ރާއްޖޭގެ ޚަބަރުވިޔަފާރިދިއިސްލާމް

އަމާނާ ތަކާފުލް އިން މިމަހު 20 ވަނަ ދުވަހުން ފެށިގެން ޙިއްޞާ ވިއްކަން ފަށަނީ

އަމާނާ ތަކާފުލް މޯލްޑިވްސްގެ އޮފީސް - ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ފަރާތެއް ކަމަށްވާ އަމާނާ ތަކާފުލް މޯލްޑިވްސްގެ ޙިއްޞާ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވިއްކުމަށް ހަމަޖައްސައިފިއެވެ.

މިބުރުގައި 800,000 ޙިއްޞާ ވިއްކުމަށް ހަމަޖެހިފައިވެއެވެ. 20 ރުފިޔާގެ މަގުން ވިއްކުމަށް ހަމަޖެހިފައިވާ ހުރިހާ ޙިއްޞާއެއް ވިކިއްޖެނަމަ، ކުންފުނީގެ ރައުސުލްމާލަށް 16 މިލިއަން ރުފިޔާ އިތުރުވެގެން ދާނެއެވެ. އަމާނާ ތަކާފުލް މޯލްޑިވްސް އަކީ އަމާނާ ގްލޯބަލްގެ 60.7 އިންސައްތަ ޙިއްޞާވާ އަދި އެޤައުމުގެ ކުންފުންޏެއް ކަމަށްވާ އެކްސްޕޯ ލަންކާ ހޯލްޑިންގްސްގެ 25 އިންސައްތަ ޙިއްޞާކުރާ ކުންފުންޏެކެވެ. ޢާއްމުންނަށް ޙިއްޞާ ވިއްކުމުގެ ސަބަބުން އަމާނާ ގްލޯބަލްގެ ޙިއްޞާގެ އިންސައްތަ 55.2 އިންސައްތަ އަށް ދަށްވާނެއެވެ.

މިދިޔަ 2010 ވަނަ އަހަރު އެކުންފުންޏަށް 9,344 އެމެރިކާ ޑޮލަރު (މިހާރުގެ ރޭޓުންނަމަ، 144 ހާސްރުފިޔާ) ފައިދާ ވެފައިވެއެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅައިކިޔާއިރު، 80 އިންސައްތައިގެ ދަށްވުމެކެވެ. އަދި އާމްދަނީވެސް މިދިޔަ އަހަރު 20 އިންސައްތަ އަށް ދަށްވެފައިވެއެވެ.

އެކުންފުނިން ހާމަކުރާ ގޮތުގައި ފައިދާ މިހާބޮޑަށް ދަށްވުމުގެ ސަބަބަކީ އިޤްތިޞާދީ ޙާލަތު ދަށްވުމުގެ އިތުރުން، އިންޝުއަރެންސްގެ ޤަވާޢިދުތައް ހަރުކަށިވެ، ވާދަވެރިކަން ބޮޑުވުމެވެ. އެހެންނަމަވެސް، މިއަހަރުގެ ފައިދާ ރަނގަޅުވާނެ ކަމަށް ކުންފުނިން އުއްމީދު ކުރެއެވެ.

ޢާއްމުންނަށް ޙިއްޞާ ވިއްކުމުގެ ސަބަބުން ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވެ، އިންޝުއަރެންސްގެ ޚިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަގު ތަނަވެސްވެ އަދި ރީ-އިންޝުއަރެންސް (ދެވަނަ ފަހަރަށް އިންޝުއަރެންސް) ކުރުމަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ކުންފުނިން އުއްމީދު ކުރެއެވެ.

____

މަޞްދަރު: ލަންކާ ބިޒްނަސް އޮންލައިން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *