މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމަށް ކ. ކާށިދޫ، ގަހާ، އަޙްމަދު ޢަދީލް ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ޕީއެސްގެ މަޤާމަށް އަޙްމަދު ޢަދީލް އައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައި ވަނީ، މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އެވެ.
އަޙްމަދު ޢަދީލްއަކީ މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ މިހާތަނަށް ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ކ. އަތޮޅު މަދަރުސާގެ އެކައުންޓްސް ޓީޗަރުގެ މަޤާމެވެ. އަދި 2004 އިން 2017 ގެ ނިޔަލަށް އެ ސްކޫލުގެ ތަފާތު މަޤާމުތަކުގައި މަސައްކަތް ކުރެއްވިއެވެ. އެ މުއްދަތުގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސެކަންޑްރީ ޓީޗަރުގެ އިތުރުން ގްރޭޖުއޭޓް ލީޑިންގ ޓީޗަރގެ މަޤާމާއި، ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމު ހިމެނެއެވެ.
ޢަދީލް މާސްޓާރސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރެއްވީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ. 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޚިދުމަތް ކުރެއްވީ ކ. ގުޅީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އާ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް މިއަދު އަލްފާޟިލް އަޙްމަދު ޢަދީލް އައްޔަނުކުރައްވައިފިއެވެ.#MVIaffairs pic.twitter.com/nn3dRMlusv
— Ministry of Islamic Affairs (@MVIaffairs) February 15, 2022
އޭނާ ތަޢުލީމީ ދާއިރާއަށް ކޮށްދެއްވި އިތުރު ޚިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އައު ޤައުމީ މަންހަޖަށް މުދައްރިސުން އަހުލުވެރިކުރުމަށްޓަކައި، ޓްރެއިނަރެއްގެ ގޮތުން، އެ ކަރިކިއުލަމް ތަންފީޒުކުރެވެން ފެށީއްސުރެ ހަރަކާތްތެރިވެލެއްވިއެވެ. މީގެ އިތުރުން 2017 އަދި 2018 ވަނަ އަހަރު ޤައުމީ ޔުނިވަސިޓީ އަދި އެހެނިހެން ބައެއް ކޮލެޖްތަކުގައި ޕާޓު-ޓައިމް ލެކްޗަރަރ އެއްގެ ގޮތުގައި ޢަދީލް ވަނީ މެތަމެޓިކްސް، އެޑިޔުކޭޝަން، މެނޭޖްމަންޓު އަދި ސައިކޮލޮޖީގެ އެކިއެކި މާއްދާތައް ސެޓްފިކެޓް 4، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ކިޔަވައި ދެއްވާފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ބައެއް ޓްރެއިނިންގތަކުގައި އެކްސްޓަރނަލް ޓްރެއިނަރެއްގެ ގޮތުން ޢަދީލް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

















ޚިޔާލު