ރާއްޖޭގެ ޚަބަރު

"ޒަކާތު ނަފާ" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއިން ޕްރޮގްރާމެއް ފަށަނީ

ދިވެހި ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން 'ޒަކާތު ނަފާ' ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމީކް މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ޕްރޮގްރާމް ކުރިއަށް ދާނީ ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން އަދި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކޮށްގެންނެވެ. އަދި މި އުސޫލުގެ ތެރެއިން ޒަކާތުގެ ފައިދާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދެވިގެންދިއުމާއިއެކު އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއްފަހިކޮށްދީ ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އެމިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.

އެގޮތުން މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި އެމިނިސްޓްރީއިން ފާހަގަ ކޮށްފައިވަނީ:

  • ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން.
  • ޒަކާތު ފަންޑުގެ އެހީތެރިކަމުގައި މި ފުރުޞަތު ފޯރުކޮށްދެވޭ ފަޤީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުން.

އެމިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި ޒަކާތު ފަންޑުން އެހީދިނުމުގައި އިސްކަންދޭނީ ގައުމީ ތަރައްޤީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 2021 އަދި 2022 ވަނަ އަހަރު ހިންގާނެ ޕްރޮގްރާމްތަކުގައި ގެދޮރުން އާމްދަނީ, ޕޯލްޓްރީ ފަރމިންގް, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން, ފަރުމަސްވެރިކަން, ފެހުން, ތަމްރީން/ "އޮން ދަ ޖޮބް" ޓްރައިނިންގ / އެޕްރެންޓިސްޝިޕް ފުރުސަތުތަށް ހޯދައިދިނުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އެމިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ 5 އަހަރުގެ މުއްދަތަކަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *