު ބާލައި، އިސްލާމީ މި މަތިވެރި ޝިޢާރާއި މެދުގައި އިހާނެތިކޮށް ހިތާފައި ވަނީ މީލާދީ ގޮތުން ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި އިސްލާމީ ޚިލާފަތް ބަލިކަށިވެ، ކާފަރުން އިސްލާމީ ގައުމުތަކުގެ މައްޗަށް އަތްގަދަ ކުރުމަށް ފަހުގައެވެ.
- މިޞްރުގެ މައްޗަށް އިނގިރޭސިން ވެރިވުމާއި އެކުގައި، މޮޑަން ވުމުގެ ނަމުގައި މަސައްކަތް ކުރި މުސްލިމުންގެ ޖަމާޢަތަކާއި މުނާފިޤުންގެ ބަޔަކު ޔޫރަޕަށް ގެންގޮސް ވެސްޓަރން ފިކުރުގެ މައްޗަށް އުފައްދައި، ޚާއްޞަކޮށް 'އަންހެނުންނަށް މިނިވަންކަން' ހޯދައިދިނުމުގެ ނަމުގައި، އެކަމަށް ތަމްރީން ކުރުމަށް ފަހުގައި އެބައި މީހުންގެ އަތުންނެވެ.
- އިސްލާމީ ގައުމެއްގައި ފުރަތަމަ ފަހަރަށް ފާޅުގައި އަންހެނެއްގެ ފަރުދާ ބާލާފައިވަނީ 1923 ވަނަ އަހަރުގައި ރޯމްގައި ބޭއްވުނު އަންހެނުންގެ ކޮންފަރެންސެއްގައި ބައިވެރި ވުމަށް މިޞުރުން ގެންދެވުނު ދެ އަންހެނަކު ދުޝްމަނުންގެ ރޭވުމާއި އެކުގައި އެނބުރި މިޞްރަށް އެރި ދުވަހުގައި އެ ދެ އަންހެނުންގެ މޫނު ބުރުގާ އާއި ހިޖާބު ނަގައި ފައިދަށަށް އެއްލައިލުމުންނެވެ.
އިސްލާމީ ގައުމު ތަކުގައި މޫނު ބުރުގާ އާއި ބުރުގާ މަނާ ކުރެވެނީ ކީއްވެގެން ތޯ؟
- އިސްލާމީ ގައުމުތަކުގައި މޫނު ބުރުގާ ނުވަތަ އެފަދަ ދީނުގައި ކަނޑައެޅިގެން ސާބިތުވާ ދީނީ ޝިޢާރުތައް މަނާ ކުރެވެން ފަށާފައިވަނީ ކާފަރުން އިސްލާމުންގެ ބިންތަކަށް އަތްގަދަ ކުރުމަށް ފަހުގައި، އިސްލާމީ ގައުމު ތަކުގެ ވެރިކަން ލާދީނީ މީހުންގެ އަތްމަށްޗަށް ދިޔުމުންނެވެ.
- ހަގީގީ މުސްލިމު ސަރުކާރެއްގައި ދީނީ ޝިޢާރެއް މަނަލެއް ނުކުރާނެ، ނުވެސް ކުރެވޭނެ، ނަމަވެސް އެފަދަ އަނިޔާވެރި ޢަމަލުތައް ކޮށްފައިވަނީ ބަޢްޘީންނާއި ޢަލްމާނީން މުސްލިމު ގައުމުތަކުގެ ވެރިކަމާއި ހަވާލުވެ، އިސްލާމީ ޝަރީޢަތް ނައްތާލައި، ވަޟްޢީ ޤާނޫނުތައް ހަދައިގެން، އެފަދަ މީހުންގެ އަތުންނެވެ.
- މިޞްރު، ތޫނިސް، ސޫރިޔާ، ޖަޒާއިރް، ލީބިޔާ އަދި ވަކިން ޚާއްޞަކޮށް ތުރުކީގައި އަންހެނުންގެ ޙިޖާބު މަނާކޮށް، މުސްލިމު އަންހެނުންނާއި މި މާތް ދީނާއި މެދުގައި އެ ތަންތަނުގެ ވެރިން ވަނީ އަނިޔާވެރިވެފައެވެ.
މޫނު ބުރުގާ ނުވަތަ ބުރުގާ އެޅުން މިހާރުވެސް މަނާ ކުރެވެމުން ދަނީ ކުރީގައި ވެސް އެކަން ކުރެވުނު ގޮތަށްތޯ؟
- މުސްލިމު އަންހެނުން ފަރުދާއިން ބޭރު ކުރުމުގެ މަކަރުވެރި ރޭވުންތަކާއި މަސައްކަތްތައް މުޅި ދުނިޔޭގައި ދަނީ ކެނޑި ނޭޅި ކުރެވެމުންނެވެ.
- އިސްލާމީ ގައުމު ތަކުގައި މިހާރުވެސް ކާފަރުންނަށް ހެއްލި، އެމީހުންގެ ގާތުން މޮޅު ހޯދުމަށް މަސައްކަތް ކުރާ ލީޑަރުންނާއި ޢިލްމްވެރިންގެ މަޤާމުގައި ތިބި އެފަދަ ބައެއް މީހުން މި ނުބައި ޢަމަލު ހިންގަމުން އެބަ ދެއެވެ.
- އެފަދަ ވެރިންނާއި ސިޔާސަތު ދާނުން ލައްވައި ޙިޖާބާއި ފަރުދާ އާއި އިދިކޮޅު ގާނޫނު ހަދައި، ސަރުކާރަށްޓަކައި ފަތުވާ ވިއްކާ ޢިލްމުވެރިން ލައްވައި ދީނީގޮތުން އެފަދަ ގާނޫނުތައް ހިމާޔަތްކޮށް، ދީނުގައި ކަން އޮންނަ ގޮތް އޮޅުވާލައިގެންނެވެ.
- ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށް ވުމާއި އެކުގައިވެސް އިސްވެ ދިޔަ ވެރިކަމުގައާއި އަދުގެ މައުޖޫދާ ސަރުކާރުގައި ވެސް މޫނު ބުރުގާ މަނާ ކުރުމާއި އަންހެނުން އޮރިޔާން ކުރުމުގެ މަސައްކަތް ތަފާތު ގޮތްގޮތުން ކުރެވެމުން ދާކަން ހިތާމަޔާއި އެކުގައި ފާހަގަ ކުރެވެއެވެ.
މޫނުބުރުގާ އާއި ބުރުގާ އެޅުން މަނާ ކުރެވިދާނެ އުޛުރެއް އޮވެދާނެބާ؟!
- މޫނު ބުރުގާ އާއި ބުރުގާ އެޅުމަކީ އަންހެނުންގެ ލިބާހާއި ފަރުދާގެ ބައެއް ކަމުގައި ކަނޑައެޅިފައި ވީ އިރު، އެއްވެސް ބަހާނައަކުން އަދި އުޛުރަކުން އެކަން މަނާ ކުރެވޭނެ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނުހެދޭނެއެވެ.
- މުސްލިމު އަންހެނުންގެ ޙިޖާބާއި ޚިލާފަށް ބަހަނާ ހަދައިގެން އެކަން މަނާ ކުރުމަށް މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ދީނާއި ޚިލާފު، އަދި އިންސާނީ މިނިވަންކަމާއި ހައްގުތަކާއި އިދިކޮޅު އަމަލެކެވެ. އެހެންވެ، ބައެއް ކާފަރު ގައުމު ތަކުގައިވެސް އެފަދަ ގާނޫނެއް ފާސް ކުރުމަށް އެމީހުންގެ ޟަމީރު އިންކާރު ކޮށްފައިވެއެވެ.
- އަންހެނުންގެ ފަރުދާ މަނާ ކުރެވޭނެ މަޢްޤޫލު ޢުޛުރެއް ނެތެވެ. އެކަމާއި އިދިކޮޅަށް އަބަދުވެސް ދައްކާ ވާހަކަ ތަކަކީ ދީނާއި ގާނޫނާއި ބުއްދިއާއި ޚިލާފު، ދެކޮޅު ނުޖެއްސޭނެ ވާހަކަ ތަކެކެވެ.
- ބައެއް ގައުމުތަކުގައި ބުރުގާ ނުވަތަ މޫނު ބުރުގާ އެޅުން މަނާ ކުރަނީ އެއީ އަންހެނުންގެ މިނިވަން ކަމާއި ޚިލާފު ކަމެއް ކަމުގައި ބުނެއެވެ. އަނެއްބައި ތަންތަނުގައި މަނާކުރަނީ އެއީ ދީނީ ކަމެއް ނޫނޭ، އާދަ ކާދައެކޭ ކިޔާފައެވެ. އަނެއްބައި މީހުން މަނާ ކުރަނީ އެއީ ދީނީ ކަމެކޭ، އާދަކާދައާއި ޚިލާފު ކަމެކޭ ކިޔާފައެވެ. އަނެއްބައި ތަންތަނުގައި މަނާ ކުރަނީ އެއީ ހައްދު ފަހަނަ އަޅައި ދިޔުމުގެ އަމެއްލެއް ކަމުގައި ސިފަކޮށް، އޭގެ ސަބަބުން މީހުން ބިރުގަންނަ ކަމުގައި ބުނެއެވެ. އަނެއްބައި ތަންތަނުގައި ބަހަނާއެއްކަމުގައި ދައްކަނީ މޫނު ބުރުގާ އެޅުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމުގައި ބުނެއެވެ. މިއީ އެއްވެސް އަސްލަކުން އަދި ނައްސަކުން ސާބިތުވާ ނުވަތަ ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫނެވެ.
އެ ހުރިހާ ބަހަނާއަކާއި އެކުގައި މުސްލިމު އަންހެނުންނަށް ފަރުދާ މަނާ ކުރާ އިރު..
- ކްރިސްޓިއަން ފައްޅީގެ ޚިދުމަތް ކުރާ އަންހެނުންނަށް ސްކާފް އަޅައި ނިވާކުރަން ހުއްދަ އޮންނަނީ އެމީހުންގެ ދީނީ ކަމެއް ކަމުގައި ވާތީ ޔޯލައެވެ. މުސްލިމު އަންހެނުންނަށް ލިބެން ޖެހޭ އެމީހުންގެ ދީނީ ހައްގު ކޮބައިތޯއެވެ؟!
- ފިރިހެނުން ކޯޓް ފަޓްލޫނު ލައިގެން އުޅުމަކީ ސެކިއުރިޓީ އަށް ހުރި ނުރައްކަލެއް ކަމުގައި ނުވާ އިރު ބުރުގާ އަޅައި ނިވާ ކޮށްފައިވާ އަންހެނަކު ނުރައްކާތެރި މީހެއް ކަމުގައި ވަނީ ކިހިނެއްތޯއެވެ؟!
- ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްގެއް ކަމުގައި ބުނެ ނިވާ ނުކޮށް، އޮރިޔާން ހާލުގައި އުޅުމުގެ ހުއްދަ އަންހެނުންނަށް ހޯދައިދެވިފައި ވާ އިރު، މޫނު ބުރުގާ އަޅައި ނިވާވުމަށް ބޭނުންވާ މީހާގެ މިނިވަންކަން ކޮބައިތޯއެވެ؟!
- މޫނު ބުރުގާ އަޅައިގެން ދަތުރުފަތުރު ކުރުމާއި އަދިވެސް އެހެން ތަންތަނުގައާއި ހާލަތްތަކުގައި އުޅެވޭ އިރު، ސްކޫލްތަކާއި ކޮލެޖް ޔުނިވަރސިޓީ އަދި ސަރުކާރު އޮފީސްތަކުގައި ނިވާކޮށްގެން ނޫޅެވެންވީ ކީތްވެގެން ތޯއެވެ؟!
އަންހެނުންގެ ފަރުދާ މަނާ ކުރެވޭ އަސްލު ސަބަބަކާއި މެދުގައި ވިސްނައިލުމުން ފާޅުވަނީ...
- އަންހެނުންގެ ފަރުދާ އާއި އިދިކޮޅަށް ގާނޫނާއި ގަވާއިދު ހަދާ ހުރިހައި ތަނެއްގައި އަތްގަދަ ކޮށްފައިވާ ބަޔަކީ ފިރިހެނުން ކަމުގައި ވީ އިރު، އަންހެނުންގެ ޝުޢޫރާއި ޚިލާފަށް ގާނު ހަދައި އެކަނބަލުންގެ ދީނީ އަދި އަމިއްލަ މިނިވަންކަމާއި ޢިތްފަތްތެރިކަން ނަގާލައި، ތަޢުލީމު އުނގެނުމާއި މަސައްކަތް ކުރުން ފަދަ ދީނީ އަދި ދުނިޔެވީ އަސާސީ ހައްގު ތަކުން އެކަނބަލުން މަޙުރޫމު ކުރުމުގެ މަސައްކަތް ހަގީގަތުގައި މި ހިންގަނީ ފިރިހެނުން އިސްކޮށް ތިބެގެން ނުވަތަ ފިރިހެނުންގެ އަޣުލަބިއްޔަތުން ކަމުގައި ވާތީ ވަރަށް ސުވާލު އުފެދެއެވެ.
- ޖަވާބުގައި ބުނެވެން އޮތީ އަޅުގަނޑުގެ ބަނީ ޖިންސްގެ ބައެއް ބޭފުޅުން ހިތްޕުޅާއި ނުވާ ފަދަ ބަހެކެވެ.
ހަގީގަތަށް ފުންކޮށް ބަލާލައިފި ނަމަ ފެންނަނީ :
- އެއީ ﷲ އާއި އެކަލާނގެ ރަސޫލާގެ ދުޝްމަނުން އެބައިމީހުންގެ ޢަދާވާތްތެރި ކަމުން، މުސްލިމުންގެ ދީނާއި އަޚްލާޤް ހަލާކު ކުރުމަށްޓަކައި ބޭނުން ކުރަމުންދާ ހަރުބެކެވެ. އެބައިމީހުންގެ ދޫތަކުން މިކަން ފާޅުވެފައިވެއެވެ.
- އަނެއް ކަމަކީ އެފަދަ ފިރިހެނުންގެ ޖިންސީ އެދުންތަކަށް އަންހެނުން އަޅުވެތި ކުރުމުގެ މަސައްކަތެއް ކަމެވެ. އަންހެނުން އެކުގައި ނިވާކޮށްފައި ތިބުމުން، ތިމާމެނަށް އެ އެދުން ހާސިލު ނުވާތީ އެކަމާއި ހެދިއެވެ. ފަރުދާ އަކީ ޖިންސީ މަޖުބޫރު ކުރުވުންތަކުން އަންހެނުން އެއްމެ ބޮޑަށް ރައްކާތެރި ކޮށްދޭ އާލަތެވެ.
މޫނު ބުރުގާ އެޅުން މަނާ ކުރުމަކީ ލާދީނީ ޢަމަލަކަށް ވަނީ ކީތްވެގެންތޯ؟
އިސްވެދިޔަ ހަގީގަތްތަކުން ސާފުވާ ގޮތުގައި :
- މޫނު ބުރުގާ އެޅުމަކީ އަންހެނުންގެ ޙިޖާބު ކުރުމާއި ފަރުދާ ކުރުމުގެ ތެރެއިން ވާ ކަމެކެވެ.
- ވީމާ، މޫނު ބުރުގާ އެޅުމަކީ ނުވަތަ މޫނު ނިވާ ކުރުމަކީ ދީނީ ޝިޢާރެކެވެ.
- ވީމާ، މޫނު ބުރުގާ މަނާ ކުރުމަކީ އިސްލާމީ ޝިޢާރެއް މަނާ ކުރުމެވެ.
- އިސްލާމީ ޝިޢާރަކާއި އިދިކޮޅުވުމަކީ މާތް ﷲ ގެ ދީނާއި ޝަރީޢަތަށް އިހާނެތިކޮށް ހިތުމެވެ. އެފަދަ ޢަމަލަކީ ދެބަސްވުމަކާއި ނުލައި ލާދީނީ ޢަމަލެކެވެ.
- މޫނު ބުރުގާ އެޅުމާއި ބުރުގާ އެޅުން ފަދަ އަދިވެސް އެހެން ދީނީ ޝިޢާރުތައް މަނާ ކުރުމާއި އެފަދަ ކަންކަމަކީ ޒަމާނާ ނުގުޅޭ، ނާ ތަހުޛީބު، ހަރުކަށި ޢަމަލެއް ކަމުގައި ސިފަކުރާ ބަޔަކީ ކާފަރުންނާއި މުނާފިގުންނެވެ.
- ވީމާ، ދީނީ ޝިޢާރުތައް، ޚާއްޞަކޮށް މޫނު ބުރުގާ އާއި އަންހެނުންގެ ފަރުދާ ކުރުމަށް ދަތިކޮށް، އަކަން މަނާ ކުރަނީ އެފަދަ މީހުންނެވެ. ޔޫރަޕްގެ ބައެއް ގައުމުތަކާއި ޢަލްމާނީ، ލާދީނީ އަދި ބަޢްޘީން ގެ ސަރުކާރުތަކުގައެވެ.
- މި ފަހަކަށް އައިސް ޔޫރަޕް ގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފައިވަނީ ފްރާންސް އާއި ޑެންމާރކް ފަދަ މަދު ގައުމެއްގައެވެ. އަދި އިސްލާމީ ގައުމު ތަކުގެ ތެރެއިން ދިވެހި ރާއްޖެ ފަދަ މަދު ތަނެއްގައެވެ.
- މިއަދު އިސްލާމީ ގިނަ ގައުމު ތަކުގައި ހެޔޮ ބަދަލު ތަކެއް އަންނަން ފެށުމާއި ގުޅިގެން ކުރީގައި މޫނު ބުރުގާ އެޅުމާއި ނިވާކުރުމަށް ދަތިކުރުމުގެ ގޮތުން އެޅިފައިވާ ހުރައްސަތައް ދަނީ މުގުރެމުން، ނިވާކުރާ މުސްލިމު އަންހެނުންގެ އަދަދު އިތުރު ވަމުންނެވެ.
- ކަން މިހެން ހުރި އިރުގައި، މޫނު ބުރުގާ އެޅުމާއި އަންހެނުންގެ ފަރުދާ އާއި އަދިވެސް ފިރިހެނުންގެ ތުނބުޅިއާއި ލިބާހާއި މެދުގައި ކަނޑައެޅިފައިވާ ދީނީ ހަމަތަކާއި އިދިކޮޅުވެ، އެފަދަ ނަބަވީ ރިވެތި މާތް ސުންނަތްތައް މަނާކުރުމާއި ދަތިކުރުމަކީ ޝައްކެތް ނެތް ގޮތުގައި އިންތިހާއަށް ޖާހިލު، ޢަދާވާތްތެރި ލާދީނީ އަދި ނާތަހުޛީބު ޢަމަލެއްކަމުގައި މެނުވީ ނުވާނެއެވެ.
ނޯޓް: މި ލިޔުމުގައި ބަޔާންކޮށްފައިވާ ހަގީގަތްތައް ސާބިތު ކޮށްދޭނެ ދަލީލެއް ދެއްކުމަށް އަޅުގަނޑުގެ ކިބައިން އެދި ނުލައްވާށެވެ! މިއީ އަޞްލާއި ނައްޞާއި މަޢުޤޫލު ވާހަކައެވެ. މި ހަގީގަތް ގަބޫލު ކުރުމަށް ދަތިފުޅު ވެއްޖެ ބޭފުޅަކު މިއާއި ޚިލާފު ދަލީލެއް ލިބިވަޑައިގެންފި ނަމަ އަޅުގަނޑާއި ހިއްސާކޮށްލެއްވުން އެދެމެވެ. އެއްބަސް ވެވޭފަދަ ސާބިތު ދަލީލެއް ގެންނަވައިފި ނަމަ އަޅުގަނޑުގެ ވާހަކަ މުރާޖިޢާ ކުރުމަށް ތައްޔާރަށް ހުރި ވާހަކަ ދެންނެވީމެވެ.

















މާޝާ ﷲ ! ވަރަށް ފުރިހަމަ ލިޔުމެއް. މިލިޔުމަށް ހަމަ ތާއީދު
ވަރަށް ފުރިހަމަ ލިޔުމެއް.. މިފަދަ ސައްތައިން ސައްތަ މުސްލިމް ކަމަށް ދަޢުވާކުރާ ޤައުމެއްގައި މޫނު ބުރުގާ އަޅައިގެން ރާއްޖޭގެ ސްކޫލްތަކަށާއި ކޮލެޖްތަކަށާއި ވަޒީފާއަށް ނުދެވޭ ކަމީ ހިތާމަކުރާ ކަމެކެވެ. ބުރުގާ އަޅައިފި ނަމަ އަދާނުކުރެވޭ ވަޒީފާތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ. އަދި ހަމަ އެހެންމެ ތުނބުޅި ބަހައްޓައިފިނަމަ އަދާނުކުރެވޭ ވަޒީފާތައް ވެސް އެބަހުއްޓެވެ.. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. އަދި ކަން ކޮށްގެންވާނެ ގޮތެއް ވެސް ނޫނެވެ. މާތްﷲ އެފަދަ ލާދީނީ ފިކުރުތަކުގެ މީހުންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން..
ސިވިލްސާވިސްއިން ހަދާފައިވާ ޤާނޫނަކީ ބާތިލް ޤާނޫނެއްކަން ކަމާމެދު ވަކާލާތުކޮށްދޭނެ ވަކީލެއްގެ ބޭނުން ނުހަނު ބޭނުން. ސަބަބަކީ އެ ޤަވާއިދާހެދި މޫނު ނޭޅި ވަރަށް ގިނަ އުޚުތުން އެބަތިބި. ވީމާ ކޮންމެސް ފަރާތަކުން މިމައްސަލަ ބަލާ ކޯޓަށް ވައްދައިގެން ނަމަވެސް މި ރާއްޖޭގައި ޢިއްފަތްތެރިކަމާއެކު ވަޒީފާ އަދާކުރެވޭނެ ގޮތް އަންހެން ކަނބަލުންނަށް ހައްދަވާދެއްވާ.
މާޝާﷲ ވަރަށް ސަޅި ލިޔުމެއް
މިފަދަ ކަންތަކަށް ތާއީދުކުރާ މީހުންނަކީ ލާދީނީ ބައްކަމާމެދު އަޅުގަނޑު ށައްކެއް ނުކުރަން
ޝައިޙް ގެ ލިޔުން ވަރަށް ފުރިހަމަ. ވަރަށް ހިތްގައިމު. ލިޔުމަށް އިތުރު ކޮށްލަދެއްވި ނަމަ ވަރަށް ރަނގަޅުވީސް ކަންނޭގެ. ރާއްޖޭގައި ވަރަށް މުޙިއްމު ދެ ބާރު ކަމުގައިވާ ފުލުހުންނާއި ސިފައިންގެ ތުނބުޅީގެ މައްސަލަ އާއި އިޛާރުގެ ވާހަވެސް ހިމަނައިލައިދެއްވިނަމަ. އަޅޫގަނޑަށްވެސް އެނގޭ މައުޟޫ އޮތްގޮތުން އެކަން ނުވީކަން. އެހެނަސް އަޅުގަނޑުގެ ހިތް އެކަމަށް އެދެވޭތީ ލިޔެލެވުނީ. ޝައިޙް މެންފަދަ ދީނީގޮތުން ހުއްޖަތް ދެއްކެން ތިއްބެވި ބޭފުޅުން ޝަރުއީ ކޯރޓްތަކުގައި މިކަމަށް ފައިޓް ނުކުރަށްވަނީ ކީޯއްވެތޯ ؟
ވަރަށް ފުރިހަމަ ލިޔުމެއް.. ރާއްޖޭގައި ދީނީ އިލްމްވެރިން ދީން މި އަށް ވުރެ ބޮޑަށް ފެތުހުރުމައް މަސައްކަޔް ކޮްައްދެއްވާ.. އާމީން