ރާއްޖޭގެ ޚަބަރުދިއިސްލާމް

ދިވެހިރާއްޖެ އިން އދ. ގައި އެމެރިކާ ބޭނުންވާ ގޮތަށް ވޯޓް ކަށަވަރުކޮށްދިން ކަމުގެ ލިޔުމެއް ވިކިލީކްސް އިން ފަޅާއަރުވާލައިފި

ޑރ. ޝަހީދު

2008 ވަނަ އަހަރުގެ ނޮވެމްބަރ 19 ވަނަ ދުވަހު ދިވެހިރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދާއި ޙަވާލާދީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވާފައިވާ އަވަސް މެސެޖެއް ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތެރޭގައި ހިނގާ ކަންތައްތައް ބޭޒާރުކުރަމުންދާ މަޝްހޫރު ވެބްސައިޓެއްކަމަށްވާ ވިކިލީކްސް އިން ފަޅާއަރުވާލައިފިއެވެ.

ނިމިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ވިކިލީކްސްއިން ޢާއްމުކުރި މި މެސެޖަކީ އދ. އަށް ހުށަހެޅި މައްސަލައެއްގައި ރާއްޖެ އިން ވޯޓް ދޭނެ ގޮތް ބަޔާންކޮށް، އެމެރިކާއަށް ރާއްޖޭގެ ސަރުކާރުން ކުރާ ސަޕޯޓް ގެ ޔަޤީންކަން އެރުވުމަށް އެކަމުގެ މަޢުލޫމާތު ދީފައިވާ ލިޔުމެކެވެ. މި މެސެޖްގައިވާ ގޮތުން އޭރު އދ. ގައި ވޯޓް ލުމަށް ތައްޔާރުވަމުންދިޔަ ދެ ޤަރާރުކަމަށްވާ އުތުރު ކޮރެއާ އާއި ބަރުމާއާ ދެކޮޅަށް ފިޔަވަޅު ނޭޅުމުގެ ޤަރާރާ ދެކޮޅަށް ވޯޓްދޭނެކަމުގެ ޔަޤީންކަމާއި އަދި ދެން ހުށަހެޅުނު އަނެއް ޤަރާރުކަމަށްވާ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ޤަރާރަށް ވޯޓްދިނުމުގެ ޖަލްސާގައި ރާއްޖޭގެ ވަފުދު ހާޟިރުނުވުމަށް އަންގަވާފައިވާކަމަށް، އެމެރިކާގެ އެމްބެސަޑަރަށް ޑރ. ޝަހީދު ޔަޤީންކޮށް ދެއްވާފައި ވެއެވެ.

ވިކިލީކްސްގެ މެސެޖްގައި ވާގޮތުން މި ވޯޓްގައި ރާއްޖެއިން ބައިވެރި ނުވުމަށް ނިއްމީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ޤަރާރާ އެއްކޮޅަށް ވޯޓް ނުދޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) އިން ނިންމާފައިވާތީ ރާއްޖެ އިން އެފަދައިން ވޯޓް ދެވެންނެތީމައެވެ.

ބެލެވޭ ގޮތުގައި އީރާނާ ދެކޮޅަށް އޭރު ފާސްކުރުމަށް އެމެރިކާ އިން މަސައްކަތް ކުރަމުން ދިޔަ ޤަރާރަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ 1803 ވަނަ ޤަރާރެވެ. އެއީ އީރާނާ ދެކޮޅަށް އެކައުންސިލުން 2006 ވަނަ އަހަރު ފާސްކުރި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ޤަރާރު އިތުރަށް ވަރުގަދަ ކުރުމަށް އެމެރިކާ އިން ހުށައެޅި ޤަރާރެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މީ ފައްކާ ޔަހޫދީސަރުކާރެއް އެމީހުންބޭނުންވާގޮތައް މިސަރުކާނުން ކަންތައްކުރާނެކަން ރަށްޔަތުންނައް އެގޭނެ 2013ރައިގެ އިންތިޙާބުގަ ވަޓިކަން އާއި ޔަހޫދިން މިސަރުކާރު ނަގަހައްޓަން ރާށްޖޭގެ ބައެއް ވިޔަފާރިވެރީން ނާ މިހާރުމަޝްވަރާ ކުރަމުންދަނީ އެމިހުންގެ ފަންޑު މިަބއިމީހުންނައް ފޯރުކޮއްދިނުމައް މެދުވެރިޔެއްގެރޯލުއަދާކުރަނީ ރަތްލާޖެހި ދިވެހީން ދެންކުރާނެކަމެއްނެއް[ސޮރީ]

Your email address will not be published. Required fields are marked *